ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ ޖުމްލަ 104ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މަރުވީ އައިޖީއެމްއެޗްގެ ޑީއެޗް-11ގައި ފަރުވާދެމުންދިޔަ 73 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މިއީ އަންގާރަ ދުވަހު ރިޕޯޓުކުރި ދެވަނަ މަރެވެ. ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ބަލީގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު މިދިޔަ ތިން ދުވަސް ތެރޭގައި އެކަނި ވެސް މި ބަލީގައި 9 މަރު ރިޕޯޓުކޮށްފައިވެއެވެ. ކޮވިޑް ބަލީގައި އެންމެ ގިނައިން މީހުން މަރުވެފައި ވަނީ މި މަހު އެވެ. އެއީ 31 އެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހި ފަރުވާދެމުންދާ އެކްޓިވް ކޭސްތަކުގެ އަދަދު 16،000ން މައްޗަށް ގޮސްފައިވާއިރު، އޭގެ ތެރެއިން 268 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނައިރު، ކޮންމެ ދުވަހަކު ވެސް ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު ވަނީ 1000ން މައްޗަށް އަރާފައެވެ.