ކ. މާލެ
|
25 މާރޗް 2021 | ބުރާސްފަތި 14:08
ރައީސް ޞާލިހު ސިފައިންނާ ބައްދަލުކުރެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް ޞާލިހު ސިފައިންނާ ބައްދަލުކުރެވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
އަސްކަރިއްޔާ ދިފާޢުކުރުން
އަސްކަރިއްޔާ ދިފާޢުކޮށްނުދެވި، ދައުލަތަށް ވެވޭނެ ދިފާޢުއެއް ނޯންނާނެ!
 
ގައުމީ ދިފާޢުގައި ފުރާނައިން ގުރުބާންވުމަށް އަހުދު ކަށަވަރުވެ ތިބި ދިވެހި ސިފައިންގެ އަޒުމަށް ތަކުރާރުކޮށް މިދޭ ފިކުރީ ހަމަލާ މިހާރު މިވަނީ އާދައިގެ ކަމަކަށް ވެފައި
 
މީގެ 33 އަހަރު ކުރިން، ދުޝްމަނުން ވައްޓާލި ބާގަނޑުން، ދިފާއުގައިދިން އަވަސް ކުއްލި ހަމަލާއިން ދިވެހި ސިފައިންގެ ކުޅަދާނަކަން ސާބިތުކޮށްދިން

އެއީ މީގެ 33 އަހަރު ކުރިން އައި ނޮވެމްބަރުމަހެއްގެ 2 ވީ ބުދަ ދުވަހެވެ. ދުވަހުގެ އިރުއޮއްސި، އިރުދަމާ މެންދަމާ ފުރަދަމަށް، ފުރަމާލެ ފުރޮޅިގެންދިޔައީ، ފާއިތުވި އެތައްހާސް ރެއާ އެއްގޮތަށެވެ. ވެރިރަށް މާލެ އޮތީ، މަސަލަސްކަމާއި އަމާންކަމުގެ ގަހަނާއިން ޒީނަތްވެފައިއޮތް ތާއަބަދުގެ ހިތްގައިމު މާލޭގެ ގޮތުގައެވެ.

ރަށް ނިދާ، ފައި ހިލަވަޅުއޮބި، އެމެންދަމުގެ ކަންނެތް ލަސްރޯޅީގެ މަޑުފިންޏެއްގައި ރޭދިޔައީ ނިމެމުންނެވެ. ތަންމަތިތައް މަސަލަސްވެ ހިއްސުތަކާއި އިހުސާސްތަކާ ވަކިން، ހަށިތައް ގެނބިގޮސްވީ ނިދީގެ އެންމެފުން ކަނޑުގެ އަޑީގައެވެ. ކުއްލިއަކަށް އަރައިގެން ދިޔައީ މޭތައް ވިރިގެންދާ ފަދަ ބާރުގަދަ އަޑުފައްގަނޑެކެވެ. ފައިދަށުން ބިންގަނޑު ލޫދިގަތް ފަދަ ގުޑުމެކެވެ. އަލިފާނުގެ ބިޔަ ހުޅުދާން ރާޅެއްގެ އަލިގަނޑު އަރައިގެން ދިޔައެވެ. އެއާއެކު މުޅި ސަރަހައްދު އޮލަކޮށް ހިރަފުހާއި ދުމުގެ ތެރެއިން ބުރުއްސައިގެން އެ ދިޔައީ ސިފައިންގެ މަރުކަޒުގެ މައިފާރެވެ. ބަނޑޭރިގޭގެ ހުޅަނގުދެކުނު ކަންމަތިން ވައްޓާލި ބިޔަތަންގަނޑުން އުފެއްދި ހާމަކަން ބޮޑު އެ ބާގަނޑުން ފަޅިސިކުންތެއް ނުދީ މެޝިން ބަޑީގެ ގަދަ އަޑުފައްގަނޑާއެކު ރައްދު ހަމަލާ ދޭންފެށިއެވެ. ޖަހާލި އެސްފިޔައެއްގެ އަވަސްމިނުގައި, ވިދާލި ވިދުވަރެއްގެ ބާރުމިނުގައި, ވަރުހުރި ވަޒަންތައް އެބާގަނޑުން ބޭރަށް އޮއްސައި، އުދުއްސާލިއެވެ.

ވިންދަކަށް ޖެހިލާނެ ތަންވަޅެއް ނުމެދީ، ތޮރުފި އުނދުޅިއަކަށް ހަދައި އެ ވައްޓާލި މުޑުދާރު ފުރާނަ ނެތް މަސްގަނޑަކީ ދިވެހި ގައުމީ ދިފާޢީ މައި މަރުކަޒަށް އެ ހަމަލާދިން ބިދޭސީ ދުޝްމަނުންގެ ކޮމާންޑަރެވެ. ޚުދު ތިމާގޮއްވާލި ބާގަނޑުން އައި ވިދުވަރެއްފަދަ ވަޒަންތައް ދިޔައީ ތިމާގެ ފުރާނަ ހިފައިގެންނެވެ. ދިވެހިގައުމީ ދިފާއީބާރުން މި އަވަސް ކުއްލި ވަރުގަދަ ރައްދު ދިނުމުގައި ފަޅިސިކުންތެއް ލަސްކުރި ނަމަވެސް މިވާހަކަދައްކާނެ ދުވަހެއް، ތާރީޚުގައި ލަސްވެ އޮތުމާމެދު ސުވާލު އުފެދުނީހެވެ.

ޓެރަރިސްޓުން، ސިފައިންގެ މައިމަރުކަޒުގެ ފަހަތު ފާރުގެ ކަން ގޮއްވާލި ބާގަނޑު، ބާގަނޑުން ވެސް ދުޝްމަނުންނަށް ވަދެވޭނެ ގޮތެއް ނުވި

މީގެ 33 އަހަރު ކުރިން އެދުވަހުގެ އެރޭ އެދިނީ ބަރުހަތިޔާރުންދޭ، ހަނގުރާމަވެރި ހަމަލާއެވެ. އެހަމަލާގައި ބަނޑޭރިގޭ ގެ ފާރުން ވައްޓާލީ ހަމަ އެންމެތަނެކެވެ. އެއާ އެކަށޭނަ ރައްދު ވަގުތުންދީ، ދިވެހި ގައުމީ ދިފާއީ ބާރުން ދިވެހި ދައުލަތް ދިފާއުކުރިއެވެ.

ދެން ދައްކާން މިއޮތީ މިއަދުގެ ވާހަކައެވެ. އޭގެ 33 އަހަރުފަހުން މިއަދު ބަލައިލާއިރު، އެމަރުކަޒުގެ ބޭރުގައި މާބޮޑެތި، އަދި މާގިނަ ބާގަނޑުތައް ދުޝްމަނުން އެދަނީ ފާޅުގައި އަޅަމުންނެވެ. ތަކުރާރުކޮށް މިހާރު މިދޭ ފިކުރީ ހަމަލާގައި އިސްވެ ހުންނަނީ ހަރުބީ ދިވެހި ދުޝްމަނެކެވެ. އެއްވެސް ހާލެއްގައި، ކުރިން އެފާރު ވައްޓާލި ފަދަ ބިދޭސީ މުޝްރިކެއްނޫނެވެ. މިހާރުމިދޭ މި ހަމަލާތަކަށް މިބައި މީހުން ތައްޔާރުވުމަށް ސިކުނޑިތަކަށްދޭ ކާނާއަކީ ފިސާރި މަތިވެރި އެހާމެ ބޮޑެތި ނަންތަކެކެވެ. ނަމަވެސް، އެއީ ހަމައެކަނި މިހަމަލާއަށް ބޭނުންކުރާ ހުސް ނަންތަކެކެވެ. މާތް ވެގެންވާ އިސްލާމްދީނެވެ. މިނިވަން ކަމާ ސިޔާދަތާ އިސްތިގުލާލެވެ. ނޫނީ މިފަދަ ޖަޒުބާތީ އެހެން ބަސް ތަކެކެވެ. 

މިދެންނެވި ޢަދުއްވުން އިސްވެ ތިބެ ތަކުރާރުކޮށް ދިވެހި އަސްކަރިއްޔާއަށް މިހާރު މި ދެނީ ފިކުރީހަމަލާއެކެވެ. އެ ހަމަލާގައި ކުރިން މި ބުނި ހެން ހުރީ ހުސް ނަންތަކެކެވެ. ކަމުގެ ހަކަތަ ސިކުނޑިތަކުގައި އުފެއްދުމަށްދޭ ކާނާއެވެ. ހުސްނަންތަކެއްގެ ކާނާއިން ހަކަތަ އުފެއްދުމަށްފަހު ދެންބޭނުންކުރަނީ ހަމަލާގެ ހަތިޔާރެވެ. އެހަތިޔާރަކީ ބުހުތާނު ދޮގާއި، އަސްލެއްނެތް ތުހުމަތާއި، ހޮޅިޔޯލަ ވާހަކަތަކާއި، ފިތުނައިގެ ކެހިވެރި ބަސްތަކެވެ. ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ ބަދަހި ސަފުތައް ރޫޅައި ބައިބައިކޮށް ބަލިކަށި ކޮށްލުމެވެ.   

ގައުމީ ދިފާޢުގައި ފުރާނައިން ގުރުބާންވުމަށް އަހުދު ކަށަވަރުވެ ތިބި ދިވެހި ސިފައިންގެ އަޒުމަށް ތަކުރާރުކޮށް މިދޭ ފިކުރީހަމަލާ މިހާރު މިވަނީ އާދައިގެ ކަމަކަށް ވެފައެވެ. ގައުމުގެ ސަލާމަތުގެ ދިފާޢުގައި ތިބި ފަޚްރުވެރި ދިވެހި ސިފައިންގެ އުފުލިގެންވާ އިސްތަކާއި، ސީދާވެގެންވާ  ހަށިތަކާއި، ބާރުގަދަ މުލައްދަނޑިތައް ވާކޮށްލުމަށް މިދޭ ހަމަލާތަކަށް އެކަށޭނަ ރައްދު، 3 ނޮވެމްބަރުގެ ހަމަލާއަށް ދެވުނުފަދައިން މިއަދަކު ނުދެވެއެވެ. އެރައްދު ނުދެވުމުގެ ފަހުނަތީޖާ އަކަށްވީ، އެ ހީލަތްތެރި އަނދަވަޅުގެ ތުންފަތް މައްޗަށް އެވަރުގަދަ މުއައްސަސާ މީގެ ކުރިން، ދާދިމިދާކަށް މާޒީގައި ގެންގޮސް ވައްޓާލި ވައްޓާލުމެވެ.

ސިކުނޑިތަކުގައި ހަކަތަ އުފެއްދުމަށް އެފަހަރުވެސް ފުރަތަމަ ބޭނުންކުރީ، ކުރިން ދެންނެވި މަތިވެރި ހުސްނަންތަކާއި ޒާތްޒާތުގެ ދޮގާއި މަކަރާއި ހުސްޔޯލަ ވާހަކައެވެ. ހަރުގަނޑުތަކެއް ބޭނުންކުރާ ވާހަކައާއި، ފާރުމަތިން އަރާ އެމުއައްސަސާ ހިފާ ވާހަކައެވެ. ބޭނުމަކީ އެތަނުގެ ހައިބަތާއި ގަދަރާއި އިތުބާރަށް ކުޑައިމީސް ކުރުމެވެ. އެއީ ނިކަން ދެރަވަރުގެ އެއްވެސް އާރެއް، ބާރެއް، އަގެއް، އަޚުލާގެއް، ތަމީސެއް، ނެތް ތަނެއްގެ ގޮތުގަ ސިފަކުރުމެވެ. އެއީ އެ ފަހަރުގެ ކާމިޔާބު ހަމަލާދީ ބަނޑޭރިގެ ފަތަޙަކުރިގޮތެވެ. ދުލާއި ގަލަމާއި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުން އެއީ ވަޒަން ނާރާ ވެލިބަސްތާ ތަކެއް ކަމުަގައިހަދައި، އޭގެ ފުރަގަހަށް ވަދެތިބެ އެފަހަރުވެސް ދިނީ މިހާރު މި ދޭފަދަ ނުރައްކާތެރި ހަމަލާތަކެކެވެ. އާޚިރުގައި ދިވެހި އަސްކަރިއްޔާބަލިކޮށް އެކުއެކީ އިނދަޖައްސާލި ބޮޑު މިންވަރު، 2012 ފެބްރުވަރީ 7 ވަނަ ދުވަހު ހާމައަށް ފެނުނެވެ. އެތަނުގެ ގޭޓާއި ވަށާ ފާރާއި ކެމެރާތަކަށް އެއްވެސް ޖެހިލުމެއް ސަރަމެއްނެތި އަރައިގަނެ، ވީދާ ނޮޅާ ތިރިކޮށްލިއެވެ.    

މިދެންނެވި ހަމަލާއަށް ދެވުނު ރައްދެއް، ވެވުނު ދިފާއެއް ނެތި، ނުވިތާކަށް އެހަމަލާ ދިން ދުޝްމަނުންނަށް ވީ ހަމަ އެއްކަމެއް ވެސް ނެތުމުން، ދެންވާނެގޮތައި ވަމުންދާގޮތް، މިހާރު ދިވެހިރާއްޖެއިން މިދަނީ ފެންނަމުންނެވެ. ނަތީޖާއަކީ ތަކުރާރުކޮށް އެފަދަ ހަމަލާތައް ރާވައި ހިންގުމުގެ ހިތްވަރު  ދުޝްމަނުންނަށް ލިބުމެވެ. ހަމަލާގެ ކަވަރުނެގުމަށް އޭގެ ފުރަގަހަށް ވަދެތިބޭނެ، ވަޒަން ނާރާ ބަސްތާތައް އެދަނީ ޖަހަމުންނެވެ. އެގޯނިތައް ފުރާ އަޅާފައިވަނީ، ކުރިން ވެސް އެޅި، އެއްކަލަ ޚާއްޞަ ތަކެއްޗެވެ. ދުލާއި ގަލަމާއި، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމާއި ސިޔާސީ ހަރަކާތއި އެއްވެ އުޅުމުގެ މިނިވަންކަމެވެ. މިބާވަތްތަކުން ނިވާފަތް ނަގައިގެން ކުރިއެކޭ އެއްގޮތަށް، ހަމަ އެ ފަދަ ނުރައްކާތެރި ހަމަލާއެއް ދިވެހި އަސްކަރިއްޔާ އާ ދެކޮޅަށް ރާވަމުން، ހޫނު ކުރަމުން އަންނަތަން މިދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ. 

ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ހެޑްކުއާޓަރޒް، ނޮވެންބަރު ތިނެއްގެ އުދުވާނުގައި ޝަހީދު ހުސެއިން އާދަމް ހުންނެވީ ބޭރުން އެ ފެންނަ ގޮޅިތެރޭގައި

މީގެ 33 އަހަރުކުރިން، ދުޝްމަނުން ވައްޓާލި ބާގަނޑުން، ދިފާއުގައިދިން އަވަސްކުއްލި ހަމަލާއިން ދިވެހި ސިފައިންގެ ހުށިޔާރުކަމާއި ކުޅަދާނަކަމާއި ގާބިލްކަން ސާބިތުކޮށްދިނެވެ. ދުޝްމަން ކޮމާންޑަރުގެ ފުރާނަ ވަގުތުން އުދުއްސާލައި، އެމަރުކަޒު ދިފާއުކުރި ދުވަހު، މިހާރުގެ ޖެނެރަލުންނަކީ އޭރުގެ ނޫކަށިޒުވާނުންނެވެ. އޭގެ ފަހުން އެބޭކަލުން ހޯއްދެވި ހުނަރާއި ތަމްރީނާއި ތަޖުރިބާއިން، އެއިން ކޮންމެ ޖެނެރަލަކީ މިއަދު މާކުޅަދާނަ އެހާމެ ހުށިޔާރު، ގާބިލް ކަމުގައި، ހެދިހުރި އަސްކަރީ ކިއްލާއެއް ފަދަ ބޭފުޅެކެވެ. 

ނަމަވެސް މިހާރު މިދޭ ހަމަލާތަކުން ޒަހަމްކޮއްލަނީ އެޖެނެރަލުންނާއި އެވަރުގަދަ މުއައްސަސާގެ ގަދަރާއި ކަރާމާތާއި ޝަރަފެވެ. ހިތްތަކުގައި އުފައްދަނީ ޝައްކާއި ވަހުމެވެ. ރޯކުރަނީ އަދާވާތާއި ފަސާދައިގެ ހުޅެވެ. މިއަދުވެސް ދުޝްމަނުން ހަމަލާ ދެނީ ބަރު ހަތިޔާރުންނަމަ، އެދުވަހުގެ ދުޝްމަނުން ތޮރުފި އުނދުޅިއަކަށް ހަދާލި، އެރެއަށްވުރެ، އާރާއިބާރު އަދި ޖޯރާއި ގާބިލްކަމުގެ އެތައް ސަތޭކަ ގުނަ މިއަދުގެ ދިވެހިގައުމީ ދިފާއީބާރުގައި އެބަހުއްޓެވެ. އެހެނަސް، މިއަދުގެ ދުޝްމަނުން ފާޅުގައި ރޯމާއި ދުވާލު އެ ކަތިލަނީ ދިވެހި އަސްކަރިއްޔާގެ ޢިއްޒަތާ ކަރާމާތެވެ. އެއިން ދިފާޢު ނުވެވި މީގެ ކުރިން އެއްފަހަރު އެ މުއައްސަސާ ބަލިކޮށް އިނދަޖެއްސިތަން ދިވެހިން ދެކެފިއެވެ.  

މިއަދުމިދޭ ފިކުރީ ހަމަލާތަކުން ދިވެހި އަސްކަރިއްޔާ ދިފާޢުކޮށްދޭންއޮތް ހަގީގީ ހަތިޔާރާއި ބާރަކީ ގާނޫނެވެ. އެކަންކުރަން ތިބި ލަސްކަރީންނާއި އަސްކަރީންނަކީ ވަރުވަރުން އިންތިޚާބުވެގެން ގޮނޑިތަކަށް ވެޑުވިފައި ތިއްބެވި ވެރިންނެވެ. އަދި އެ ވަޞީލަތާއި ޤާބިލްކަން ދިވެހި ދައުލަތަށް މިއަދުވެސް ލިބިގެންވެއެވެ.

ޤާނޫނުލް ޢުގޫބާތުގެ 310 އާއި 533 (ހ) 2 (އައި) އަދި 655 (ހ) 6 އެއީ ރައްދުގައި ބޭނުން ކުރެވޭނެ ވަރުހުރި މެޝިން ބަޑިއެއް ކަމުގައި ބުނާ ގާނޫނީ ރަޢުޔު އެބަހުއްޓެވެ. ނަމަވެސް އޭގެ ބޭނުން ނުކުރާތީ ބަނޑޭރިގޭ ފާރުގެ އެތައް ތަނަކަށް ދުޝްމަނުންގެ ޙަމަލާތައް އެދަނީ އަމާޒުކޮށް ފާރުތައް ފޫވައްޓަމުންނެވެ. އެތައް ބާގަނޑެއް އެ މުއައްސަސާގައި އެދަނީ އަޅަމުންނެވެ. ކޮންމެ ކަމެއް ކުރިޔަސް އޭގެ ރައްދުގައި ބޮޑު އޯކޭ ވެފައިތިބުމުގެ ނަތީޖާއަކީ، ދުޝްމަނުންގެ ލަދުހަޔާތް ދުވަހެއް ދުވަހަކަށް ކެނޑެމުންދާތަން ދިވެހިންނާއި ދުނިޔެއަށް ފެންނަމުން ދިއުމެވެ.   

ދިމާވާކަންކަމާ ދައުލަތްތަކުން ކުރިމަތިލަނީ އެކަމަށް ނެތް ވަސީލަތްތަކާއި އާލާތްތައް ބޮޑުޚަރަދުކޮށްގެން ހޯދުމަށްފަހުއެވެ. ކޮވިޑް19 އަކީ އޭގެ އެންމެތާޒާ އެއްމިސާލެވެ. ޚަރަދެއް ނުކޮށް ހޯދެންއޮތް އަސްކަރިއްޔާގެ އަބުރާއި ކަރާމާތުގެ ގާނޫނީ ދިފާއު ހޯދައި ނުދެވޭނަމަ، ބޮޑުޚަރަދުކޮށްގެން ގައުމީ ދިފާޢީ ބާރަށް ބޭނުންވާ ހަތިޔާރާއި ތަމްރީނާއި ޔުނިފޯމް އަދި އެހެނިހެން އާލާތްތަކާއި ވަސީލަތްތައް ހޯދުމުގެ އެއްވެސް ބޭނުމެއް ނެތެއެވެ. 

ދިވެހިގައުމީ ދިފާޢީ ބާރޭ ބުނާ އިރު އެއީ އައްސުލްޠާނު އިބްރާހިމް ނޫރައްދީން، ސިރީބަރިކުސަލޯކަ މަހާރަދުންގެ ރަސްކަމުން ފެށިގެން ޢިއްޒަތާއި ފަޚުރާއި ޝަރަފުގައި ގާތްގަނޑަކަށް 129 އަހަރު ދެމިއޮތް މި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ މުއައްސަސާއެވެ. ދިވެހި އަސްކަރިއްޔާގެ އަބުރު ދިފާޢުކޮއްނުދެވޭ މަޖިލިސްތަކާއި މުއައްސަސާތަކާއި ވެރީން، ދައުލަތުގެ ނަމުގައި ތިބުމުގެ ބޭނުމެއް، މާނައެއް، މަތުލަބެއް، މުރާދެއް، ހަގީގަތުގައި ނެތެވެ.  

ސިޔާސީ ގޮތުން ގަންނަ ގަނޑުގެ ތެރެއިން ދިވެހި އަސްކަރިއްޔާއަށް ހަމަލާ ދޭން ދުވަހަކު ހިތަށް ވެސް ނާރާނެހާ ދިލަ ހުރި ވަރުގަދަ ރައްދެއް ދީގެން ނޫނީ މިހާރު މިއޮތް ހިސާބުން މިކަން ހުއްޓުމަކަށް ނުގެނެވޭނެއެވެ. ނޮވެމްބަރ 3 ގައި އެ ދިން ރައްދާ އެއްފަދަ ގާނޫނީ ބޮޑުބަޑީގެ ވަޒަންތައް އޮޓޯއަށް ލާން ދައުލަތައް މިވަނީ މަޖުބޫރުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
17%
83%
ކޮމެންޓް
25 މާރޗް 2021 | ބުރާސްފަތި 16:37
ދިވެއްސެއް
ބަލަ އަސްކަރިއްޔާއަށް އެބައިމީހުންގެ އުމުރު ހުސްވަންދެން ކޮންމެމަހަކު ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަދެމުން އަންނަނީ އަބަދުވެސް. ކޮއްތު ހިލޭ. އެހެނިހެން އިނާޔަތް ލިބޭ. ގަރުނަކުން އެއްފަހަރު ގައުމައް ދިމާމާވާކަމެއްގަ އެމީހުން މަޖުބޫރުދޯ މޭއާއި ފުރާނަ އަތްމައްޗައް ލައިގެންވެސް ނުކުންނަން. އެހެންނޫނީ އެނަގާމުސާރަ ހަލަަލެއް ނުވާނެ. ދެން އަސްކަރިއްޔާގެ ބާރު ގަދަކުރަން ނިއުކުލިއަރ ހަތިޔާރުތޯ ނުހޯދިގެން އުޅެނީ. ކިތަންމެ ބާރުވެރިކަން ހޯދަން އުޅުނަސް އެކަމެއް ނުވާނެ. ސަބަބަކީ ބަޔަކު ދިނިއްޔާ ކައިގެން، ބަޔަކު ދިނިއްޔާ ދަތްކޮއްޓާ އިލޮށިކޮޅުވެސް ލިބޭބައެއް އަހަރެމެންނަކީ. އާބާދީ އެއްއަތުން ގުނާލެވޭ. ދެން ކޮންބާރެއް އަހަރެންނަށް ހޯދޭނީ! ތެދެއް ފުލުހުންނާއި ސިފައިން ތިބެގެން ރައްޔިތުންގެ ވެރިންނަށް ތިބޭ ބަޔަކު އިއްޒަތުގަ ތިބެވޭނީ. އެނޫން އެހެން ކަމެއް ނެތް. ހަރުކަށި ބަހެއް ބުންޏަސް ބުނަންކެރޭނީ އަހަރެމެންގެ ނިކަމެތި ރައްޔިތުމީހާއާ ދިމާލައް. ނުކެރޭނެ ބޭރުގެ ސަރުކާރަކަށް އިނގިލިވެސް ދިއްކޮލާކަށް. މީ ހަގީގަތް. މިގައުމުގަ ބޮޑުކަމެއް ދިމާވީމަ ސިފައިންނާއި ފުލުހުން ނުކުމެ ކުރާވަރައް ރައްޔިތުންވެސް މަސައްކަތްކުރާނެ. އެމީހުން އަތުގަ ހުން ވަސީލަތްތައް އާންމުންއަތުގަ ނުހުންނަނީ. މިލިއަނުން ހަރަދުކޮށްގެން އެމީހުން އެކަން ކުރަން ތިބޭބައެއް އެމީހުންނަކީ. ގިނަ ފަހަރު ދިމާވާ ކަނަކަމުގަ ނާކާމިޔާބުނޫންތޯވަނީ. ރައްޔިތުންގެ ކަމެއްވިއްޔާ. މައްސަލައްކީ ފުލުހުންނާއި ސިފައިން ސިޔާސީވުން. އެއީ މިހާރު އެންމެބޮޑުކަމަކީ. އެތަންތަނުގަތިބި ވެރިން އެކިފަހަރު އެކި އެކިގޮތައް ވާހަކަދައްކާނީ. އެއިރަކު ވައިޖެހޭކޮޅަކަށް އެނބުރޭ. ަބަދު މަގާމުހޯދަން މެދެލްޖެހުމުގަ. މީވާގައުމެއް. ބޯހަލާކު.