ކ. މާލެ
|
25 ޑިސެންބަރ 2020 | ހުކުރު 04:19
ނިއުދިއްލީގެ މަގެއްގެ މަތީގައި މީހަކު ހިނގާފައިދަނީ
ނިއުދިއްލީގެ މަގެއްގެ މަތީގައި މީހަކު ހިނގާފައިދަނީ
ސީ.އެން.އެން
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭނެ 300 މިލިއަން މީހުން ކަނޑައަޅައިފި
 
ތިން ކުންފުންޏަކުން ވަނީ އިންޑިޔާގައި އެމަރޖެންސީކޮށް ވެކްސިން ދިނުމުގެ ހުއްދައަށް އެދިފައި
 
ވަލްނަރަބްލް ގްރޫޕްގައި ހިމެނޭ 270 މިލިއަން މީހުން ހިމެނޭ
 
ސިއްހީ ދާއިރާގައި މަސައްކަތްކުރާ 30 މިލިއަން މީހުންނާއި، ފުލުހުންނާއި ސިފައިންނާއި ވޮލަންޓިއަރުން މީގެތެރޭގައި ހިމެނޭ

އިންޑިޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 10 މިލިއަން ފަހަނައަޅާ ގޮސްފައިވާއިރު އާބާދީގެ ބޮޑުބަޔަކަށް ފުރަތަމަ ބުރުގައި ވެކްސިން ދިނުމުގެ މަސައްކަތް އިންޑިޔާއިން ފަށައިފިއެވެ.

އިންޑިޔާއަކީ ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި އެންމެ ފުރަތަމަ ވެކްސިން ދޭނެ މީހުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން 300 މިލިއަން މީހުންނަށް ވެކްސިންދިނުމުގެ ކަންކަން ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި ކުރިޔަށް ގެންދާނެކަމަށް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ. އިންޑިޔާއިން އެންމެ ފުރަތަމަ ވެކްސިން ދޭ މިއަދަދަކީ ގާތްގަނޑަކަށް އެމެރިކާގެ މުޅި އާބާދީއެވެ. އެމެރިކާ އަކީ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 18 މިލިއަނަށް އަރާފައެވެ.

އިންޑިޔާގެ ސަރުކާރުން އެންމެ ފުރަތަމަ ވެކްސިންދޭނެ 300 މިލިއަން މީހުން ކަނޑައަޅާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 30 މިލިއަން މީހުންނާއި، ފުލުހުންނާއި ސިފައިންނާއި ވޮލަންޓިއަރުންނެވެ. ދެން ހިމެނެނީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ނުވަތަ ވަލްނަރަބްލް ގްރޫޕްގައި ހިމެނޭ 270 މިލިއަން މީހުންނެވެ. މީގެތެރޭގައި އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތައް ހުންނަ 10 މިލިއަން ވަނީ ހިމަނާފައެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގައި އިސްކޮށް އުޅޭ ތިން ކުންފުންޏަކުން ވަނީ އިންޑިޔާގައި އެމަރޖެންސީކޮށް ވެކްސިން ދިނުމުގެ ހުއްދައަށް އެދިފައެވެ. އެއިން ކޮންމެ ވެކްސިނަކީވެސް ދެ ޑޯޒް ހިމެނޭ ވެކްސިންތަކެވެ. އެހެންކަމުން އިންޑިޔާ އަށް 600 މިލިއަން ޑޯޒް ބޭނުންވާނެއެވެ. އިންޑިޔާ ސަރުކާރުން އަންނަނީ ވެކްސިން ދިނުމުގެ ކަންކަން އޮގަސްޓް މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންނެވެ.

އިންޑިޔާ ކަހަލަ ފަގީރުން ގިނަ އަދި އެކަށޭނެ ސިއްހީ ނިޒާމެއް މުޅި ގައުމުގައި ގާއިމުކުރެވިފައިނުވާ ގައުމަކަށް މި ލަނޑުދަނޑި ހާސިލްކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެހެންނަމަވެސް މިކަމުގައި އިންޑިޔާއަށް ނެގެން އޮތް އެޑްވާންޓްތަކެއް ހުރިކަމަށް މާހިރުން ބުނެއެވެ. އެއީ ވެކްސިން އުފެއްދުމުގެ މައިތަނަކަށް އިންޑިޔާވާތީއެވެ.

ކޮވިޑް-19 އަށް ވެކްސިން އުފައްދަމުން އަންނަ ބޮޑެތި ކުންފުނިތަކަކުން އަންނަނީ ވެކްސިންގެ ގިނަ ޑޯޒްތަކެއް އިންޑިޔާ އާ ގުޅިގެން އުފައްދަމުންނެވެ. އެއީ ހުޅަނގުގެ ގައުމުތަކަށްވުރެ އަގު ހެޔޮކަށް އަދި އަވަހަށް ޑޯޒްތައް އިންޑިޔާގައި އުފެއްދޭތީއެވެ.

ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ކަންކަމަށް ބަލާއިރު އިންޑިޔާއިން ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މީގެކުރިން ކުރިޔަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމްގެ ދަށުން އަހަރެއްގެ ތެރޭގައި 55 މިލިއަން މީހުންނަށް ވެކްސިންދެއެވެ. އެހެންކަމުން ވެކްސިން ދިނުމަށް ބޭނުންވާ ސާމާނާއި ވެކްސިން ރައްކާކޮށްފައިވާ ބަހައްޓާނެ ކޯލްޑް ސްޓޯރޭޖްތަކާއި ވެކްސިން އެއް ތަނުން އަނެއްތަނަށް އުފުލާނެ އިންތިޒާމުތައް މުޅި އިންޑިޔާގައި ވަނީ ހަމަޖެހިފައެވެ.

މިފަހަރު ވެކްސިން ދިނުމުގެ ކަންކަމުގައި ސްޓޭޓްތަކާއި، ޑިސްޓްރިކްޓްތަކާއި އާންމުންނާއި މާހިރުން ބައިވެރިކުރުވުމަށް އިންޑިޔާ ސަރުކާރުން ވަނީ ނިންމާފައެވެ.

އިންޑިޔާއަކީ މުޅި ދުނިޔޭގައި އުފައްދާ ބޭނުންކުރަމުން އަންނަ ވެކްސިންތަކުގެ 60 އިންސައްތަ އަށްވުރެ ގިނަ ވެކްސިން އުފައްދާ ގައުމެވެ. މީގެއިތުރުން މުޅި ދުނިޔޭގައި ކުރިޔަށް ގެންދާ އެންމެ ބޮޑު ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ކުރިޔަށްގެންދާ ގައުމަކީ އިންޑިޔާއެވެ.

ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޔުނިވަރސަލް އިމުޔިނިޒޭޝަން ޕްރޮގްރާމްގެ ދަށުން އިންޑިޔާގައި އަހަރެއްގެ މައްޗަށް އަލަށް އުފަންވާ 26 މިލިއަން ކުޑަކުދިންނާއި މާބަނޑު 29 މިލިއަން މީހުންނަށް އަހަރަކު އަންނަނީ ވެކްސިން ދެމުންނެވެ. އަހަރަކު މުޅި އިންޑިޔާގައި 9 މިލިއަން ވެކްސިން ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދާކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

އެހެންކަމުން އިންޑިޔާގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19 ވެކްސިން ދިނުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެކަމަށް އިންޑިޔާގެ ޕަބްލިކް ހެލްތު ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ކޭ.ސަރިންތާ ރެއްޑީ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ތިން ވެކްސިނެއް އެޕްރޫވް ކުރުމުގެ މަރުހަލާގައި އިންޑިޔާ އޮތް އިރު އެތަނުން ދެ ވެކްސިނަކީ ސީދާ އިންޑިޔާއިން އުފައްދަމުން އަންނަ ދެ ވެކްސިނެވެ.

އެތަނުން އެއް ވެކްސަނަކީ ކޮވިޝީލްޑެވެ. އެއީ އޮކްސްފޯރޑް ޔުނިވަރސިޓީ އާއި އެސްޓްރަޒެނިކާ އާ ގުޅިގެން އުފައްދަމުން އަންނަ ވެކްސިނެވެ. މިވެކްސިންގެ ގިނަ ޑޯޒްތަކެއް އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އަންނަނީ އުފައްދަމުންނެވެ.

އަނެއް ވެކްސިނަކީ އިންޑިޔާގެ ބަހާރަތް ބައޯޓެކް އާއި އިންޑިޔަން ކައުންސިލް އޮފް މެޑިކަލް ރިސަރޗް ގުޅިގެން އުފައްދަމުން އަންނަ ކޮވެކްސިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް