ރާއްޖޭގެ ދެކުނުން އައްޑޫއާ 530 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ރާޅު އެރުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މިއީ ހުޅަނގު މޫސުން ކަމަށް ވުމާއެކު މި މޫސުމުގެ ވިއްސާރަ އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެ ދުވަހު ވާރޭ ވެހުން މަދުވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ދެތިން ދުވަހަށްފަހު ކޮންމެވެސް ވަރަކަށް ވިއްސާރަ އަލިވިނަމަވެސް ވައިގެ ބާރުމިން މަޑުނުވެ ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަބަބައްޓަކައި ދަތުރު ނުކުރެވޭވަރަށް ކަނޑު ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާގެ އެސިސްޓެންޓް މީޓިރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން "ޓައުޓޭ" ރާއްޖެއާ ދުރަށް ދަތުރުކުރަމުންދާއިރު، ރާއްޖޭގެ ދެކުނުގައި ބާރުގަދަ ކޮޅިގަނޑެއް އުފެދިދާނެ ކަމަށް މީގެ ކުރިން ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ތޫފާން "ޓައުޓޭ" ވަރަށް ބާރުގަދަ ތޫފާނަކަށް ބަދަލުވެފައިވާއިރު ތޫފާން ހުރީ ރާއްޖޭގެ އުތުރުން 800 ކިލޯމީޓަރަށް ވުރެ ދުރުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަ ކުރެއެވެ. މި ތޫފާންގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ އަސަރު ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ކުޑަވާނެ ކަމަށް ވެސް ބުނެއެވެ. ނަމަވެސް އޭގެ ނުސީދާ އަސަރު ދެ ދުވަހެއް ވަންދެން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން "ޓައުޓޭ" ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާއިރު، މި ތޫފާނުގެ ބާރު އިތުރުވަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއީ މި ސަރަހައްދުގައި މިއަހަރު އުފެދުނު ފުރަތަމަ ތޫފާނެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިންޑިޔާގެ ހުޅަނގު ބިތުގެ ސަރަހައްދަށާއި ޕާކިސްތާނަށް ކަމަށް ބައިނަލްއަގްވާމީ މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާ ކޮށްފައެވެ. ތޫފާންގެ ވައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 127 މޭލު ބާރުމިނުގައެވެ.
ކޮޅިގަނޑު ބާރުގަދަ ތޫފާނާކަށް ބަދަލުވެގެންދިއުމަށް ދިމާވާ މައިގަނޑު ސަބަބަކީ މިވަގުތު މިސަރަހައްދުގެ ތިމާވެށީގެ ހާލަތެވެ. އެގޮތުން ކަނޑުގެ ފިނި ހޫނުމިނަށް ބަލާއިރު މިސަރަހައްދުގެ ކަނޑުގެ ފަށަލައަކީ މިވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ ހޫނުމިން މަތި ފަށަލައެވެ. މިސަރަހައްދުގެ ހޫނުމިން ހުރީ 30 އާއި 32 ޑިގްރީ ސެލްސިއަސްގައެވެ.
ތޫފާންތައް ބާރުގަދަކުރުމަށް ބޭނުންވަނީ ހޫނުމިން މަތި ފެނެވެ. އާންމު ގޮތެއްގައި 26.5 ޑިގްރީ ސެލްސިއަސްއަށްވުރެ ހޫނުމިން މަތި ނަމަ ތޫފާނަށް ބަދަލުވުމުގެ ފުރުސަތު ފަހިވެއެވެ. ވައިގެ ބާރުމިން ކުއްލިއަކަށް އިތުރުވެގެންދަނީ ހޫނުވެފައިވާ ކަނޑުގެ ފަށަލައިގެ ސަބަބުންނެވެ.