raajjemv logo
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ
ނުވަ ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަރުޝަދު ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
 
މިއީ 2020 ޖެނުއަރީ 31 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއް
 
9 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން 4.6 މިލިއަން ރުފިޔާވެސް ހޯދާފައިވޭ
މުހައްމަދު ފަޒީން
2,091
ކ. މާލެ |
22 ފެބްރުއަރީ 2021 | ހޯމަ 13:51
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަރުޝަދު: ފުލުހުން ތުހުމަތު ކުރާ ގޮތުގައި އޭނާއަކީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސްކޮށް އުޅުނު މީހާކަމަށް
ޕޮލިސް

ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުލަތުން ދައުވާ ކޮށްފައިވާ އަރުޝަދު ޚާލިދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މި މައްސަލައަކީ ނިމިދިޔަ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދަކީ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކޮށްފައިވާ ފަސް މީހުންނަކީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ.

މި މައްސަލައާ ގުޅިގެން މި މަހުގެ 17 ވަނަ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންދިޔައެވެ. މިއަޑުއެހުމުގައި، އެމީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރު ވެސް މުރާޖަޢާ ކޮށްފައިވެއެެވެ. ޖިނާޢީ އިޖުރާޢަތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ 30 ދުވަހަކުން އަމުރު މުރާޖަޢާކުރަންޖެހެއެވެ. އެގޮތުން، ބުދަ ދުވަހުގެ އަޑުއެހުމުގައި އަރުޝަދުގެ ބަންދުގެ އަމުރު މުރާޖަޢާ ކުރުމަށްފަހު، އޭނާ ދޫކޮށްލީ އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދުއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
100%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް