raajjemv logo
ކޮވިޑް-19 ބްރެޒިލްގެ ހާލަތު
ބްރެޒިލްގައި ކޮވިޑްގެ ހާލަތު ގޯސްވެ އަންގާރަ ދުވަހު ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެ
 
212 މިލިއަން މީހުން ދިރިއުޅޭ ބްރެޒިލްގައި މިހާތަނަށް އައިއިރު 10.6 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައި
 
މީގެކުރިން އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު
 
އަންގާރަ ދުވަހު މިބަލީގައި 1641 މީހުން ވަނީ މަރުވެފައި
އާއިޝަތު ޝިއުރާ
9,231
ކ. މާލެ |
3 މާރޗް 2021 | ބުދަ 12:44
ބްރެޒިލްގައި ކޮވިޑްގެ ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުން
ރޮއިޓަރސް

ބްރެޒިލްގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ އަންގާރަ ދުވަހު ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

ސިޔާސީ ހަމަނުޖެހުންތަކާއެކު ގައުމަށް ކުރިމަތިވެފައިވާ ސިއްހީ މި ކާރިސާއިން ސަލާމަތްވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅި، ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގައި ވެސް އެގައުމުގައި ވަނީ ލަސްތަކެއްވެފައެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަންގާރަ ދުވަހު މިބަލީގައި 1641 މީހުން ވަނީ މަރުވެފައެވެ. މީގެކުރިން އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުއެވެ. އެއީ އެއް ދުވަހާ 1595 މީހުން މަރުވެގެންނެވެ.

މިހާތަނަށް އައިއިރު ބްރެޒިލްގައި މިބަލީގައި 257،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބްރެޒިލްއަކީ އެމެރިކާއަށް ފަހު އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ކޮވިޑާއެކު ބްރެޒިލްގެ ހޮސްޕިޓަލްތައް ފުރިފައިވާއިރު ސްޓޭޓްތަކުގެ ގަވަރުނަރުން ވަނީ ވެކްސިން ގަނެ، ވެކްސިން ބެހުމުގެކަންކަން އަވަސްކުރުމަށްޓަކައި މައި ސަރުކާރާ ނުލައި އެކަންކަން ކުރަން ފަށާފައެވެ.

ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އަކީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތައް އެޅުމަށް އަބަދުވެސް ދެކޮޅުހައްދަވަމުން ގެންދެވި ބޭފުޅެކެވެ. މިބަލިމަޑުކަން ފެށުނީއްސުރެ ވެސް ބްރިޒިލްގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލްކުރެވިފައެއް ނުވެއެވެ. ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މައި ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ދެކޮޅު ހެދިނަމަވެސް އެކި ސިޓީތަކާއި ސްޓޭޓްތަކުން އަންނަނީ އަމިއްލައަށް އެފަދަ ފިޔަވަޅުތައް ތަންފީޒުކުރަމުންނެވެ.

ބޮލްސޮނާރޯ ގެންދަވަނީ ފެށުނީއްސުރެ ވެސް ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތައް އަޅާ ސިޓީތަކާއި ސްޓޭޓްތަކަށް ދޭ ފަންޑު ކަނޑާލާނެކަމުގެ އިންޒާރު ސްޓޭޓްތަކާއި ސިޓީތަކުގެ މޭޔަރުންނާއި ގަވަރުނަރުންނަށް ދެއްވަމުންނެވެ. އަނެއްކޮޅުން މިދިޔަ ހަފްތާގައި ބޮލްސޮނާރޯ ވަނީ މާސްކު އެޅުމުން ބޮލުގެ ރިއްސުމަށް މަގުފަހިވާކަމަށާއި ހިނިތުންވުން ފެންނަ މިންވަރު ކުޑަކޮށްދޭކަމެއްކަމަށް ވިދާޅުވެ ވާހަކަ ދަައްކަވާފައެވެ.

212 މިލިއަން މީހުން ދިރިއުޅޭ ބްރެޒިލްގައި މިހާތަނަށް އައިއިރު 10.6 މިލިއަން މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަންގާރަ ދުވަހު އެކަނިވެސް އެގައުމުން 59،925 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު މިދިޔަ ހަފްތާގެ ގިނަ ސިޓީތަކާއި ސްޓޭޓްތަކެއްގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އިތުރުފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ސައު ޕައުލޯގައި ހުންނަ ނޫސްވެރިއެއް ކަމުގައިވާ ސޭމް ކޯވީ އަލްޖަޒީރާ އާ ވާހަކަދައްކަމުން ބުނެފައިވަނީ މިއީ ބިރުވެރި ދުވަސްތަކެއް ކަމަށެވެ.

ސިއްހީ ނިޒާމަށް ބާރުބޮޑުވެ، ހަފްތާ ބަންދުގެ ތެރޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ފަސް މީހަކު ހޮސްޕިޓަލްގެ ބޭރުގައި މަޑުކޮށްގެން ތިއްބާ މަރުވެފައިވާކަމަށް ސޭމް ވަނީ ބުނެފައެވެ.

ބްރެޒިލްގެ ހާލަތު މިހާރަށްވުރެ ގޯސްވެފައިވަނީ ބްރެޒިލްއިން ފެނިގެން އުޅޭ އައު ވޭރިއަންޓާއެކުއެވެ.

ބްރެޒިލްގައި ކޮވިޑަށް ވެކްސިން ދޭން ފަށާފައިވަނީ ޖެނުއަރީ މަހުގެ މެދުތެރޭގައެވެ. އެހެންނަމަވެސް މިއަހަރު ނިމެންވާއިރު ބްރެޒިލްގެ މުޅި އާބާދީއަށް ވެކްސިންދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް ވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވެކްސިން ދެވިފައިވަނީ އާބާދީގެ އެންމެ 3 އިންސައްތަ މީހުންނަށެވެ.

ކަމާބެހޭ މާހިރުން ވަނީ ބްރެޒިލްގައި ވައިރަސް ފެތުރުން ކޮންޓްރޯލްނުކުރެވި، ވައިރަސް މިޔުޓޭޓްވަމުންދާ މައި ތަނަކަށް ބްރެޒިލް ވެދާނެކަމުގެ އިންޒާރުދީފައެވެ. މިއާއެކު ބްރެޒިލްގެ ހާލަތު މިހާރަށްވުރެ ގޯސްވެގެންދާނެއެވެ.

ދިރާސާކުރާ ފަރާތްތަކުން އަންނަނީ މިހާރު އުފައްދާފައިވާ ކޮވިޑް-19 ވެކްސިންތައް ބްރެޒިލްއިން ފެނިގެންއުޅޭ ވޭރިއަންޓަށް މަސައްކަތްކުރޭތޯ ބެލުމުގެ ދިރާސާތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
18%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
73%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
9%
ލިޔުން ރަނގަޅު
ކޮމެންޓް