ކ. މާލެ
|
22 އޮކްޓޯބަރ 2020 | ބުރާސްފަތި 10:59
ރެއާލާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޝަޚްތަރު މޮޅުވީ 3-2 ން
ރެއާލާއި ޝަޚްތަރު ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޝަޚްތަރު މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޝަޚްތަރުން ރެއާލް ބަލިކުރިއިރު، ބަޔާނަށް ފަސޭހަ މޮޅެއް
 
ބަޔާން މމޮޅުވީ އެތުލެޓިކޯ އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން
 
ޝަޚްތަރު އަތުން ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުން ޝަޚްތަރު ޑޮނެސްކް އަތުން ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗުން ރެއާލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ފުރަތަމަ ޓީމުގެ 10 ކުޅުންތެރިން ނުލައި ކުޅުނު ޝަޚްތަރުން މި މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ޝަޚްތަރަށް ލީޑު ނަގައިދިނީ ޓެޓޭއެވެ. އަދި މެޗުގެ 33 ވަނަ މިނެޓުގައި ރެއާލުގެ ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ލަނޑުން ޝަޚްތަރުން ލީޑު ފުޅާކުރިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މި ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މަނޯ ސަލްމޮނެވެ.

އަނިޔާގެ ސަބަބުން މި މެޗުގައި ރެއާލުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުޅެފައި ނުވާއިރު، މި މެޗުގެ ދެވަނަ ހާފަށް އެ ޓީމުން ނުކުތީ ކަރިމް ބެންޒެމާއާއެކުއެވެ. އެއާއެކު ދެވަނަ ހާފުގައި އެ ޓީމުން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު ރެއާލަށް ކާމިޔާބުކޮށްދިނީ ލޫކާ މޮޑްރިޗެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ 15 ސިކުންތުގެ ތެރޭ ވިނީޝިއަސް ޖޫނިއާ ވަނީ ލަނޑެއް ޖަހާ ރެއާލަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގެ މެޗުގެ އިތުރު ވަގުތުގައި ފެޑޭ ވަލްވޭޑޭ ރެއާލަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިނުގަތީ ރެއާލުގެ ވިނީޝިއަސް އޮފްސައިޑުގައި ހުރުމުންނެވެ.

ގްރޫޕް ބީގައި ހިމެނޭ ރެއާލުން ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު، މި ގްރޫޕްގައި ދެން ކުޅުނު މެޗުން އިންޓަ މިލާން ވަނީ ފަހު ވަގުތު ބޮރޫޝިއާ މޮންޗެންގްލަޑްބަކާ 2-2 ން އެއްވަރުކޮށްފައެވެ.

ބަޔާނާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 4-0 ން

އަދި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވީ އެތުލެޓިކޯ މެޑްރިޑް އަތުން ފަސޭހަކަމާއެކު 4-0 ންނެވެ.

ބަޔާނުގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަން ބަޔާނަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ލެއޯން ގޮރެޓްޒްކާއެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯ ބަޔާނުގެ ތިންވަނަ ލަނޑު ޖެހިއިރު، މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖެހި ކޯމަނެވެ.

ގްރޫޕް އޭގައި ހިމެނޭ ބަޔާނުން ފުރަތަމަ މެޗުގައި އެތުލެޓިކޯގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ލޮކޮމޯޓިވް މޮސްކޯ އާއި އާރްބީ ސާލްޒްބާގް ވަނީ ބުދަ ދުވަހުގެރޭ 2-2 ން އެއްވަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް