މެޗުގެ ފުރިހަމަ ވަގުތު 2-2 ގެ ނަތީޖާއިން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-4 އިން ވީކޭ ސްޕޯޓްސް ކްލަބު ބަލިކޮށް ދެވަނަ ޑިވިޝަންގެ ފައިނަލަށް ކުޑަ ހެންވޭރު ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ގަލޮޅޫ ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ވީކޭ އިން ވަނީ މިހާފުގައި ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މިލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބިދޭސީ ޑިފެންޑަރު ރޮޑްރިގޭޒް މަޗާޑޯއެވެ.
މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓު ނުވަނީސް ކުޑަ ހެންވޭރުން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އަރީޝް އެވެ.
މިހާފުގައި ވެހެމުންދިޔަ ބޯވާރޭގެ ސަބަބުން ލައިޓު ނިވިގެންނާއި ދަނޑުގައި ފެން ހެދުމުން 25 މިނެޓަށް ވަނީ ކުޅުން ހުއްޓާލާފައެވެ. އެއާއެކު ދެން ކުޅުން ފެށުނީ މެޗުގެ ބާކީ ބަޔާއެކު އިތުރު ވަގުތު 25 މިނެޓާއެކު އެވެ.
މި ވަގުތު ތަކުގައިވެސް ކުޅެމުންދިޔައީ ބޯކޮށް ވެހުނު ވާރޭގައެވެ. އެހެން ނަމަވެސް ދެޓީމުންވެސް ވަނީ ލަނޑު ޖެހުމަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ހެންވޭރުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޝަހީމް އަބްދުލް ގާދިރު (މެސީ) އެވެ.
މިލަނޑާއެކު ކުޑަ ހެންވޭރުން ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ އިރު، ވީކޭ އިން ވަނީ ކުޅުން ރަނގަޅުކޮށް ކުޑަ ހެންވޭރު ހާފަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އަބްދުﷲ ޖުނައިދު ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.
ވީކޭއިން ކާމިޔާބުކުރި މިލަނޑާއެކު މެޗު ނިމިގެން ދިޔައީ ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ނަތީޖާ ނެރުމަށްޖެހި ޕެނަލްޓީގައި ކުޑަ ހެންވޭރުން ކުރި ހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކުޑަ ހެންވޭރަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު އާމިރާއި، ޝަހީމް އަބްދުލް ގާދިރު (މެސީ) އާއި، މުހައްމަދު ތިލްމީޒް އަދި ޑަ ސިލްވާ ބިނާ އެންޑަސަން އެވެ. އަދި ވީކޭ އިން ކާމިޔާބުކުރި ތިން ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޭޒް މަޗާޑޯ އާއި އަލީ ޝަމީމް (ލައްޗޭ) އަދި އިބްރާހިމް ޖުނާހުއެވެ.