ކ. މާލެ
|
7 ޖުލައި 2020 | އަންގާރަ 18:44
ލިއޮނެލް މެސީ އާއި ސާޖިއޯ ރާމޯސް އެކުގައި
ލިއޮނެލް މެސީ އާއި ސާޖިއޯ ރާމޯސް އެކުގައި
ގެޓީ އިމޭޖަސް
މެސީ ބާސާ ދޫކޮށްލުން
މެސީ ބާސާ ދޫކޮށް ދާންވީ ސަބަބެއް ނެތް: ރާމޯސް
 
"ސްޕެނިޝް ލީގަކީ އެންމެ ވަރުގަދަ ލީގު"
 
އަންނަ ސީޒަނުގައި މެސީގެ އެއްބަސްވުން ހަމަވާނެ

ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްދާންވީ ސަބަބެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.

ރާމޯސް މިހެން ބުނީ އަންނަ ސީޒަނަށްފަހު މެސީ ބާސާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރާމޯސް ބުނީ މެސީ އަކީ ބާސާއަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ސްޕެނިޝް ލީގަކީ ދުނިޔޭގައި މިވަގުތު ކުޅެމުން އަންނަ އެންމެ ބޮޑު އަދި ވަރުގަދަ ލީގު ކަމަށެވެ. އެހެން ކަމުން މެސީ ބާސާ ދޫކޮށްދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރާމޯސް ބުންޏެވެ.

ރާމޯސް އިތުރަށް ބުނީ މީހުން މެސީ ބާސާ ދޫކޮށްލާ ވާހަކަ ދައްކާންވީ އެއްވެސް ސަބަބެއް އޭނާއަށް ނޭނގޭ ކަމަށާއި، ސްޕެނިޝް ލީގުގައި މެސީ އަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއް ކަން އިތުރަށް ސާބިތުކޮށްދޭން މެސީ ނުޖެހޭނެ ކަމަށެވެ.

ސްޕެނިޝް ލީގަކީ އެންމެ ވަރުގަދަ ލީގު ކަމަށް ބުނަމުން ރާމޯސް ބުނީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި ޔޫރަޕްގެ އެންމެ ވަރުގަދަ ދެ މުބާރާތުގެ ތަށި އެންމެ ގިނަ ފަހަރު ހޯދައިފައިވަނީ ސްޕެނިޝް ލީގުގެ ކްލަބުތަކުން ކަމަށެވެ.

ބާސާގެ ނިންމުންތަކުގައި މެސީގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން އެ ކްލަބުގެ ބޯޑުން މަސައްކަތް ނުކުރާތީ އާއި، ބާސާގެ ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތް ކުރާތީ މެސީ ބާސާގައި މަޑުކުރަން ބޭނުން ނުވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓުކުރިއެވެ.

އެކަމަކު މީގެ ކުރިން ބާސާގެ ކޯޗު ކިކޭ ސެޓިއެން ވަނީ މެސީ ބާސާ ދޫކޮށް ނުދާނެ ކަމަށް ބުނެފައެވެ. އަދި މެސީ އާއި ބާސާ އަބަދުވެސް އޮންނާނީ އެކުގައި ކަމަށް ސެޓިއެން ވަނީ ބުނެފައެވެ.

މެސީ ބާސާ ދޫކޮށްލާނެ ކަމަށް އެންމެ ފުރަތަމަ އަޑުފެތުރުނީ، ބާސާގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބިދާލާއި މެސީއާ ދެމެދު މައްސަލަ ޖެހުމުންނެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީ ވަނީ މިހާތަނަށް ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޔުއެފާ ޗެމްޕިއަންސް ލީގު 4 ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް 6 ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑު އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް