ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ހުކުރު ދުވަހު ވެކްސިން ޖެހީ 755 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 82 މީހުންނެވެ. އަދި ދެވަނަ ޑޯޒު ޖެހީ 673 މީހުންނެވެ. ހުކުރު ދުވަހަކީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުން މެދުކަނޑާލާފައިވާ ދުވަހެއް ކަމުން، އެ ދުވަހު ވެކްސިން ޖެހީ އަތޮޅުތެރެއިން އެކަންޏެވެ.
މިއާއެކު ވެކްސިން ޖެހި މީހުންގެ އަދަދު 305،401ށް އަރާފައިވާއިރު ދެވަނަ ޑޯޒު ޖަހާފައި ވަނީ 153،946 މީހުން އެކަންޏެވެ. ރާއްޖޭގައި 200،000ށް ވުރެ ގިނަ މީހުން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި އިރު އެ އެންމެނަށް ދެވަނަ ޑޯޒު ހަމަވުމުގެ ކުރިން އެ ވެކްސިން ވަނީ ހުސްވެފައެވެ. ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ބުނި ނަމަވެސް ވެކްސިން ލިބޭނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ. އޭގެ ސަބަބުން 20،000އެއްހާ މީހުންނަށް ވެކްސިން ނުޖެހި ތިބި އިރު، ކޮވިޝީލްޑް ގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އެ ވެކްސިން ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން ފައިޒަރ އަދި ސިނޮފަރމް ވެކްސިނަށް ހުއްދަ ދީފައިވާއިރު ދާދި ފަހުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ން ވަނީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. އޭގެ ތެރެއިން މިވަގުތު ރާއްޖޭގައި ޖަހަމުން އަންނަނީ ފައިޒާ ސިނޮފާމް އަދި ކޮވިޝީލްޑްއެވެ.
ރާއްޖޭގައި ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ޖަހަމުން އަންނައިރު ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. މާލެ ސަރަހައްދުން ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފެށިގެން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށްފައިވާއިރު، ޕާކުތަކާއި މައިޒާންތަކުގެ އިތުރަށް ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.