އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެރޭ ލެސްޓާ ސިޓީ ބަލިކޮށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އުއްމީދު ޗެލްސީން އާކުރިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ރެލިގޭޓްވެފައިވާ ފުލަމް އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޗެލްސީ މޮޅުވިއިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ ށް އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގައި ލެސްޓާއިން ވަނީ ޗެލްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
އެއާއެކު އަންގާރަ ދުވަހުގެރޭ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ޗެލްސީން ބަދަލުހިފިއިރު، މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޓިމޯ ވާނާ ކާމިޔާބުކުރި ދެ ލަނޑެއް ވީޑިއޯ އިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ބަލައިގެންފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ.
އަދި މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ވާނާއަށް ލެސްޓާގެ ވެސްލީ ފޮފާނާ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ލެސްޓާއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ.
މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ޗެލްސީ ޖެހިލިއިރު، އެ ޓީމު ތިންވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 67 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ލެސްޓާއަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ލިވަޕޫލަށް 36 މެޗުން ވަނީ 63 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ބުދަ ދުވަހުގެރޭ ބާންލީ ބަލިކޮށް ބަލިކޮށް ލިވަޕޫލަށް ހަތަރުވަނައަށް އެރޭނެއެވެ.
މީގެ އިތުރުން ލީގުގައި އަންގާރަ ދުވަހުގެރޭ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ޔުނައިޓެޑުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީއެވެ. އެކަމަކު ދެވަނަ ހާފުގައި ޖޯ ބްރަޔަން ވަނީ ލަނދެއް ޖަހައި، ފުލަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ ވަނީ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި 3-2 ގެ ނަތީޖާއަކުން ބްރައިޓަން އަތުން ބަލިވެފައެވެ. އެއާއެކު ސިޓީއަށް 37 މެޗުން ވަނީ 83 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔުނައިޓެޑަށް 37 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ.