ކޮވިޑް-19އިން ރައްކާތެރިވުމަށް އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފިއެވެ.
އައްޑޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ވައިރަސް އެސިޓީން ފެނި، މޮނިޓަރިންގ ހާލަތަށް އެ ސިޓީ ގެނައުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އައްޑޫގައި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އައްޑޫ ސިޓީ ޓާސްކް ފޯސްއިން މަޝްވަރާކޮށް ބައެއް ފިޔަވަޅުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ހޮނިހިރު ދުވަހު ނިންމުންތަކެއް ނިންމަވާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ އައްޑޫ ސިޓީގައި ހަވީރު 6:00ން ފެށިގެން ފަތިހު 4:00ށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވާތީ، މި ވަގުތުތަކުގައި ފިހާރަ، ރެސްޓޯރަންޓް، ކެފޭ، ހޮޓާ އަދި ގާޑިޔާ ފަދަ ތަންތަނުން ޑެލިވަރީ ކުރުން މަނާ ކުރެވިފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިމަހުގެ 12 ގައި ނެރިފައިވާ ސަރކިއުލަރއާ އެއްގޮތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައިވާ ކަަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިތޯ ބެލުމަށް އެތަންތަން އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށެވެ. އަދި ގައިޑްލައިނާ ޚިލާފަށް ހުރި ފިހާރަތަކާ މެދު ފިޔަވަޅުއެޅޭނެ ކަމަށެވެ. އެގޮތުން އެފަދަަ ފިހާރަތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ކަނޑައެޅޭ މުއްދަތަކަށް ފިހާރަތައް ބަންދުކޮށްފައި ބެހެއްޓުމަށް އަންގާނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ކާފިއު ވަގުތުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރާނަމަ އައްޑޫ އީ.އޯ.ސީގެ ހުއްދަނަގަން ޖެހޭނެ ކަމަށާއި، ހުއްދައަކާ ނުލައި މަސައްކަތް ކުރާނަމަ އެފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށާއި، ގޭގައި މަސައްކަތް ކުރުމަށް ބިދޭސީން ގެއަށް ނުގެނައުމަށް ވެސް ކައުންސިލުން އަންގާފައިވެއެވެ.
އައްޑޫ ސިޓީގެ އަވަށަކުން ކޮވިޑް-19ގެ ކޭހެއް ފެނުމާ ގުޅިގެން އެސިޓީ މޮނިޓަރިންއަށް ލާފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު ފްލޫ ކްލިނިކަކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ދެވަނަ ފަހަރަށް އައްޑޫ މޮނިޓަރިއަށް ލާފައިވާއިރު، މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައެވެ. އެފަހަރުގެ މޮނިޓަރިން ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.