ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 1-2 އިން ބަލިވެ، 2-4 ގެ އެގްރިގޭޓް ނަތީޖާއިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސްޕެއިންގެ ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.
އެތުލެޓިކޯގެ ވިސެންޓޭ ކަލެޑްރޯންގައި ބުދަ ދުވަހުގެރޭ މި ދެޓީމު ބައްދަލުކުރި މެޗުގައި އެތުލެޓިކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނު އިރު، އެޓީމުން ފުރަތަމަ ހާފުގެ 16 މިނެޓު ތެރޭގައި ދެ ލަނޑުޖަހާ ރެއާލް ސިއްސުވާލާފައެވެ.
ވަރުގަދަ ކުޅުމަކާއެކު ފެށި އެތުލެޓިކޯއިން ޖެހި ފުރަތަމަ ގޯލު ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ ސައުލް ނިގުއޭޒް އެވެ. އަދި އޭގެ ފަހުން އެޓީމުގެ ދެވަނަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވަޑް އެންޓޮއިން ގްރީޒްމަން އެވެ. މިއީ ރެއާލްގެ ޑިފެންޑަރު ރަފޭލް ވަރާން އެތުލެޓިކޯގެ ފޯވަޑް ފެނާންޑޯ ޓޮރޭޒް އަށް އޭރިޔާ ތެރެއިން ފައުލް ކުރުމާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މިލަނޑުތަކަށްފަހު ވެސް ރެއާލްގެ ހާފަށް ބާރު ބޮޑު ކުރަމުންދިޔަ އެތުލެޓިކޯ އަށް އިތުރު ހުރަސްތަކާ ކުރިމަތިލާން ޖެހުނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އިސްކޯ ކާމިޔާބުކުރި ލަނޑުންނެވެ.
އިސްކޯ މިލަނޑު ކާމިޔާބުކުރީ ބެންޒެމާގެ މޮޅު ކުޅުމާއެކު އެތުލެޓިކޯގެ ގޯލު ކުރި މައްޗަށް ހުރަސްކުރި ބޯޅަ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ފޮނުވާލުމާއެކު ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން ރެއާލުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ އެތުލެޓިކޯގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެހެން ނަމަވެސް ގޯލެއް ޖެހުމަށް ކުރި ބުރަ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި އެތުލެޓިކޯއަށް ވެސް ފުރުސަތުތަކެއް ލިބުނު ނަމަވެސް އެޓީމަށް ވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.
މިމުބާރާތުގެ ފައިނަލްގައި ރެއާލް މެޑްރިޑް ނުކުންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އިޓަލީގެ ގަދަ ބާރު ކަމަށްވާ ޔުވެންޓަސްއާ ދެކޮޅަށެވެ. ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލަށް ޔުވެންޓަސް ދަތުރުކުރީ ސެމީ ފައިނަލްގެ ދެ ލެގުގައި ވެސް މޮނާކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.