ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ އޮސަސޫނާ ބަލިކޮށް ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް އެތުލެޓިކޯ މެޑްރިޑް ޖެހިލިއިރު، ސެލްޓަ ވިގޯ އަތުން ބަލިވެ ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުސަތު ގެއްލިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ލީގުގައި އާދީއްތަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވި ނަމަވެސް، އަންނަ ހަފުތާގައި ރެއާލް ވަޔަޑޮލިޑް ބަލިކޮށް އެތުލެޓިކޯއަށް ލީގު ޗެމްޕިއަންކަން ހޯދޭނެއެވެ.
އެތުލެޓިކޯގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުގެ ސްޓެފަން ސަވިޗް ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ކުރިން ސަވިޗް އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު މެޗުގެ 75 ވަނަ މިނެޓުގައި އަންޓެ ބުޑިމީއޭ ވަނީ އޮސަސޫނާއަށް ލީޑު ނަގައިދީފައެވެ.
އެކަމަކު މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ރެނަން ލޯޑީ ވަނީ އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން އެތުލެޓިކޯ މޮޅުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒެވެ.
މި މޮޅާއެކު ލީގު ހޯދުމާ ގާތަށް އެތުލެޓިކޯ ޖެހިލިއިރު، ލީގު ހޮދުމުގެ ފުރުސަތު ބާސާއަށް ގެއްލުނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސެލްޓަ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ސަންޓި މިނާ ވަނީ ލަނޑެއް ޖަހައި، ސެލްޓައަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭގެ ފަހުން މި މެޗުގައި ބާސާއަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ކްލެމެންޓް ލޯންގްލޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު ބާސާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައިމ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މީނާ ވަނީ ސެލްޓައަށް ލީޑު ނަގައިދީފައެވެ.
މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 37 މެޗުން ލިބުނު 83 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލަށް 37 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސާއަށް 37 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ.