ކ. މާލެ
|
18 މެއި 2021 | އަންގާރަ 08:17
ފަލަސްތީނުގެ ޒުވާން ރެޕް ލަވަކިޔުންތެރިޔާ އަބްދުﷲ، މިލަވަ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބަލާފައި
ފަލަސްތީނުގެ ޒުވާން ރެޕް ލަވަކިޔުންތެރިޔާ އަބްދުﷲ، މިލަވަ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ބަލާފައި
އޭއެފްޕީ
ފަލަސްތީނުގެ ހާލަތު
ރެޕް ލަވައަކުން ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް މުޅި ދުނިޔެއަށް
 
މިހާތަނަށް 80ށްވުރެ ގިނަ ކުދިން ވަނީ ޝަހީދުވެފައި
 
އިސްރާއީލުގެ ހަމަލާތަކުގައި ގިނަ އާއިލާތަކެއް ވަނީ ރޫޅިފައި

އިސްރާއީލުގެ ޔަހޫދީންގެ އުދުވާނީ ހަމަލާތަކުގެ ކުރިމަތީގައި ފަލަސްތީނުގެ ކުޑަ ކުދިން ސާބިތުކަން ދައްކަމުން އަންނައިރު، އުމުރުން 12 އަހަރުގެ އަބްދުﷲ ރެޕް ލަވައަކުން މުޅި ދުނިޔެއަށް ފަލަސްތީނުގެ ކުޑަކުދިންގެ އުދާސްތައް ބޭރުކޮށްލައިފިއެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް އާއިލާއެއް ބިކަވެފައިވާއިރު، މި ހަމަލާތަކުގައި މައިން ބަފައިންނާ ވަކިވާންޖެހުނު ކުދިންވެސް ގިނައެވެ. އެހެންނަމަވެސް އެކުދިންގެ ހިތްވަރު މުޅި ދުނިޔެއަށް އަންނަނީ ހާމަކުރަމުންނެވެ. އަބްދުﷲ އަކީ ވެސް މި ހަނގުރާމާގައި އެފަދައިން ބިކަވެފައިވާ ކުޑަ ކުއްޖެކެވެ. އެހެންނަމަވެސް އޭނާގެ ހުނަރު ދައްކުވައިދިނީ ރެޕް ލަވައަކުންނެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ މި ވީޑިއޯ ލަވަ މިލިއަނަކަށްވުރެ ގިނަ މީހުން ބަލާފައިވާއިރު، މި ލަވައިގައި އަބްދުﷲ ވަނީ ފަލަސްތީނު ރައްޔިތުން އުޅެމުން އަންނަ ދަތި ހާލު ކިޔައިދީފައެވެ. ހާއްސަކޮށް ގާޒާގެ ކުޑަކުދިން އުޅެމުންދާ ދަތި ހާލު މިލަވައިގައި ވަނީ ސިފަ ކޮށްދީފައެވެ. މީގެ އިތުރުން މިލަވައިގައި އަބްދުﷲ ވަނީ ފަލަސްތީނަކީ އެތައް ޒަމާނެއްވީ ދައުލަތެއް ކަމަށާއި، ފަލަސްތީނު ރައްޔިތުންނަށް އަޅުކަން ކުރުމުގެ ހައްގު ލިބިގެންވާ ކަމަށްވެސް ބުނެފައެވެ. އެކަމަކު އަޅުކަން ކުރާ ތަންތަން ނައްތާލުމުގެ ބޭނުމުގައި އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކުގައި ރޫޅިގެން ދަނީ ފަލަސްތީނު ރައްޔިތުންގެ އަޒުމެއް ނޫން ކަމަށާއި، ބިކަވަނީ އާއިލާތައް ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާގެ ކޮއްކޮއިން އުޅެން ޖެހޭނީ މިހާލުގައި ނޫން ކަމަށާއި، އެކަމަކު މި ނޫން ގޮތެއް ނެތް ކަމަށް ވަނީ ބުނެފައެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ރެފިއުޖީ ކޭމްޕްތަކުގައި ކަމަށް ބުނަމުން އަބްދުﷲގެ މި ލަވައިގައި ބުނެފައި މި ނޫން ދުވަހެއް ދައްކަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނައަދަދެއްގެ ކުޑަކުދިންވެސް ވަނީ ޝަހީދުވެފައެވެ. މީސްމީޑިއާގައި ފަލަސްތީނުގެ ކުދިން އިސްރާއީލުގެ ސިފައިންނާ ކުރިމަތިލާ ވީޑިއޯތައް އާންމުވެފައިވާއިރު، ކުޑަކުދިންގެ ހިތްވަރަށް މުސްލިމު އުންމަތް އަންނަނީ ސަނާ ކިޔަމުންނެވެ. ކުޑަ ކުދިންގެ ތެރެއިން ދުނިޔޭގެ އުމުރުން އެންމެ ހަގު ނޫސްވެރިޔާވެސް އަންނަނީ ހަމަލާތަކުގެ ތަފުސީލު ދުނިޔޭގެ މީޑިއާތަކަށް ތިލަ ކޮށްދެމުންނެވެ. ފަލަސްތީނުގެ މުޖާހިދުންނަށް އަމާޒުކޮށް ކަމަށް ބުނެ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާ ސިޓީގެ އިމާރާތްތައް ދަނީ ބިމާ ހަމަކުރަމުންނެވެ.

ހަމަލާތަކުގައި ޝަހީދުވި ކުދިންގެ އަދަދު 80ން މަތިވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނާއިރު، ރެފިއުޖީ ކޭމްޕުތަކުގައި 11،000ށްވުރެ ގިނަ މީހުން އަންނަނީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

އިސްރާއީލުން ވަނީ ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓައިނުލާނެ ކަމަށް ބުނެފައެވެ. ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނީ ހަމާސް ޖަމާއަތުން ކަމަށާއި، އެ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
8%
8%
56%
12%
0%
16%
ކޮމެންޓް