ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 10:31
ދުނިޔެއާއި ދިމާލަށް ގިނިހިލަ ދަތުރުކުރާނެގޮތް ދައްކާ ފޮޓޯއެއް
ދުނިޔެއާއި ދިމާލަށް ގިނިހިލަ ދަތުރުކުރާނެގޮތް ދައްކާ ފޮޓޯއެއް
ސޯޝަލް މީޑިއާ
ދުނިޔޭގެ ނިމުން
ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
 
މުޑިއަރައިފިނަމަ ދުނިޔޭގެ ދިރުންތައް ނެތިގެން ދިއުމުގެ ނުރައްކާ ވަރަށް ބޮޑު
 
ދުނިޔެއާ މުޑިއެރުމަށް އޮތީ ސަތޭކަޔަކުން ތިނެއްގެ ފުރުސަތެއް
 
އަޕޮފިސްގެ ނަންދެވިފައިވާ ގިނިހިލައިގެ މިސްރާބު ތަޖުރިބާކާރުން ދަނީ ދިރާސާކުރަމުން

ގަދީމީ މިސްރުގައި ދިރިއުޅުނު މީހުން ވަރަށް ގިނަ ތަކެއްޗަށް އަޅުކަންކުރިއެވެ. ޚިޔާލީ ތަކެތި ވެސް ހިމެނޭގޮތުންނެވެ. މީގެތެރެއިން އެކައްޗަކީ އަޕޮފިސްއެވެ. އެއީ އަނދިރިކަމާއި ހަލާކާއި މުސީބާތް ކުރިމަތިކުރުވާ ކަލާނގެ ކަމަށް އެމީހުން ގަބޫލުކުރިއެވެ. އޭގެ ސިފަޔަކީ ހަރުފައެއްގެ ސިފައެވެ. މިއަދުގެ ދުނިޔޭގައި ވެސް އަޕޮފިސްގެ ނަން ވަރަށް މަޝްހޫރެވެ. އެކަމަކު އެނަން މިހާރު ދެވިފައިވަނީ ވަރަށް ބިޔަ ގިނިހިލަޔަކަށެވެ. ފުޓުބޯޅަ ދަނޑުގެ ތިން ދަނޑުގެ ސައިޒާ ގާތްކުރާ ޖައްވީ މި ހިލަ 2029 ވަނަ އަހަރު ދުނިޔެއާ ވަރަށް ގާތަށް އަންނާނެއެވެ. ސައިންސްވެރިންގެ ތެރެއިން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ދުނިޔެއާއި މުޑިއަރައި ދުނިޔެއަށް ނިމުން ގެންނާނެ އެއްޗަކަށް ވެސް މި ހިލަ ވެދާނެއެވެ. އެބިރުވެރިކަން އެބައޮތެވެ.

ސައިންސްވެރިން ހިސާބު ޖަހައިފައި ބުނަނީ މި ހިލަ ދުނިޔެއާ މުޑިއެރުމަށް އޮތީ ސަތޭކަޔަކުން ތިނެއްގެ ފުރުސަތެއް ކަމުގައެވެ. އެޕޯފިސްގެ ސައިޒާދޭތެރޭ ވިސްނާއިރު މިއީ ބިރުގަތުން އެކަށީގެންވާ ފުރުސަތެކެވެ. މިއީ ރަޝިޔާއާ ދިމާލުން ޖައްވުގެ ތެރޭގައި 2013 ވަނަ އަހަރު އަނދައިގެން ދިޔަ ގިނިހިލަޔަށް ވުރެ ދިހަ ގުނަ ބޮޑު ސައިޒެކެވެ. އެފަހަރު ޖައްވުގެ ތެރޭގައި އެ ހިލަ އަނދައިގެން ދިޔަކަމަށްވިޔަސް އޭގެ ސަބަބުން އުފެދުނު ޝޮކް ވޭވުގައި ބިންމަތީގައި ހުރި އެތައް އިމާރާތެއްގެ ކުޑަދޮރުތައް ތެޅި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވެއެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ބުނާގޮތުގައި ދުނިޔެއާ މުޑިއެރުން ގާތް ހިލަތަކަށް ވިސްނާއިރު އަޕޮފިސްއަށް ވުރެ ވެސް ދުނިޔެއާ މުޑިއެރުމުގެ ފުރުސަތު މިވަގުތު ބޮޑީ 26 ފޫޓުގެ ގިނިހިލައަކަށެވެ. އެ ހިލަ ދުނިޔޭގައި ލައްވާލުމަށް އޮތީ ސަތޭކަޔަކުން ހަތެއްގެ ފުރުސަތެކެވެ. އެކަމަކު ދުނިޔެއާ ހިސާބަށް އެ ހިލަ އަންނާނީ 2095 ވަނަ އަހަރުއެވެ. އެހެންވީމާ އޭގެ މިސްރާބު އިތުރަށް ދިރާސާކޮށް ކަންކަން ދެނެގަތުމަށް ވަރަށް ގިނަދުވަސް އެބަލިބެއެވެ. އެހެންނޫނަސް އޭގެ ސައިޒަކީ ކުޑަ ސައިޒަކަށް ވެފައި ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ވަނުމާއެކު އަނދައި އަޅިއަށް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ލަފާކުރެއެވެ.

އަޕޮފިސްއާ ދޭތެރޭ ގިނަ ބަޔަކު ކަންބޮޑުވަނީ އިރަވީ ނިޒާމުގެ ތެރޭގައި އޭގެ ދަތުރު ހަލުވިކަމާއި ސައިޒުގެ ބޮޑުކަމުންނެވެ. އެވަރުގެ އެއްޗެއް ދުނިޔޭގެ ވައިގެ ފަށަލައަށް ވަނުމަށްފަހު މުޅިން އަނދައި އަޅިޔަކަށް ނުވާނެއެވެ. މުޑިއަރާނެއެވެ. ގިޔާމަތް ގާއިމުވާނެއެވެ. ދުނިޔެއިން ޑައިނަސޯތައް ނެތިގެންދިޔަ ހާދިސާ ފަދަ ދައުރެއް އަލުން ގެނުވަފާނެއެވެ. މި ހިލަ މިއަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހުވެސް ދުނިޔެއާ ގާތުން ބުރެއް އަޅާނެއެވެ. އެކަމަކު އެއީ ހަނދާއި ދުނިޔެއާ ދޭތެރޭގައިވާ ދުރުމިނަށްވުރެ ސާޅީސް ގުނަ ދުރުންނެވެ. އޭގެ ފަހުން ދެން ދުނިޔެއާ ގާތަށް އަންނާނީ 2029 ވަނަ އަހަރުއެވެ. ބިރުވެރިކަން އޮތީ އެފަހަރުއެވެ.

އަޕޮފިސްގެ އިތުރަށް އެ ސައިޒުގެ އެހެން ގިނަ ހިލައެއް ވެސް އެއަށްވުރެ ދުނިޔެއާ ކައިރިން މިއަހަރު ބުރެއް އަޅާނޭ ކަމަށް ސައިންސްވެރިން ބުނެއެވެ. އެއީ ދެހާސްއެކެއް އެފްސުމެއް ތިނެއްދޭއްގެ ނަން ދެވިފައިވާ ހިލައެކެވެ. ސިކުންތަކު އެކާވީސް މޭލުގެ ބާރު ސްޕީޑުގައި މިހިލަ ދުނިޔެއާ ގާތުން ދާއިރު އެހިލަ ދުނިޔެއާ މުޑިނާރާނެކަން މިހާރު ވަނީ ޔަގީން ކުރެވިފައެވެ. އެހިލައިގެ މިސްރާބާއި ސައިޒާއި އެނޫން ވެސް ކަންކަން ސައިންސްވެރިން ބަލަމުން ދިރާސާކުރަމުން ގެންދާތާ ވަރަށް ގިނަދުވަސްވެއްޖެއެވެ. ދުނިޔެއާ މުޑިއަރައި ގިޔާމަތް ގާއިމުވެދާނޭ ކަމުގެ ބިރުވެރިކަން އުފެދެނީ ދުނިޔެއާ 4.6 މިލިއަން މޭލަށްވުރެ ގާތުން ބުރެއް އަޅައި ފަސްސަތޭކަ ފޫޓަށްވުރެ ކުޑަނޫން ގިނިހިލައެއް ފެނިއްޖެނަމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
24%
5%
38%
12%
8%
14%
ކޮމެންޓް
19 ފެބްރުއަރީ 2021 | ހުކުރު 09:03
ކިނބޫ
އަސްތާ! ރާގުންޑާއިންގެ ސައިންސްވެރި ޓީމުން އާ ހޯދުމެއް މިއޮއްގެން ހާމަކުރީ. ދެން ބާގައި ލާދީނީންތައް ތައުބާވެ އެއްކައުވަންތަކަމަށް ހެކިވާންވެސް އަންގަންވީނު. ކކކކ
16 ފެބްރުއަރީ 2021 | އަންގާރަ 17:31
ލޮޮތހޮ
ވަރައް ދެރަވެރި