ހޮނިހިރު 28 ނޮވެންބަރު 2020
02 ދޮށަ
1442 ރަބީޢުލްއާޚިރު 12
ފަތިސް 04:39
އިރުއަރާ 05:55
މެންދުރު 11:58
އަސްރު 15:18
އިރުއޮއްސޭ 17:53
އިޝާ 19:09
ދައުލަތުގެ ބަޖެޓް 2021

ސިޔާސީ ވިސްނުން އެއްކިބާކޮށް، ރައްޔިތުންނަށްޓަކައި މި ބަޖެޓަށް ވޯޓު ދޭން ޖެހޭ: ޝަރީފް

  • މާލީ އަދި ސިއްޙީ ރައްކާތެރިކަމަށް މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާކަމަށް ވިދާޅުވި
  • މުވައްޒަފުންނަށް މުސާރަ ނުދެވޭ ޙާލަތަށް ޤައުމު ދިއުމަށް ދޫކޮށްލެވެން ނެތް ކަމަށް ވިދާޅުވި
  • ކޮވިޑުގެ މި ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ފިޔަވަޅުތަކަށް ތައުރީފް ކުރެއްވި

ކ. މާލެ | 21 ނޮވެންބަރ 2020 | ހޮނިހިރު 11:46 | 2,820

މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (މަވޯޓާ ޝަރީފް)- ޝަރީފް ވަނީ ބަޖެޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައި - މަޖިލިސް

ސިޔާސީ އެކި ފިކުރުތަކާއި ވިސްނުންތައް އެއްކިބާކޮށް، ރައްޔިތުންގެ ފައިދާއަށްޓަކައި މިހާރު ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ވޯޓު ދެއްވަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ބަޖެޓް 2021 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވަނީ މި ބަޖެޓަށް ތާއީދު ކުރައްވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ، ބަލިމަޑުކަމެއްގެ ދަނޑިވަޅުގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމާއި، ދިރިއުޅުމަށް ކުރާ މަސައްކަތް ހިމާޔަތް ކުރުމާއި، މާލީ އަދި ސިއްޙީ ރައްކާތެރިކަމަށް މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އަދި ބަޖެޓަށް ތާއީދު ކުރައްވާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑު ދަންނަވާނީ އަޅުގަނޑު އެދެމޭ ރައްޔިތުންގެ ޙައްޤުގައި، ޤައުމުގެ ޙައްޤުގައި ސިޔާސީ ވިސްނުން އެއްކިބާ ކޮށްފައި ރައްޔިތުންނަށް، ޤައުމަށް އަދި ޤައުމުގެ މުސްތަޤުބަލަށް، ރައްޔިތުންނަށް ތިޔާގި ތަނަވަސް މުސްތަޤުބަލެއް ގެނެސް، ޤައުމުގެ އިޤްތިސާދު ރީބައުންޑް ވަންދެން ޤައުމު އަޑިއަށް ނުގޮސް އިޤްތިސާދު ހިފަހައްޓާނެ ގޮތަށް ބަޖެޓް މި ރާވާފައިވާ ރޭވުމަށް ތިޔަ އެންމެ ލޮބުވެތި މެމްބަރުން، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް އަޅުގަނޑު މި ގޮވާލަނީ މި ބަޖެޓަށް ވޯޓު ދެއްވާށޭ، ބަޖެޓާ ކުޅެން ނަހައްދަވާށޭ

~ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް

ބަޖެޓުގެ ސަބަބުން ދަރަނި ބޮޑުވާ ކަމަށް ދެކެވޭ ވާހަކައަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، ޤައުމު މިހާރު އޮތް ޙާލަތަށް ބަލާއިރު، އިޤްތިސާދު އަލުން ކޮޅަށް ނެގުމަށް ދައުލަތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އަދި މި ވަގުތު ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ ޙާލަތު ނުހަނު ދަށް ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ފުދުންތެރިކަން އިތުރު ކުރުމަށް ދައުލަތުން ކުރަން ރާވާފައިވާ ކަންކަމަށް ތާއީދު ކުރައްވާ ކަމަށެވެ.

އެގޮތުން ދަރަނިވެރިވީ ނަމަވެސް، ރައްޔިތުން "މަގޫ ފަތް ކާން ޖެހޭ ހިސާބަށް ގޮސް"، 65,000 މުވައްޒަފުންނަށް މުސާރަ ނުދެވޭ ޙާލަތަށް ޤައުމު ދިއުމަށް ދޫކޮށްލެވެން ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމަކީ ވެސް މުސްތަޤުބަލަށްޓަކައި ކުރާ އިންވެސްޓްމަންޓެއްކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

އިޤްތިސާދީ މެޝިނަރީ ހިންގެން މިވަގުތު އޮތީ ދައުލަތުން ހިންގާ ހަރަކާތަކުން، ޕްރައިވެޓް ކުންފުނިތަކާއި ބޮޑެތި ކުންފުނިތައް މިހާރު އޮތީ އޮކްސިޖަން ގުޅާފައި، ފިނޭންސް މިނިސްޓަރ ރަނގަޅު ވާހަކަފުޅެއް އެ ވިދާޅުވަނީ، ދެން މިއަށް ފާޑުކިޔާ މީހުން ދަރަނި ބޮޑުވާ ވާހަކަ، އެއީ ތެދެއް، އެހީދޭ ޤައުމުތަކުން ހިލޭ އެހީ ލިބިއްޖެ ނަމަ ވަރަށް ރަނގަޅު، އެތެރެއިން ވެސް ބޭރުންވެސް ދަރަނި ނެގި ކަމުގައިވީ ނަމަވެސް، އިޤްތިސާދު ނަގާ ކޮޅަށް ޖަހަން ހޭދަ ކުރަން ޖެހޭ، ރައްޔިތުންނަށް މަގޫ ފަތް ކާންދޭން ވިސްނުން ހުރެގެން ނުވާނެ، 65000 މީހުންނަށް މުސާރަ ނުދޭން ވިސްނުން ހުރެގެން ނުވާނެ،

~ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް

އޭގެ އިތުރުން، ޝަރީފް ވަނީ ކޮވިޑުގެ މި ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ސިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފައިދާ ރައްޔިތުންނަށް ވެސް ލިބެމުންދާކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، މަދު ސިއްޙީ ވަސީލަތްތަކާ އެކު ވެސް ރާއްޖޭގައި މި ބަލި ކޮންޓްރޯލް ކުރެވެމުން ދަނީ ކޮންޓެކްޓް ޓްރޭސިންގ އާއި، ބޭސްފަރުވާގެ އިތުރުން، ކޮވިޑާ ގުޅިގެން އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.