ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 13:53
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ
ރޮއިޓަރސް
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ކޮވިޑްގެ ހާލަތު ބްރެޒިލްގައި އިތުރަށް ގޯސްވާތީ ފިޔަވަޅުތައް ވަރުގަދަކުރަނީ
 
ބްރެޒިލްގައި 260،000 މީހުން ވަނީ މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައި
 
ބުދަ ދުވަހު އެގައުމުން 1910 މީހުން ވަނީ ބަލި ޖެހިގެން މަރުވެފައި

ކޮވިޑްގެ ކޭސްތައް އިތުރުވެ ހާލަތު ގޯސްވަމުން އަންނަ ބްރެޒިލްގައި ޖެހިޖެހިގެން ދެވަނަ ދުވަހު ރިކޯޑް މިންވަރަކަށް ބަލީގައި މީހުން މަރުވެގެން ރިޕޯޓްކޮށްފައިވާއިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

އެގޮތުން ހާލަތު ގޯސްވެފައިވާ ސައު ޕައުލޯގެ ވިޔަފާރިތައް ބަންދުކުރަން ވަނީ ޖެހިފައެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު އެގައުމުން 1910 މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އަންގާރަ ދުވަހު 1641 މީހުން ވަނީ މަރުވެފައެވެ. އެމެރިކާ އަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ ބްރެޒިލްއެވެ. ބްރެޒިލްގައި 260،000 މީހުން ވަނީ މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައެވެ.

އަނެއްކޮޅުން ބްރެޒިލްގެ ސަރުކާރުން އަންނަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް އަވަސްކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފައިޒަރ އާއެކު އެއްބަސްވުމަކަށް އައުމާ ހަމައަށް އައިސްފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ބްރެޒިލްގެ ސަރުކާރުން ބުނެފައިވަނީ ފައިޒަރ އިން ކޮވިޑް ވެކްސިންގެ 100 މިލިއަން ޑޯޒް އަދި ޖޯންސަން އެންޑް ޖޯންސަން ގެ ސަބްސިޑަރީ ކުންފުނިކަމުގައިވާ ޖެންސެން އިން 38 މިލިއަން ޑޯޒް ގަތުމަށް ނިންމާފައިވާކަމަށެވެ.

ސޯޝަލް މީޑިޔާއަށް ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ހެލްތު މިނިސްޓަރ އެޑުއަޑޯ ޕަޒުއެލް ވިދާޅުވީ ޕެންޑަމިކްގެ ވަރަށް ނުރައްކާތެރި ހިސާބަކަށް އައިސްފައިވާކަމަށެވެ. އަދި އައު ވޭރިއަންޓްތަކުގެ ސަބަބުން ހާލަތު ގޯސްވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން ފައިޒަރ ވެކްސިން ލިބޭނެކަމަށް އުންމީދުކުރައްވަނީ މެއި މަހުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހާލަތު ގޯސްވަމުން އަންނަ ސައު ޕައުލޯގައި ހޮނިހިރު ދުވަހުން ފެށިގެން ބަރ ތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދެމުންގެންދާނީ ހަމައެކަނި އޮންލައިންކޮށެވެ. މީގެއިތުރުން ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ދިނުމަށް ނޫނީ އެއްވެސް ތަނެއް ހުޅުވާފައި ނުބެހެއްޓޭނެކަމަށް ވަނީ ނިންމާފައެވެ.

އަނެއްކޮޅުން ބްރެޒިލްގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު އެގައުމުގެ ރައީސް ޖައިރު ބޮލްސޮނާރޯ ގެންގުޅުއްވާ ސިޔާސަތުތަކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް