ސްޕެނިޝް ލީގުގެ ފަހު މެޗުގައި ހޮނިހިރު ދުވަހުގެރޭ އެއިބާއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި ނުކުޅެ، ޗުއްޓީއަކަށް ދާން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ނިންމައިފިއެވެ.
އުމުރުން 33 އަހަރުގެ މެސީ އެއިބާއާ ދެކޮޅަށް ކުޅޭ ބާސާގެ ޓީމުގައި ބައިވެރިނުވަން އެދުނީ އަމިއްލައަށެވެ. އެއާއެކު މެސީއަށް އެ ހުއްދަދިނުމަށް ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ނިންމާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެއިބާއާ ދެކޮޅަށް ނުކުޅެ ޗުއްޓީއަކަށް ދާން މެސީ ނިންމީ އަންނަ މަހު އާޖެންޓީނާގައި ބާއްވަން ތާވަލުކޮށްފައިވާ ކޮޕާ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުންނާއި، މުސްތަގުބަލާ މެދު ގޮތެއް ނިންމުމުގެ ކުރިން އަރާމްކޮށްލުމުގެ ބޭނުމުގައެވެ.
މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުކުރުމުގެ ފުރުސަތު މެސީއަށް ލިބޭއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމާފައެވެ. އެކަމަކު މެސީގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެ ފަހަރު އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެސީ ހޯދުމަށް ދާދި ފަހުން ޕީއެސްޖީން ވަނީ ބޮޑު މުސާރަ ލިބޭ އެއްބަސްވުމެއް ހުށަހަޅާފައެވެ. އަދި އޭނާ ހޯދަން މެންޗެސްޓާ ސިޓީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މެސީގެ ވިސްނުން ހުރީ 2023 ވަނަ އަހަރުގެ ނިޔަލަށް ބާސާގައި މަޑުކުރުމަށެވެ. އަދި ބާސާގެ އައު ރައީސް ޖޮއާން ލަޕޯޓާއާއެކު އެއްބަސްވުން އާކުރުމާ ގުޅޭ ގޮތުން މެސީ ވަރަށް އަވަހަށް މަޝްވަރާކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ. އެގޮތުން މިހާތަނަށް ކުޅުނު 778 މެޗުގައި 672 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައިވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީއަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.
ލީގުގެ ފަހު މެޗުގައި ނުކުޅެން މެސީ ނިންމިއިރު، ބާސާއަށް ވަނީ މި ސީޒަނުގެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ގެއްލިފައެވެ. މިހާރު އޮތް ގޮތުން ލީގު ހޯދުމުގެ ފުރުސަތު އޮތީ ތާވަލުގެ ކުރީގައި އޮތް އެތުލެޓިކޯ މެޑްރިޑާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށެވެ.