ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 16:00
އެމްޕީއެލް ސަރަހައްދުގައި ހުންނަ އެކުންފުނީގެ މައި އޮފީސް: މީގެކުރިންވެސް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވޭ
އެމްޕީއެލް ސަރަހައްދުގައި ހުންނަ އެކުންފުނީގެ މައި އޮފީސް: މީގެކުރިންވެސް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތި ވެފައިވޭ
ރާއްޖެއެމްވީ
އެމްޕީއެލްގެ ތެލުގެ ކޮރަޕްޝަން
އެމްޕީއެލްގެ 8 މިލިއަން ރުފިޔާގެ ތެލުގެ ވަގު ވިޔަފާރި!
 
މިމައްސަލަ ފެންމަތިވީ، އެމްޕީއެލްގެ އިންޓާނަލް އޮޑިޓް ރިޕޯޓުން، ފައިސާ ނެގީ ތެޔޮ އެޅިކަމަށް ހަދައިގެން
 
މި ކޮރަޕްޝަން ހިންގީ އެމްޕީއެލްގެ މުވައްޒަފަކާއި އެފްއެސްއެމްގެ މުވައްޒަފުންތަކެއް ގުޅިގެން ކަމަށްވޭ
 
މިކަން ކޮށްފައިވަނީ ކޮވިޑް-19ގެ ލޮކްޑައުންގެ ތެރޭގައި

ކޮވިޑް-19 ގެ ފުރަބަންދުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޭނުމަށް ތެޔޮ ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ) ން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އެމްޕީއެލްގެ ތެލުގެ ކޮރަޕްޝަންގެ މައްސަލާގައި އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، ފޮނުވާފައިވާ ސިޓީ އިއްވަވާ ދެއްވާފައެވެ.

މި މައްސަލަ ފެންމަތި ވެފައިވަނީ، އެކުންފުނީގެ އިންޓާނަލް އޮޑިޓުންނެވެ. އެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން، ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް އެ ކުންފުންޏަށް ބޭނުންވާ ތެލަށް އެދި ކޮށްފައިވާ މުއާމަލާތުގައި ހިޔާނާތުގެ އަމަލެއް ހިންގާފައިވާ ކަމަށް ޝައްކު ކުރެވިގެން ބެލިބެލުމުން، ރިކުއެސްޓް ފޯމްތަކުން އެދިފައިވާ ތެޔޮ ނާޅައި، ފޯމްތަކުގައި ތެޔޮ ލިބިފައިވާކަމަށް ސޮއިކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ، ފޯމްތައް ފޯޖްކޮށް، ފޯމްތަކުގެ ފޮޓޯކޮޕީ ހައްދައި، އެފޯމްތަކަށް ތެޔޮ ހޯދާފައިވާ ކަމަށް ތެޔޮ އެޅުމުގެ ކަންކަން ކުރުމާއި ހަވާލުކޮށްފައިވާ މުވައްޒަފު އޮޑިޓަށް ދީފައިވާ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި މިކަން ކޮށްފައިވަނީ، އެފްއެސްއެމްގެ ތެޔޮ ސަޕްލައިކުރާ ބައުޒަރުގައި މަސައްކަތްކުރާ މުވައްޒަފުންތަކަކާއި ގުޅިގެން ކަމަށްވެސް، ރިކުއެސްޓް ފޯމުގައި ސޮއިކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފުން ވަނީ އޮޑިޓަށް ބަޔާން ދީފައެވެ.

އެމްޕީއެލްގެ ސީއީއޯ މަޖިލީހަށް ފޮނުއްވާފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ، އިންޓާނަލް އޮޑިޓް ރިޕޯޓްގައި މި މައްސަލާއި ޖިނާއީ ބޮޑެތި ކަންތައްތަކެއް އެކުލެވޭތީ، މިމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ އެ އިދާރާތަކަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން، މި ކޮރަޕްޝަނުގައި އެފްއެސްއެމްގެ މުވައްޒަފުންތަކެއްގެ ބައިވެރިވުން އޮތުމުން އެ ކުންފުނީގެ ސަމާލުކަމަށް މި މައްސަލަ ވަނީ ގެނެސްފައެވެ.

ޝާހިދު މަޖިލީހަށް ފޮނުއްވާފައިވާ އެ ސިޓީގައި، އެކުންފުނީގެ ޗެއާރމަން މިމައްސަލައާމެދު އަމަލުކޮށްފައިވާ ކަންކަމުގެ އިތުރުން، ކުންފުނީގެ ޕޮލިސީތަކަށް ބެލުމެއްނެތި، މަޝްވަރާ ކުރުމުގެ ފުރުސަތުވެސް ނުދެއްވައި، ބައެއް ކަންކަން ނިންމަމުންދާކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން، އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ޕަރސަނަލް ޓްވީޓަރ އެކައުންޓުން، ކުރައްވާފައިވާ ޓްވީޓަށްވެސް ޝާހިދު އަލިއަޅުއްވާލެއްވިއެވެ. ޒަކީގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށްފައިވާ މައްސަލައާ ގުޅިގެން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތައް ސަސްޕެންޑް ނުކުރެވުނީ، ޑިރެކްޓަރުންގެ ބޯޑުގެ އަޣްލަބިއްޔަތު ނުލިބިގެން ކަމަށެވެ.

ޝާހިދު ވިދާޅުވީ ޑިރެކްޓަރުންގެ ބޯޑުގައި ނެގޭ ވޯޓަކީ ސިއްރުކަންކަމަށް ވެފައި، ބޮޑުގެ ބައްދަލުުވުމުގައި ކަންކަން ހިނގާފައިވާގޮތް ހަގީގަތް އޮޅޭފަދަ މޭރުމަކުން ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ސަބަބުން ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން ހިމެނޭގޮތަށް މުޅި ކުންފުނި ބަދުނާމްވެ، ކުންފުނީގެ އަގު ވެއްޓިފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
55%
9%
0%
18%
9%
9%
ކޮމެންޓް
2 ޑިސެންބަރ 2020 | ބުދަ 00:15
ވާނު
އެހެންވީމަ ނަޒާކީ ޒަކީ އެ ބުނީ ތެދު ވާހަކައެއްނު... މުޅި ބޯޑު ބަދަލުކުރަންވީ
1 ޑިސެންބަރ 2020 | އަންގާރަ 04:20
ގަމަރީ
އަގު ނުވެއްޓޭ ތަނެއްތަތީ؟ވަގުން އުޅޭ ތަނެއް.ޖެހުނު ތަނަކުން ކަނީ.
30 ނޮވެންބަރ 2020 | ހޯމަ 22:11
އަލީ
ކުން ފުނި އަލަށްތޯ ބަދުނާމުވީ. ކުން ފުނި ލަދުން ރޮނީ.