މެންޗެސްޓާ ޔުނައިޓެޑުގެ ވެރިންނާއި ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން ކުރިއަށްގެންދާ ހަޅުތާލިތަކާ ގުޅިގެން ޔުނައިޓެޑުގެ ޓީމަށް އަސަރުކުރާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޔުނައިޓެޑުގެ ސަޕޯޓަރުން ހަޅުތާލު ކުރަމުން އަންނަނީ ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވާން ނިންމުމަށްފަހު، ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް، ކުލަބު ވިއްކާލަން އެ ކުލަބުގެ ވެރިން ދެކޮޅު ހަދަމުންދާތީއެވެ. އަދި ޔުނައިޓެޑުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާއިން، އެ ކުލަބަށް ލިބޭ ފައިސާއިން އެކަށީގެންވާ މިންވަރަށް އިންވެސްޓްނުކޮށް އަމިއްލަ ވިޔަފާރިތައް ކުރަމުން އަންނަ ކަމުގެ ތުހުމަތު ޔުނައިޓެޑުގެ ސަޕޯޓަރުން އަންނަނީ ކުރަމުންނެވެ.
މީގެ ކުރިން މި މަހުގެ ކުރީކޮޅު ޔުނައިޓެޑުގެ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނީ މެޗު ފަށަން ކުޑަތަން ވެފައިވަނިކޮށް ޔުނައިޓެޑުގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް އެ ކުލަބުގެ ދަނޑަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެންނެވެ. އެ ހަޅުތާލުގައި ކޮމެންޓޭޓަރުން ތިބޭ ސަރަހައްދަށް އަލިފާން ބޯޅަ އުކި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި ނަމަވެސް، އެ ދުވަހު ދަނޑުގެ ސަލާމަތީ ކަންކަން ބަލަހައްތާ ފަރާތްތަކުން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ސަޕޯޓަރުން ދަނޑުން ނެރެފައެވެ.
އެއަށްފަހު ލިވަޕޫލް މެޗު މި މަހުގެ 13 ވަނަ ދުވަހު ކުޅުނުއިރު، އެ މެޗުން ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 4-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އޭގެ ދެ ދުވަސް ކުރިން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންވެސް ޔުނައިޓެޑް ވަނީ ބަލިވެފައެވެ.
ލީގުގައި އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ފުލަމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުނީ މިދިޔަ ދެ މެޗުން ބަލިވީމުމުން، ސަޕޯޓަރުންގެ އަމަލުތައް ޝަކުވާއެއްގެ ގޮތުގައި ބޭނުންކުރަން ބޭނުންނުވާ ކަމަށާއި، އެކަަމަކު ސަޕޯޓަރުންގެ ހަޅުތާލުތަކާ ހުރެ ޓީމަށް އަސަރުކުރަމުން އަންނަ ކަމަށެވެ.
އަދި ލީގުގައި އަންގާރަ ދުވަހުގެރޭ ފުލަމާ ދެކޮޅަށް ކުޅޭ މެޗު ބަލަން ވަކި އަދަދަކަށް ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭއިރު، އުއްމީދަކީ ހަޅުތާލުކުރުމުގެ ބަދަލުގައި ސަޕޯޓަރުން އެނބުރި ދަނޑަށް އައިސް ކުޅުންތެރިންނަށް ރަނގަޅަށް ހިތްވަރު ދިނުން ކަމަށާއި، އޭގެ ސަބަބުން ވަރުގަދަކޮށް ސީޒަން ނިންމާލަން ހިތްވަރު ލިބޭނެ ކަމަށްވެސް ސޯލްޝެއާ ވަނީ ބުނެފައެވެ.
ޔުނައިޓެޑުގެ ވެރިޔާ އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާއާ ދެކޮޅަށް ޔުނައިޓެޑުގެ ސަޕޯޓަރުން އަޑުއުފުލަމުން އަންނައިރު، އެ ކުލަބުގެ އެގްޒެކްޓިވް ވައިސް ޗެއާމަނުގެ މަގާމުން ވަކިވާން ދާދި ފަހުން އެޑް ވުޑްވާޑް ވަނީ ނިންމަވާފައެވެ.