ކ. މާލެ
|
16 މެއި 2021 | އާދީއްތަ 02:13
ޔުވެންޓަސް އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-2 ން
ޔުވެންޓަސް އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުވެންޓަސް މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޗެމްޕިއަން އިންޓަ ބަލިކޮށް ޔުވެންޓަސް ހަތަރުވަނައަށް
ތާވަލުގެ ހަތަރުވަނައަށް ޔުވެންޓަސް ޖެހިލީ 75 ޕޮއިންޓާއެކު
އިންޓަ އަތުން ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެމްޕިއަން އިންޓަ މިލާން ބަލިކޮށް ތާވަލުގެ ހަތަރުވަނައަށް ޔުވެންޓަސް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 24 ވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގާފައެވެ. އެ ޓީމުގެ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އިންޓަގެ ގޯލްކީޕަރު ސާމިރް ހަންޑަނޯވިޗް މަތަކުރި ނަމަވެސް، ރޮނާލްޑޯ ވަނީ ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

އޭގެ 11 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ އިންޓައަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުވެންޓަސްއިން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ.

މި މެޗުގެ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނެޓުގައި ޔުވެންޓަސްގެ ރޮޑްރީގޯ ބެންޓަންކޫރަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކިއިރު، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އިންޓައިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޔުވެންޓަސްގެ ޖިއޮޖިއޯ ކިއެލީނީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނަމަވެސް މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ލިބުނު އިތުރު ޕެނަލްޓީ ކާމިޔާބުކޮށް، ކުއަޑްރާޑޯ ވަނީ މި މެޗުން އިންޓަ މޮޅުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އިންޓަގެ މާސެލޯ ބްރޮޒޮވިޗަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން، އިންޓަވެސް މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުން ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ އިންޓަ ބަލިވިއިރު، ތާވަލުގެ އެއްވަނައިގައި އެ ޓީމު އޮތީ ކުޅުނު 37 މެޗުން 88 ޕޮއިންޓާއެކުއެވެ. ދެވަނަ މަގާމު ކަށަވަރުކޮށްފައިވާ އެޓަލާންޓާއަށް 37 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އޭސީ މިލާނާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސްއަށް ވަނީ 75 ޕޮއިންޓް ލިބިފައެވެ. މިލާނަށް ވުރެ ޔުވެންޓަސް އެއް މެޗު އިތުރަށް ކުޅެފައިވީ ނަމަވެސް، މިލާން ކުރީގައި އޮތީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އަދި ތާވަލުގެ ފަސްވަނައިގައި އޮތް ނާޕޮލީއަށް 36 މެޗުން ވަނީ 73 ޕޮއިންޓް ލިބިފައެވެ.

- ކޮމެންޓް