ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ޖިންސީީ ކުށުގޭ ގާނޫނަށް އިސްލާހު ގެނައުން

ޖިންސީ ކުށުގެ މައްސަލަތައް ބަލާ އިދާރާތަކާއި ވުޒާރާތަކަށް ފަންޑުކުރާ ވަރު އިތުރުކުރަންޖެހޭ

  • ކޮންމެ ކޭސް ވަަރކަރެއްވެސް އެވްރެޖްގޮތެއްގައި 70 ކޭސް ބަލަން ޖެހޭ
  • ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނުގައި ހުރި މައްސަލަތައް ވެސް ފޫބައްދާދޭން ޖެހޭ

ކ. މާލެ | 14 ޖުލައި 2020 | އަންގާރަ 14:21 | 3,596

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ - މަޖިލިސް

ޖިންސީ ކުށުގެ މައްސަލަތައް ބަލާ އިދާރާތަކާއި ވުޒާރާތަކަށް ފަންޑުކުރާ ވަރު އިތުރުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލައްވައިފިއެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމާއި ގުޅޭ ބިލުތަކަށް ބަހުސް ކުރައްވަމުން އިވާ ވިދާޅުވީ މި ފަދަ މައްސަލަތައް ހަރުދަނާގޮތެއްގައި ބެލުމަށްޓަކައި ދައުލަތެއްގެ ހައިސިއްޔަތުން، އިތުރަށް ކުރެވޭނީ ކޮންކަމެއްތޯ ބަލަން އެބަޖެހޭ ކަމަށެވެ.

އީވާ ވިދާޅުވީ މިދިޔަ ހަފުތާގައި މިކަންކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއާއި އެކު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި ޖިންސީ ކުށުގެ މައްސަލަތައް މަދުވަނީ ކަމެއް ގިނަވަނީ ކަމެއް ނޭނގޭ ކަމަށް އެނގިގެންދިޔަ ކަމަށެވެ.

އެހެންނަމަވެސް، މި ފަދަ މައްސަލަތައް ރިޕޯޓު ކުރެވޭ މިންވަރު ވެސް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި މި ހުރިހާ މައްސަލައެއް ބެލޭ މިންވަރަށް ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށެވެ. އީވާ ވިދާޅުވީ، ހުށަހެޅޭ މައްސަލަތަކުގެ އަދަދާއި އެއްވަރަށް ނިޒާމު ތައްޔާރުވާން ޖެހޭ ކަމަށެވެ.

ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން އީވާ ވިދާޅުވީ، މި ފަދަ މައްސަލަތައް ބެލުމާއި ހަވާލުވެފައިވާ ޔުނިޓުގައި މަސައްކަތް ކުރާ ކޮންމެ ކޭސް ވަރކަރަކަށް އެންމެ ގިނަވެގެން ބެލޭނީ 25 ކޭސް ކަމަށް ގާނޫނުގައި އޮތް ނަމަވެސް، މިހާރު ކޮންމެ ކޭސް ވަަރކަރެއްވެސް އެވްރެޖްގޮތެއްގައި 70 ކޭސް ބަލަން ޖެހޭ ކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ.

އަޅުގަނޑުމެން އެބަޖެހޭ ސީރިއަސް ކޮށް ފަންޑުކުރަން. ސީރިއަސްކޮށް މިކަމަށް އަޅުގަނޑުމެން މި ނިޒާމަށް އެބަ ދައުލަތުގެ ސަރުކާރުގެ ބަޖެޓުގެ ފައިސާ އަޅަން އެބަޖެހޭ، އެއްކަމެއް އެއީ މިސާލަކަށް ކޭސް ވަރކަސް އެކަށީގެންވާ ވަރަށް، މި މަސައްކަތް ފުރިހަމަޔަށް ކުރެވޭނެ ވަރަށް ޖެންޑަރ މިނިސްޓްރީ އަށް ދިނުން، ހޯމް މިނިސްޓްރީއަށް ދިނުން. އަދި ފުލުސް އޮފީހަށްވެސް އެކަށީގެންވާ މިންވަރަށް މުވައްޒަފުން އަޅުގަނޑުމެން އެބަދޭންޖެހޭ. އެއީ އަޅުގަނޑުމެންގެ ޒިންމާއެއް

~ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

އީވާ ވިދާޅުވީ މި ފަދަ މައްސަލަތައް ބެލުމަށް ދިމާވާ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ގާނޫނުގައި ހުރި މައްސަލަތައް ވެސް ފޫބައްދާދޭން ޖެހޭ ކަމަށެވެ. ނިޒާމުގެ ހުރި މައްސަލަތައް ރަނގަޅުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، މި ފަދަ މައްސަލަތަކުގެ ވާހަކަދައްކާ މިންވަރު އިތުރުކުރުމަށް ގޮވާލާ އީވާ ވިދާޅުވީ ހުރިހާ ތަނެއްގައި މި ފަދަ ވާހަކަތައް ދައްކަން ޖެހޭ ކަމަށެވެ. އަދި މިހާރު ރޭޕްއާއި ދެކޮޅަށް ކުރެވެމުންދާ މުޒާހަރާތަކާއި ގުޅިގެން އޭނާ ވިދާޅުވީ، މި ފަދަ މުޒާހަރާތަކަށް ހިތްވަރު ދޭން ޖެހޭ ކަމަށެވެ.

އެންމެ ބޮޑު ކަމަކަށް އަޅުގަނޑުމެންނަށް އެބަ އިނގޭ އަންހެނުންތަކެއް ނިކުމެ ތިމަންނަ އަށް ވެސް މިހެން ހެދިޔޭ. ތިމަންނަޔަށް ވެސް މިހެން ހެދިޔޭ، ތުއްތުކުދިންތަކެއް އެމީހުންގެ މަންމަމެން ކައިރީގައި މައިންބަފައިން ކައިރީގައި ތިމަންނައަށް ވެސް މިހެން ހަދައިފިޔޭ އެހެން ބުނީމަ، އަޑު އަހަން ހުންނަ އަނެއް މީހާއަށް، ޝިކާރައަކަށްވީ އަނެއް މީހާއަށް ހިއްވަރު ލިބޭނެ. ހަމަގައިމުވެސް ހިއްވަރު ލިބޭނެ، ތިމަންނާއަށް ވެސް މިހެން ވެއްޖެއޭ، އެހެންވީމާ އަޅުގަނޑުމެން މިވާހަކަ ދެއްކުން ހުއްޓާނުލާންވީ، އެހެންވީމާ މިވާހަކަތައް ގިނަކުރަންވީ

~ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

އީވާ ވަނީ މި ފަދަ ކުށްކުރާ މީހުންގެ ޝިކާރައަކަށްވާ ފަރާތްތަކަށް އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރެވޭ އަދަދު އިތުރުވެފައިވާއިރު، މި ފަހުން މި ފަދަ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް ވަނީ ޝަރީއަތުން ވަކި ގޮތެއް ނިމެން ދެން ބަންދުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.