ކޮވިޑް-19 ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ ދެން ކޮންޓެކްޓް ޓްރޭސް ކުރާނީ ހަމައެކަނި ޕޮޒިޓިވް މީހާއާ އެއްތަންވި ހައިރިސްކް މީހުން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިންގައި އިސްކޮށް އުޅުއްވާ އައިމިނަތު އަރޫޝާ ވިދާޅުވީ ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު އިންތިހާއަށް މައްޗަށް ގޮސް, ކޭސްތަކާ ގުޅުންހުރި ކޮންޓެކްޓުން ޓްރޭސް ކުރުމަށް ދަތިތަކެއް ދިމާވެފައި ވާކަމަށެވެ. އަދި އޭގެ ސަބަބުން ޕޮޒިޓިވް ކޭސްއަކާ ކޮންޓެކްޓް ވެފައިވާ ހައިރިސްކް ފަރާތްތަކުގެ މައުލޫމާތު ހޯދުން އަވަސްކުރުމަށް ހުރަސް އެޅިފައިވާކަމަށް އަރޫޝާ ވިދާޅުވިއެވެ.
މި ދުވަސްވަރު ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ރިޕޯޓު ކުރާ އަދަދު އިތުރުވެގެން އައިސްފައި ވާއިރު އެވްރެޖްކޮށް ދުވާލަކު 1500 އެއްހާ ކޭސް ރިޕޯޓު ކުރެވެމުން އަންނަ މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު މި ރިޕޯޓުކުރެވޭ ކޭސްތަކުގެ ތެރޭން ކޭސްތަކަށް ގުޅާ ކޭސްތަކުގެ ހުރިހާ ކޮންޓެކްޓުން ޓްރޭސް ކުރުމުގައި ލަސްތަކެއް މިވަނީ މެދުވެރިވެފަ. މިކަމުގެ ސަބަބުން ޕޮޒިޓިވް ކޭސްއަކާ އެއްތަން ވެފައިވާ ހައިރިސްކް ނުވަތަ ބޮޑުވަރު ވެދާނެ ނުވަތަ ފުރާނައަށް ނުރައްކާ ވެދާނެ ފަރާތްތައް ދެނެގަނެ އެބޭފުޅުންނަށް އެ ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގަ މިއަންނަނީ ލަސްތަކެއް މެދުވެރިވަމުން.އެޗްއީއޯސީގެ ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން އައިމިނަތު އަރޫޝާ
އަރޫޝާ ވިދާޅުވީ, ކޮންޓެކްޓް ޓްރޭސިންގެ އުސޫލަށް ގެނެވުނު ބަދަލާއެކު ކޮންޓެކްޓް ޓްރޭސް ކުރާއިރު ހަމައެކަނި އެއްކުރާނީ ޕޮޒިޓިވް ކޭސްއަކާ ދިމާވެފައިހުރި ހައިރިސްކް މީހުންގެ މައުލޫމާތުކަމަށެވެ. އަދި މި ބަދަލަކީ ހައިރިސްކް މީހުން އަވަހަށް ދެނެގަނެ އެބޭފުޅުންނަށް ދޭންޖެހޭ ޚިދުމަތްތައް ވިހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްޓަކައި ގެނެވުނު ބަދަލެއް ކަމަށެވެ.
ހައިރިސްކް ކެޓަގަރީގެ ގޮތުގައި ބެލެވެނީ, އުމުރުން 60 އަހަރުން މަތީގެ މީހުންނާއި, އެއް އަހަރުން ދަށުގެ ކުޑަކުދިންނާއި, މާބަނޑު މީހުންނާއި, ދާއިމީ ބައްޔަކަށް ބޭސްކުރާ މީހުންނާއި, ޚާއްސައެހީއަށް ބޭނުންވާ މީހުންގެ އިތުރުން ނޭވާއަށް އުނދަގޫވުން ފަދަ އަލާމާތެއް ހުންނަ މީހުންނެވެ.
ހައިރިސްކް ކެޓަގަރީގެ މީހުން ކޮންޓެކްޓް ޓްރޭސް ކުރުމަށް ނިންމާފައިވާ އުސޫލަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައެވެ. އެހެން ސަރަހައްދުތަކުގައި އަމަލުކުރެވެމުން ދާނީ ކުރިން ވެސް އަމަލު ކުރެވެމުން ދިޔަ އުސޫލުންނެވެ.
މާލެ ސަރަހައްދުގައި ހައިރިސްކް މީހުންނަށް އަމާޒުކޮށްގެން ކޮންޓެކްޓް ޓްރޭސް ކުރުމަށް ނިންމާފައި ވީ ނަމަވެސް, ޕޮޒިޓިވް ކޭސްތަކާ އެއްތަން ވެފައިވާ މީހެއް ނަމަ އަމިއްލައަށް އެކަން ރިޕޯޓު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްއީއޯސީން ބުނެއެވެ.