ކ. މާލެ
|
21 މެއި 2021 | ހުކުރު 17:22
ކުޅިވަރު އާއިލާ އޮތީ ފަލަސްތީނާއެކުގައި ކަން ވަނީ ހާމަކޮށްފައި
ކުޅިވަރު އާއިލާ އޮތީ ފަލަސްތީނާއެކުގައި ކަން ވަނީ ހާމަކޮށްފައި
ރާއްޖެ އެމްވީ
ކުޅިވަރު އާއިލާ ފަލަސްތީނާއެކު
ދިވެހި ކުޅިވަރު އާއިލާ ފަލަސްތީނާއެކު
 
ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތުގައި ގައުމީ ފުޓުބޯޅަ ޓީމު ވަނީ ބައިވެރިވެފައި
 
ކުޅިވަރު އާއިލާ އަބަދުވެސް މުސްލިމުންނަށް ދިމާވާ ދަތި ހާލަތުގައި އެހީވާނެ

ކުޅިވަރުގެ އާއިލާއަކީ ގައުމަށް އަދި މުސްލިމު އުންމަތަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައި އެހީވުމުގެ އަތެއް ދިއްކޮށްލުމަށް ކެތް މަދުވެފައި ތިބޭ ބަޔަކެވެ. މީގެ ކުރިންވެސް މުސްލިމު އުންމަތަށް ދިމާވި އެކި ކަހަލަ ކަންކަމުގައި ކުޅިވަރު އާއިލާއިން ވަނީ ބޮޑު އެހީތެރިކަމެއް ވެދީފައެވެ.

އިސްރާއީލުގެ ޔަހޫދީ ސަރުކާރުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާއި ގުޅިގެން ކުޅިވަރު އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ފަލަސްތީނަށްޓަކައި ވަރުގަދަ ކެމްޕެއިނެއް ވެސް ކުރިޔަށް ގެންގޮސްފައެވެ. މިކަމުގައި ވަކި ކުޅިވަރެއް ތަފާތު ވުމެއް ނެތެވެ.

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލީ އުމަރު ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުގައި ވިދާޅުވީ ފަލަސްތީނުގައި ތިބީ ދިވެހިން ފަދަ މުސްލިމުންތަކެއް ކަމަށާއި، މުސްލިމު އަޚުންނާއި އުޚުތުންނަށް ދިމާވާ ކޮންމެ ކަމެއްގައި ފުޓުބޯޅަ އާއިލާ އަބަދުވެސް އޮންނާނީ އެހީވުމަށް ތައްޔާރަށް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ފަންޑް ހޯދުމުގެ އިވެންޓްތަކުގެ ބޭނުން ހިފައި އެހީވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިވަގުތަށް ބަލާއިރު ސޯޝަލް މީޑިއާ ޕޯސްޓްތަކަށްވުރެ ފިޒިކަލްކޮށް އެހީއެއް ވެދިނުން މުހިންމު ފަލަސްތީނު ރައްޔިތުންނަށް. ފުޓުބޯޅަ އާއިލާ މިތިބީ އެ ފަލަސްތީނާއެކު
ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލީ އުމަރު

ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ، އިސްރާއީލުގެ ޔަހޫދީން މުސްލިމުންގެ މުގައްދިސް ބިމުގައި ހިންގަމުން އަންނަ ޖަރީމާތައް ކުށްވެރިކުރާ ކަމަށާއި، ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީވުމަށް ވޮލީ އާއިލާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

ވޮލީ އާއިލާ އަބަދުވެސް އޮންނާނީ ފަލަސްތީނު ރައްޔިތުންނާއެކު. މިފަދަ ކޮންމެ ކަމެއް މުސްލިމުންނަށް ދިމާވި ނަމަވެސް ވޮލީ އާއިލާގެ ބައިވެރިވުން ފެނިގެންދާނެ
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް

ބާސްކެޓް ބޯޅައިގެ އަޙްމަދު ނަޒީފް (ނަޒީ) ވިދާޅުވީ މުސްލިމުންނަށް ދިމާވާ ދަތި ހާލަތުގައި އެހީވުމަށް ބާސްކެޓް އާއިލާ އަބަދުވެސް ތައްޔާރަށް އޮތް ކަމަށާއި، މިފަދަ ދަނޑިވަޅުތަކުގައި ބޭއްވޭ ފަންޑް އެއްކުރުމުގެ އިވެންޓުތަކުގެ ބޭނުން ހިފައި އަޅުގަނޑުމެންގެ އަތުން ކޮންމެވެސް އެއްޗެއް ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ހޭދަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މުސްލިމުންނަށް ދިމާވާ ދަތި ހާލުގައި ބާސްކެޓް އާއިލާ އަބަދުވެސް އޮންނާނީ މުސްލިމުންނަށް އެހީވުމަށް ތައްޔާރަށް. މިވަގުތު އެ ރައްޔިތުންނަށް އެންމެ ބޭނުންވާނީ އެހީ
އަޙްމަދު ނަޒީފް

މީގެ އިތުރުން ޒުވާނުންތަކެއް އިސް ނަގައިގެން ދިވެހިން ފަލަސްތީނާއިއެކު ތިބިކަން ދައްކުވަން ބޭއްވި ހަރަކާތުގައި ހޮޓެލް ޖެންގައި ތިބި ގައުމީ ފުޓުބޯޅަ ޓީމު ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ކޯޗުން ވަނީ ފަލަސްތީނާއިއެކު ތިބިކަން ދައްކުވައިދޭން ފަލަސްތީނު ދިދަ އާއިއެކު ފޮޓޯ ނަގައިފައެވެ.

ކުޅިވަރަށް ބަލާއިރު ފަލަސްތީނު ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު އޭއެފްސީ ޗެލެންޖު ކަޕުގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ރާއްޖެ އަދި ފަލަސްތީނު ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ފަލަސްތީނުން ވަނީ ހޯދައިފައެވެ. މުބާރާތުގެ ފައިނަލް މެޗު ބަލަން ގިނަ ދިވެހިންތަކެއް ގައުމީ ފުޓުބޯޅަ ދަނޑަށް ދިޔައިރު، ދިވެހީން ވަނީ ފަލަސްތީނަށް އޮތް ސަޕޯޓު އެ މެޗުގައިވެސް ދައްކުވައިދީ، ފަލަސްތީނަށް ސަޕޯޓުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް