raajjemv logo
ފީފާއިން ޕާކިސްތާން ސަސްޕެންޑްކުރުން
ފީފާއިން ޕާކިސްތާން އަނެއްކާވެސް ސަސްޕެންޑްކޮށްފި
 
ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ވަނީ ނުފޫޒުފޯރުވާފައި
 
މީގެ ކުރިން ފީފާއިން ޕާކިސްތާން ސަސްޕެންޑްކުރީ 2017 ވަނަ އަހަރު
އިސްމާޢީލް ޝާހް
1,177
ކ. މާލެ |
8 އޭޕްރިލް 2021 | ބުރާސްފަތި 08:13
ސްވިޓްޒަލެންޑުގައި ހުންނަ ފީފާގެ މައި އިދާރާ
ގެޓީ އިމޭޖަސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުޢިއްޔާ، ފީފާއިން ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް) އަނެއްކާވެސް ސަސްޕެންޑްކޮށްފިއެވެ.

މީގެ ކުރިން ފީފާއިން ޕާކިސްތާން ސަސްޕެންޑްކުރީ 2017 ވަނަ އަހަރުއެވެ. އެކަމަކު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ސަސްޕެންޝަނަށް ލުއި ދިނީ ޕީއެފްއެފް ހިންގުމަށް ނޯމަލައިޒިން ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީގެ ޗެއާމަނުގެ މަޤާމު ހަމްޒާ ޚާންއާ ހަވާލުކުރުމަށްފަހުއެވެ. އަދި ފީފާއިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ކުރިން ޕީއެފްއެފް އިންތިޚާބު ބޭއްވުމަށްވެސް އަންގާފައެވެ.

އެކަމަކު އެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް އިތުރުކޮށްދިން ނަމަވެސް، ހަމްޒާގެ ބެލުމުގެ ދަށުން ނޯމަލައިޒިން ކޮމިޓީއަށް އިންތިޚާބު ބޭއްވިފައެއް ނުވެއެވެ. އެއާއެކު އޭނާ ވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ.

އެއާއެކު ނޯމަލައިޒިން ކޮމިޓީގެ އައު ޗެއާމަނަކަށް މާލިކް ހާރޫން ހަމަޖައްސައި، މި މަހު ޕީއެފްއެފްގެ އިންތިޚާބު ބާއްވަން އައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އިންތިޚާބުގެ މައްސަލަ ގޯސްވެގެންދިޔައީ އެ ޤައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް ޕީއެފްއެފްގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމާއެކުއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީއެފްއެފްގެ ހެޑްކުއާޓަރުގައި ސައީދު އަޝްފާގުގެ ޓީމުން ވަނީ މިދިޔަ ހުކުރު ދުވަހު ނޯމަލައިޒިން ކޮމިޓީއާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުން ހޫނުވެ، އެންމެ ފަހުން ސައީދު އަޝްފާގުގެ ޓީމުން މަސައްކަތްކުރީ ޕާކިސްތާން ފުޓްބޯޅައިގެ ކޮންޓްރޯލް ނެގުމަށް ކަމަށް ހާރޫން ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން ސައީދު އަޝްފާގުގެ ޓީމުން އައިސް މަޝްވަރާކުރުމުގެ ބަދަލުގައި އެންގީ ޕީއެފްއެފް ހެޑްކުއާޓަރު ހިންގުން އެ މީހުންނާ ހަވާލުކޮށްފައި ތަން ދޫކޮށްފައި ދިއުމަށް ކަމަށް ހާރޫން ވަނީ ވިދާޅުވެފައެވެ.

އެއާއެކު އަންގާރަ ދުވަހު ފީފާއިން ވަނީ ޕީއެފްއެފް ހިންގުމަށް ތިންވަނަ ފަރާތަކަށް ނުފޫޒުފޯރުވި ކަމަށް ނިންމައި، ފުޓްބޯޅައިން ޕާކިސްތާން އަނެއްކާވެސް ސަސްޕެންޑްކޮށްފައެވެ. އަދި މި ސަސްޕެންޝަން އުވާލާނީ ޕީއެފްއެފްގެ ކަންކަމަށް އިތުރު ފަރާތަކުން ނުފޫޒު ނުފޯރުވާކަން ނޯމަލައިޒިން ކޮމިޓީން ޔަގީންކޮށްދިނުމުން ކަމަށްވެސް ފީފާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ ރޭންކިންގެ 199 ވަނައިގައި މި ވަގުތު އޮތް ޕާކިސްތާނަށް އިތުރު ސަސްޕެންޝަނެއް ކުރިމަތިވިއިރު، ފީފާއިން އެންމެ ފުރަތަމަ ޕާކިސްތާން ސަސްޕެންޑްކޮށްފައިވަނީ 2015 އަހަރުން ފެށިގެން ސަރުކާރުގެ ނުފޫޒާ ބޭނުން ކޮށްގެން، އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާ ހަވާލުކުރުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް