ކ. މާލެ
|
21 މެއި 2021 | ހުކުރު 08:42
ހަމާސް އާއި އިސްލާމިކް ޖިހާދު
ހަމާސް އާއި އިސްލާމިކް ޖިހާދު
އަލްޖަޒީރާ
އިސްރާއީލާ ދެކޮޅު ޖިހާދު
އިސްރާއީލު ޖެހިލުންވާ ހަމާސް އާއި އިސްލާމިކް ޖިހާދު، ދޫދިނުމެއް ނެތް
ހަމާސް އުފެދިގެންދިޔައީ 1987 ވަނަ އަހަރު ފުރަތަމަ އިންތިފާޟާއަށް ފަހު
އިސްލާމިކް ޖިހާދު އުފެދިފައިވަނީ 1981 ވަނަ އަހަރު
ދެ ޖަމާއަތަކީވެސް އިސްރާއީލުން ބިރު ގަންނަ ދެ ޖަމާއަތް

ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް އުފެދުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންދާ އަނިޔާތަކާއި ދެކޮޅަށް ހަނގުރާމަކުރާނެ ޖަމާއަތްތައް އެބިމުން ވަނީ އުފެދިފައެވެ. އެޖަމާއަތްތަކަކީ އިސްރާއީލަށް އޮތް އެންމެ ބޮޑު ގޮންޖެހުންވެސްމެއެވެ. އަދި އިސްރާއީލުން ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީވެސް މިޖަމާއަތްތަކެވެ. އޭގެތެރެއިން ހަމާސް އާއި އިސްލާމިކް ޖިހާދަކީ ފާހަގަކޮށްލެވޭ ދެ ޖަމާއަތެވެ. މިޖަމާއަތްތަކުގެ އަޑު ކަނޑުވާލާ ވުޖޫދުން ފޮހެލުމަށް ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަ ކުރުމުގެ އިތުރުން ފިކުރީ ހަނގުރާމަވެސް އިސްރާއީލުން ކުރިޔަށް ގެންދެއެވެ.

ހަމާސް އުފެދުން:

ހަމާސް އުފެދިގެން ދިޔައީ 1987 ވަނަ އަހަރުއެވެ. އެއީ ފަލަސްތީނުގެ މައްޗަށް އަތްގަދަކޮށްފައިވާ އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން އެންމެ ފުރަތަމަ ކުރިޔަށްގެންދިޔަ އިންތިފާޟާއަށް ފަހުއެވެ. އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ހަށިފޮޅާލާ އެންމެ ފުރަތަމަ ތެދުވި ތެދުވުމާއެކު ހަމާސް ޖަމާއަތް އުފެދިގެންދިޔައިރު އެޖަމާއަތް އުފެދިގެން ދިޔައީ އިސްރާއީލު ނައްތާލުމުގެ ބޭނުމުގައެވެ.

ހަމާސް އެންމެ ފުރަތަމަ އުފެދިގެން އައީ މައިގަނޑު ދެ ބަޔަކާއެކުއެވެ. އެއީ އަސްކަރީ ހަރަކާތްތައް ކުރިޔަށްގެންދާ ގޮފި އިއްޒުއްދީނުލް ގައްސާމް ބްރިގޭޑް (އަލް ގައްސާމް ބްރިގޭޑް) އާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގާމް ނުވަތަ ސޯޝަލް ވެލްފެއަރ ޕްރޮގްރާމެވެ.

ހަމާސްގެ އަސްކަރީ ހަރަކާތްތައް:

ހަމާސްގެ އަސްކަރީ ގޮފި ގޮފި އުފެދިގެންދިޔައީ 1991 ވަނަ އަހަރުއެވެ. ހަމާސް އިން ވަނީ 1990 އާއި 2000ގެ އަހަރުތަކުގެ ކުރީކޮޅު އިސްރާއީލާ ދެކޮޅަށް ޖާނުން ފިދާވުމުގެ ހަމަލާތައް ދީފައެވެ. މިހަމަލާތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ހަމާސްގެ މަގުބޫލުކަން އިތުރުވެގެންދިޔަ ސަބަބެއްވެސްމެއެވެ. އަދި މިއީ ބައިނަލްއަގްވާމީ މަސްރަހުގައިވެސް ހަމާސް އެންމެ ބޮޑަށް ފާހަގަވެގެންދިޔަ ކަންތައްވެސްމެއެވެ. ހަމާސްގެ އަސްކަރީ ކަންކަން ކުރިޔަށްގެންދާ ގޮފި އިއްޒުއްދީނުލް ގައްސާމް ބްރިގޭޑް ނައްތާލުމަށް އިސްރާއީލުން ވަނީ އެކިފަހަރު މަތިން މަސައްކަތްކޮށްފައެވެ.

ހަމާސްއިން އެންމެ ފުރަތަމަ އިސްރާއީލާ ދެކޮޅަށް ހަމަލާއެއް ދީފައިވަނީ 1989 ވަނަ އަހަރުއެވެ. އެއީ އިސްރާއީލުގެ ސިފައިންގެ ދެ މީހުން ވަގަށް ނެގުމަށްފަހު މަރާލުމެވެ. އެއާއެކު އިސްރާއީލުން ވަގުތުން ހަމާސްގެ ވެރިޔާ ޝެއިޚް އަހުމަދު ޔާސީން ހައްޔަރުކޮށް އެޖަމާއަތުގެ 400އެއްހާ މީހުން ޑީޕޯޓް ކޮށްލިއެވެ. ދެކުނު ލުބުނާނަށް އެމީހުން ފޮނުވާލުމާއެކު ހަމާސް އިން ހިޒްބުﷲ އާއެކު ގުޅުން ގާއިމުކުރިއެވެ.

1991 ވަނަ އަހަރު ހަމާސްގެ އަސްކަރީ ގޮފި އުފަންވުމާއެކު އިސްރާއީލުގެ ރައްޔިތުންނާއި ސިފައިންނަށް އަމާޒުކޮށް އެޖަމާއަތުން ހަމަލާތައްދޭންފެށިއެވެ.

2000 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ފެށުނު ދެވަނަ އިންތިފާޟާގައިވެސް ހަމާސް ވަނީ އިސްދައުރެއް އަދާކޮށްފައެވެ. ދެވަނަ އިންތިފާޟާއަކީ އަލް-އަގްސާ އިންތިފާޟާއެވެ. މިއިންތިފާޟާއަކީ ފުރަތަމަ އިންތިފާޟާއަށް ވުރެ ފުޅާކޮށް ވަރުގަދަކޮށް ކުރިޔަށްގެންދިޔަ އިންތިފާޟާއެކެވެ.

މިއިންތިފާޟާ ނިމިގެންދިޔަ އިރު ފަލަސްތީނުގެ 5500 މީހުންނާއި އިސްރާއީލުގެ 1100 މީހުން އަދި އެހެން ގައުމުތަކުގެ 64 މީހުން ވަނީ މަރުވެފައެވެ. 2000 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރަށް ދިގުދެމިގެންދިޔަ ދެވަނަ އިންތިފާޟާ ނިމުނުއިރު އެއިންތިފާޟާގައި ދީފައިވާ ޖާނުންފިދާވުމުގެ ހަމަލާތަކުގެ 40 އިންސައްތަ ދީފައިވަނީ އަލް-ގައްސާމް ބްރިގޭޑުންކަމަށް 2007 ވަނަ އަހަރުކޮށްފައިވާ ދިރާސާއަކުން ވަނީ އެނގިފައެވެ.

2004 ވަނަ އަހަރު ހަމާސްގެ ލީޑަރ ޔާސީން ވަނީ އެޖަމާއަތުން އިސްރާއީލާ ދެކޮޅަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލާނެކަމަށް ބުނެފައެވެ. ނަމަވެސް އެއީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސް އަދި ޣައްޒާ ހިމެނޭގޮތުން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އިސްރާއީލުން އެއްބަސްވާނަމައެވެ. 1948 ވަނަ އަހަރު އިސްރާއީލުގެ ދައުލަތެއް އުފެދި ހިފާފައިވާ ބިންތައް ފަލަސްތީނަށް ދޭގޮތަށެވެ. ހަމައެއަހަރުގެ މަރޗް މަހާއި އޭޕްރީލް މަހު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ހަމާސްގެ ރޫހީ ލީޑަރ ޝެއިޚް އަހުމަދު ޔާސީން އަދި އެޖަމާއަތުގެ އިސް އެއް ލީޑަރު އަބްދުލް އަޒީޒް އަލް ރަންތީސީ އަވަހާރަކޮށްލިއެވެ.

2005 ވަނަ އަހަރު އިސްރާއީލުގެ އަސްކަރިއްޔާ އިން ޣައްޒާދޫކޮށް ފޭބިއެވެ. ނަމަވެސް އެސަރަހައްދުގެ ވަޔާއި ކަނޑުގެ ސަރަހައްދަށް އަތްގަދަކޮށްފައިވަނީ އިސްރާއީލެވެ. އިސްރާއީލުން ޣައްޒާއިން ފޭބި ފޭބުމަކީ ހަމާސް އިން ގަބޫލުކުރާ ގޮތުގައި އެޖަމާއަތަށް ލިބުނު ކާމިޔާބީއެކެވެ. އަދި އިސްރާއީލުން ހިފާފައިވާ އެހެން ބިންތަކުންވެސް އިސްރާއީލު ނެރޭނެކަމަށް އެޖަމާއަތުން ހާމަކުރިއެވެ.

މީގެއިތުރުން 2005 ވަނަ އަހަރު ބޭއްވި ފަލަސްތީނުގެ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށްފަހު ޖެހިގެން އައި އަހަރު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބުކުރުމަށްފަހު ހަމާސްއިން ފަލަސްތީނުގެ ސިޔާސީ މަސްރަހަށް ނިކުތެވެ.

ހަމާސް ފަލަސްތީނުގެ ސިޔާސީ މަސްރަހަށް:

2005 ވަނަ އަހަރު ބޭއްވި މުނިސިޕަލް އިންތިޚާބުގައި ހަމާސް އިން ބައިތް ލަހާ އަދި ޣައްޒާގެ ރަފާ އާއި ހުޅަނގު އައްސޭރީގެ ޤަލްގިލްޔަ ސަރަހައްދުގެ ކޮންޓްރޯލް ހޯދިއެވެ. އަދި 2006 ވަނަ އަހަރު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހަމާސް އިން ހޯދިއެވެ. ވެރިކަން ކުރާ ފަތަހައިގެ މައްޗަށް ކުރިހޯދާ 132 ގޮނޑީގެ ތެރެއިން 74 ގޮނޑި ހަމާސް އިން ކާމިޔާބުކުރިއެވެ.

ފަލަސްތީނުގެ ސިޔާސީ މަސްރަހުގައި ހަމާސް އިން ހޯދި މިކާމިޔާބީއަކީ ފަލަސްތީނު އިސްރާއީލު ގުޅުމަށް ބަދަލުތަކެއް ގެނުވި ކާމިޔާބީއެކެވެ. އަދި ފަލަސްތީނާއި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާ އޮތް ގުޅުމަށްވެސް ބަދަލުތަކެއް ގެނުވިއެވެ. މައިގަނޑު ސަބަބަކީ ހަމާސް އަކީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ޓެރަރިސް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތަކަށްވުމެވެ. އެހެންކަމުން ހަމާސްގެ ބާރުވެރިކަން ފަލަސްތީނުގައި ގަދަވުމަކީ އެމީހުންނަށް ކުޑަކޮށްވެސް ހަޖަމުކުރުމަށް ފަސޭހަކަމަކަށް ނުވިއެވެ.

އޭރު އެމެރިކާގެ ރައީސަކަށް ހުންނެވި ޖޯރޖް ޑަބްލިޔު ބުޝް ހަމާސް އިން ދެމުންދާ ޖާނުން ފިދާވުމުގެ ހަމަލާ އާއި އެނޫން ހަމަލާތައް ހުއްޓާނުލާހާ ހިނދަކު ހަމާސް އާ އެއްވެސް ގުޅުމެއް ނުބާއްވާނެކަމަށް ވިދާޅުވިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. އެމެރިކާ އާއި ޔޫރަޕުން ފަލަސްތީނަށް ދެމުންގެންދިޔަ ހުރިހާ އެހީތަކެއް ކަނޑާލިއެވެ. ފަލަސްތީނަށް އިގްތިޞާދީ ގޮތުން އިންތިހާއަށް ފިއްތުންތައް ކުރިމަތިކުރުވަން ފެށިއެވެ. މިހުރިހާ ކަމަކީވެސް ފަލަސްތީނުގެ ރައްޔިތުން ހަމާސް އަށް ތާއީދުކުރުމުގެ ނަތީޖާއެވެ.

އެހީތައް ދޭން ފަށާނީ ތިން ޝަރުތެއް ހަމާސް އިންގަބޫލުކުރުމުން ކަމަށް ޔޫރަޕުން ބުނެ ޝަރުތުތައް ކުރިމަތިކުރުވުއެވެ. އެއީ ވަގުތުން ހަމަލާތައް ހުއްޓާލުމާއި އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކުރުމާއި މެދުއިރުމަތީގެ ސުލްހައިގެ އެއްބަސްވުމަށް ތާއީދުކުރުމެވެ. މިއެއްބަސްވުމަކީ 1993 ވަނަ އަހަރު އެކުލަވާލާފައިވާ އޮސްލޯ މުއާހަދާއެވެ. ހަމާސް އިން ވަނީ އެއެއްބަސްވުމަށް ދެކޮޅު ހަދާ އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކުރުމަށް އިންކާރުކޮށްފައެވެ.

މިތިން ޝަރުތަކީ އެއްވެސް އިންސާފުވެރި ޝަރުތުތަކެއް ނޫންކަމަށް ބުނެ ހަމާސް އިން ޝަރުތުތައް ގަބޫލުކުރުމަށް އިންކާރު ކުރިއެވެ.

ނަމަވެސް ހަމާސް އިން 2006 ވަނަ އަހަރު ސިޔާސީ މަސްރަހަށް ނިކުތުމާއެކު ކުރިމަތިވި ފިއްތުންތަކާއެކު ކޮންމެސް ވަރަކަށް ދޫތަކެއްވެސް ދިނެވެ. 2007 ވަނަ އަހަރުގެ ފަހުން ޣައްޒާ ކޮންޓްރޯލްކުރަމުން އަންނަނީ ހަމާސް އިންނެވެ. އަދި އޭގެފަހުން އެކިފަހަރު މަތިން އިސްރާއީލާއި ހަމާސް އާ ދެމެދު ހަނގުރާމަ ހިނގާފައިވެއެވެ. އޭގެތެރޭގައި 2014 ވަނަ އަހަރު 7 ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދިޔަ ހަނގުރާމަ ފާހަގަކޮށްލެވެއެވެ.

އެހަނގުރާމައިގައި ހަމާސްގެ ބާރުގަދަ ކަން އިސްރާއީލަށް ވަނީ އެނގިގެންގޮސްފައެވެ. އަދި މިހާރު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގައިވެސް އިސްރާއީލަށް އޮތް އެންމެ ބޮޑު ބިރަކީ ހަމާސް އިން އެފަހަރު ކަންތައްކުރި ގޮތަށް ސިއްސައިގެންދާ ފަދަ ކަމެއް ކޮށްފާނެތީއެވެ. ބިންގަރާސްތަކުގައި އަސްކަރީ ހަރަކާތްތައް ހިންގާ 2014 ވަނަ އަހަރު ހަމާސް އިން ވަނީ އިސްރާއީލަށް ޝޮކެއްދީފައެވެ. އެހެންކަމުން ހަމަލާ ބަދަލުކުރުން ހުއްޓާނުލާ ކުރިޔަށް ގެންދާނަމަ ދެން ބަދަލުވެގެންދާނީ ދިގުދެމިގެންދާ ހަނގުރާމައަކަށެވެ. އޭގެ ސަބަބުން އިސްރާއީލަށްވެސް ވަކި ފައިދާއެއްނެތެވެ.

އިސްލާމިކް ޖިހާދު އުފެދުން:

އިސްލާމިކް ޖިހާދު ނުވަތަ އިސްލާމިކް ޖިހާދު މޫވްމަންޓް އިން ޕަލަސްތީން (ޕީއައިޖީ) އުފެދިފައިވަނީ 1981 ވަނަ އަހަރުއެވެ. އިސްލާމިކް ޖިހާދާއި ހަމާސްގެ އިތުރުން ހަ ޖަމާއަތަކީ އޭލިއަންސް އޮފް ޕަލަސްޓީނިއަން ފޯރސެސްގެ މެމްބަރުންނެވެ. މި ޖަމާއަތްތަކަކީ އޮސްލޯ މުއާހަދާ ގަބޫލުކުރާ ޖަމާއަތްތަކެއް ނޫނެވެ. އޮސްލޯ މުއަހާދާގެ ދަށުން ފަލަސްތީނުން އެއްބަސްވެފައިވާ ޓޫ ސްޓޭޓަކީ އިސްލާމިކް ޖިހާދުން ދެކޮޅު ހަދާކަމެކެވެ. އަދި އިސްރާއީލް ނައްތާލަންޖެހޭ ކަަމަށް އެޖަމާއަތުންވެސް ހަމާސްއެކޭ އެއްގޮތަށް ގަބޫލުކުރެއެވެ.

އިސްލާމިކް ޖިހާދަށް އެންމެ ބޮޑަށް ފަންޑުކުރަނީ އިރާނުންނެވެ. އަދި ހިޒްބުﷲ އަކީވެސް އިސްލާމިކް ޖިހާދަށް ވާގިދޭ ޖަމާއަތެކެވެ. ހަމާސް އެކޭ އެއްގޮތަށް އިސްލާމިކް ޖިހާދުންވެސް އިސްރާއީލްގެ އާންމުންނާއި އަސްކަރިއްޔާއާ ދެކޮޅަށް ޖާނުންފިދާވުމުގެ ހަމަލާތަކާއި ރޮކެޓް ހަމަލާތައްދެއެވެ. އަދި ގިނަ ހަމަލާތަކެއް ދެ ޖަމާއަތް އެކުވެގެންވެސް ދީފައިވެއެވެ. އިސްލާމިކް ޖިހާދުގެ ބާރު ގަދައީ ހުޅަނގު އައްސޭރީގެ ހެބްރޫން އާއި ޖެނިންގައެވެ.

އެހެންކަމުން އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކުން އިސްލާމިކް ޖިހާދަކީވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

އިސްލާމިކް ޖިހާދުން އިސްރާއީލާ ދެކޮޅަށް ކުރިޔަށްގެންދާ ހަނގުރާމަ:

އިސްލާމިކް ޖިހާދު އުފެދިފައިވަނީ ފަލަސްތީނުގައި އިސްލާމީ ދައުލަތެއް ގާއިމުކުރުމުގެ ބޭނުމުގައެވެ. އަދި 1948 ވަނަ އަހަރުގެ ކުރިން ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތަކަކީ ފަލަސްތީންގެ ބިންތައްކަމުގައި ވާންޖެހޭނެކަމަށް ބުނެއެވެ. އިސްލާމިކް ޖިހާދަކީ ސިޔާސީ ގޮތުން އެއްވެސް ގޮތަކަށް މަސައްކަތްކުރާ ޖަމާއަތެއް ނޫނެވެ. އެޖަމާއަތުގެ ހަމައެކަނި އަމާޒަކީ އަސްކަރީ ގޮތުން އިސްރާއީލް ބަލިކޮށްލާ ފަލަސްތީނުން އިސްރާއީލު ފޮހެލުމެވެ.

އިސްލާމިކް ޖިހާދުން އިސްރާއީލާ ދެކޮޅަށް ހަމަލާތައް ދޭން ފަށާފައިވަނީ 1984 ވަނަ އަހަރުއެވެ. އެޖަމާއަތުން ވަނީ ބޮމުގެ ގިނަ ހަމަލާތަކެއް އިސްރާއީލާ ދެކޮޅަށްދީފައެވެ. އޭގެތެރޭގައި އެންމެ ފުރަތަމަ ހަމަލާއެއްގެ ގޮތުގައި ފާހަގަކުރެވެނީ ތަލްއަވީވްގައި ބަހެއް ގޮއްވާލައިގެން ދިން ހަމަލާއެވެ. އިސްލާމިކް ޖިހާދަކީ އިސްރާއީލުން ގަބޫލުކުރާ ގޮތުގައި އެންމެ ނުރައްކާތެރި އަދި އެންމެ ބިރު ކުޑަ ޖަމާއަތެވެ. އެއާއެކު އިސްރާއީލުން ވަނީ ކެނޑިނޭޅި އެޖަމާއަތް ވުޖޫދުން ފޮހެލާ ބައިބައިކޮށްލުމަށް މަސައްކަތްކޮށްފައެވެ. އަދި އެޖަމާއަތުގެ އިސްލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވި ލީޑަރުންނަށް އަމާޒުކޮށް ވަނީ ހަމަލާތައްދީ އަވަހާރަވެސްކޮށްލާފައެވެ.

އިސްލާމިކް ޖިހާދުން މިހާރުވެސް ބުނަމުން އަންނަނީ އެޖަމާއަތުން ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް ގާއިމުކުރުމަށް އެއްބަސްނުވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ދައުލަތެއް އެބިމުގައި ގާއިމުކުރުމަށް އެއްގޮތަކަށްވެސް ގަބޫލުނުވާނެ ކަމަށް ވަނީ ބުނެފައެވެ.

- ކޮމެންޓް