ކ. މާލެ
|
16 އޭޕްރިލް 2020 | ބުރާސްފަތި 22:52
ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔެ ދަނީ މަސައްކަތް ކުރަމުން
ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި ދުނިޔެ ދަނީ މަސައްކަތް ކުރަމުން
އަލްއަރަބިއްޔާ
ކޮރޯނާވައިރަސް ކޮމިއުނިޓީ ޓްރާންސްމިޝަން
ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" އަށް ދިއުން...ވައިރަހުގެ ކޮންޓްރޯލް ގެއްލުނީތަ؟
 
މާހިރުން ވިދާޅުވަނީ ކޮމިއުނިޓީ ޓްރާންސްމިޝަންގެ ހާލަތަކީ ނުރައްކާތެރި ހާލަތެއް ކަމަށް

ރާއްޖޭގައި ނޮވެލް ކޮރޯނާވައިރަސް "ކޮމިއުނިޓީ ޓްރާންސްމިޝަން" ގެ ހާލަތައް ދިޔަ ވާހަކަ ކޮވިޑް-19 އާ ގުޅޭ ގޮތުން މި ދުވަސްވަރު ރާއްޖޭގައި މިވަނީ އާއްމު ވެފައެވެ.

ކޮވިޑް-19 ބައްޔަށް މީހަކު ޕޮސިޓިވް ވެއްޖެކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިއުލާން ކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރާއްޖޭގައި ފުރަތަމަ މީހާ ޕޮސިޓިވްވިތާ މަހެއްހާ ދުވަސް ފާއިތުވެ ގޮސް، ބައްޔަށް 21 ވަނަ މީހާ ޕޮސިޓިވްވި ހިސާބުން "ކޮމިއުނިޓީ ޓްރާންސްމިޝަން"ގެ ވާހަކަ އަންނަން މިޖެހުނީ ކީއްވެ ހެއްޔެވެ؟

މީގެ ކުރިން ރާއްޖޭގައި ބައްޔަށް ޕޮސިޓިވްވި މީހުންނާ ބަލި އުޅޭ ބޭރުގެ ކޮންމެވެސް އެހެން ގައުމަކާ ގުޅުވޭ ގޮތް ފެންނާން އޮތުމާއެކު، އެއީ އެހެން ގައުމަކުން ބަލީގެ ވައިރަސް އަރައިގެން ރާއްޖެއަށް އައި ފަރާތެއްގެ ގޮތުގައި ބެލެވިފައި ވުމާއެކު، މީގެ ކުރިން ފެނުނު ކޮވިޑް-19 ގެ ކޭސް ތަކަކީ "އިމްޕޯޓް" ކުރި ނުވަތަ ރާއްޖެއަށް އެތެރެ ކުރި ކޭސްތަކެއްގެ ގޮތުގައި އޮތީ ބެލެވިފައެވެ. އެހެން ކަމުން ސިއްހީ މާހިރުން ރާއްޖޭގައި "ކޮމިއުނިޓީ ޓްރާންސްމިޝަން" އުޅޭ ކަމަށް އޭރު ދެކެވަޑައިގެންފައެއް ނުވެއެވެ.

ތަޖްރިބާކާރުން "ކޮމިއުނިޓީ ޓްރާންސްމިޝަން" މާނަ ކުރާ ގޮތައް ބަލާއިރު، އެއީ، އެ ތަނަކުން މީހަކަށް ވައިރަސް ޖެހުނު ކަން ސާބިތުވި އިރު، އޭނާއަކީ ފަހުގެ ތާރީޚެއްގައި ގައުމުން ބޭރަށް ދިޔަކަން އެނގެން ނެތް، އަދި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހަކާވެސް ގުޅުމެއްވެސް އޮތްކަން ވެސް އެނގެން ނެތް މީހަކު ފާހަގަ ވުމެވެ.

ކުރުކޮށް ދަންނަވާ ނަމަ އެބުނަނީ ކަމާބެހޭ އިދާރާ އަށް އެ މީހާ އަށް ބަލި ޖެހުނު ގޮތެއް ނުވަތަ ބަލި ޖެހުނު ތަނެއް ނޭނގޭ ވާހަކައެވެ. މި މޭރުމުން ބަލާއިރު 21 ވަނަ އަށް ރާއްޖޭން މިބަލި ޖެހުނު މީހާއަށް ބަލި ޖެހުނީ ކާކުގެ ފަރާތުން ކިހިނެއްކަން އޮފިޝަލުންނަކަށް ނޭނގެއެވެ.

ކޮމިއުނިޓީ ޓްރާންސްމިޝަން" އާ ބެހޭ ގޮތުން އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުގެ ވައިރޮލޮޖިސްޓް ޑރ.ކާސްޓީ ޝޯޓް ވިދާޅުވެފައި ވަނީ، "ކޮމިއުނިޓީ ޓްރާންސްމިޝަން" އޭ ބުނުމުން އެ ބުނެވެނީ، އެ މުޖްތަމައެއްގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް ބަލި ފެތުރެމުންދާ އެބަ ކަމާއި، ނަމަވެސް ބަލި އެރީ ކާކުގެ ގައިން ކާކުގެ ގަޔަށް ކަން ކަމާބެހޭ ފަރާތްތަކަށް އެނގޭނެ ގޮތެއް ނެތުން ކަމުގައެވެ.

އޭނާ ވިދާޅުވީ، އެހިސާބަށް ދިއުމުން މައްސަލަ އެވަނީ ސީރިއަސް ވެފައި ކަމުގައެވެ.

އިތުރަށް އޭނާ ވިދާޅުވީ، އެހިސާބުން އެ ބުނެވެނީ، މުޖްތަމައުގެ ތެރެއަށް ބަލީގެ މީހުން ދޫވެފައި އެބަތިބި ކަމަށާއި، އަދި އެއީ ކޮން ބައެއްކަން ނޭނގުމުގެ ސަބަބުން އެމީހުންގެ ފުށުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގޮތެއްވެސް ނޯންނާނެ ކަމުގައެވެ.

ޑރ. ޝޯޓް ވިދާޅުވި ގޮތުގައި، ގައުމަށް އިމްޕޯޓް ކުރެވޭ ނުވަތަ ބޭރުން އަންނަ ބަލީގެ ކޭސްތައް ކޮންޓްރޯލް ކުރުމަކީ ނިސްބަތުން ފަސޭހަ ކަމެކެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި "ކޮމިއުނިޓީ ޓްރާންސްމިޝަން" އެ ތަނެއްގައި އޮތްކަން އެނގޭ ހިސާބުން އެއީ ވައިރަސްގެ ކޮންޓްރޯލް ކޮންމެވެސް މިންވަރަކަށް ގެއްލިއްޖެ ކަމުގެ ސިގްނަލެއް ކަމުގައެވެ.

"އެއީ ކަންބޮޑުވާ ހިސާބެއް، ބަލި ކޮންޓްރޯލް ކުރުމުގެ ނަޒަރަކުން ވިސްނާއިރު، ކޮމިއުނިޓީ ސްޕްރެޑް އަކީ އެންމެ އެދެވޭ ހާލަތެއް ނޫން" ޑރ.ޝޯޓް އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯޕަރޭޝަން އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވިއެވެ.

"ކޮމިއުނިޓީ ޓްރާންސްމިޝަން" ހާލަތައް ދިއުމުން ގައުމު ތަކުން އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް ތައްޔާރުކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ވަނީ ފެބްރުއަރީ މަހު އާއްމު ކޮށްފައެވެ.

އެ ގައިޑްލައިންގައި ބުނެފައިވަނީ، ފުޅާ ދާއިރާ އެއްގައި "ކޮމިއުނިޓީ ޓްރާންސްމިޝަން" އޮތްކަން ފާހަގަ ވެއްޖެނަމަ، ބައްޔަށް ޝައްކު ކުރެވޭ ވަކި ވަކި މީހުން ހޯދުމަށް ހިންގާ ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމުގެ ބޭނުމެއް ނެތް ކަމުގައެވެ.

އޭގެ ބަދަލުގައި ޑަބްލިޔު.އެޗް.އޯ އިން ބުނެފައިވަނީ އެހިސާބުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމުގައި އިސްކާން ދޭންވީ، ބަލި ފެތުރެމުންދާ ގޮތް ދެނެގަތުމަށާއި، ބަލީގައި ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށާއި، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ސިއްހީ ވަސީލަތްތަކަށް ބާރުބޮޑުވުން ކުޑަކުރުމަށާއި، އާއްމުންނަށް މައުލޫމާތު ފޯރުކޮށް ދިނުމަށާއި، ބަލީގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ އަދި އިޖްތިމާއީ އަސަރުތައް ކުޑަކުރުމަށް ކަމުގައެވެ.

ރާއްޖޭގައި "ކޮމިއުނިޓީ ޓްރާންސްމިޝަން" އޮތް ކަމަށް ސިއްހީ އޮފިޝަލުން ހާމަކޮށްފައިވާ އިރު އެކަން އޮތީ ކިހާ މިންވަރަކަށް ކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ކަން މިހެން އޮތް ނަމަވެސް، އަދި ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ ކޮންމެ އަދަދެއް ކަމުގައި ވީ ނަމަވެސ، ތިމާ އަށް ބަލިން ރައްކާތެރި ވެގެން އުޅުމަކަށް އެއިން އެޅޭ ހުރަހެއް ނެތެވެ. ބޭނުންވަނީ، ގިނަގިނައިން އަތް ދޮވުމާއި، އެހެން މީހުންނާއި ގައި ދުރުކަން ބެހެއްޓުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި ހުރުމެވެ.

އޭރުން އެއޮތީ ބަލިން ރައްކާތެރިވެ ހުރުމުގެ ކޮންޓްރޯލް އަމިއްލަ އަތުގައި ހިފެހެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް