ކ. މާލެ
|
28 ޖެނުއަރީ 2020 | އަންގާރަ 12:28
ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު
ދީބާޖާ އިންވެސްޓްމަންޓުގެ ޗެއާމަން އިބްރާހިމް ރަޝީދު
ޙުސައިން ޙަސަން
ދީބާޖާ މައްސަލަ
ދީބާޖާ މައްސަލަ: ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
 
އެއްބަސްވުން ބާތިލްކުރީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދުގެ ސަރުކާރުން
 
ކުރިން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ 348 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށް
 
މައްސަލަ ރިވިއުކުރަން ސުޕްރީމްކޯޓަށް ހުށަހަޅާފައިވަނީ އަންގާރަ ދުވަހު

ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން 348 މިލިއަން ރުފިޔާ ދެއްކަން ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް މުރާޖަޢާ ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ޙުކުމް ރިވިއުކުރުމަށް އެ އޮފީހުގެ ފަރާތުން ހުށަހަޅައިފައިވާކަމަށެވެ. ދީބާޖާ މައްސަލަ މުރާޖަޢާ ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު މަޞްލަޙަތަަށް ރިއާޔަތްކޮށެވެ.

ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން ނިންމިއިރު، ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ސުލޫކީ އެތައް މައްސަލަތަކެއް ފެންމަތިވެ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުޤީޤު ކުރަމުންދިޔަ ފަނޑިޔާރުންނެވެ. އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ މަޤާމުން ވަކިކޮށް، އާ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފަ އެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުން އެގޮތަށް ނިންމިއިރު، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކޮށްދިނުމުގެ ދީބާޖާއިން ވަނީ އަމުރަކަށް ސިވިލް ކޯޓުގައި އެދިފަ އެވެ. ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާ ސިވިލް ކޯޓުގައި ކުރިއަށްދާއިރު، ދީބާޖާއާ ސަރުކާރާ ދެމެދު ދިޔައީ އެމައްސަލަ ޙައްލު ކުރުމަށް މަޝްވަރާ ކުރަމުންނެވެ.

އެއްބަސްވުމަކާއި ޚިލާފުވުމުގެ ސަބަބުން ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ މިިދިޔަ އަހަރުގެ އެޕްރީލް މަހު ސުޕްރީމް ކޯޓުންނެވެ. ސުޕްރީމް ކޯޓުގެ އެހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އަދި ޢާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް ބަލާފައި ވެއެވެ.

ސަރުކާރާއި ދީބާޖާއާ ދެމެދު ކުރެވުނު މަޝްވަރާތަކުުން މިހާރު ވަނީ 348 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައި ކަމަށްވާ 174 މިލިއަން ރުފިޔާ ދެއްކުމަށް އެއްބަސްވުމަށް އާދެވިފަ އެވެ. އަދި ރައީސް އޮފީހާއި ދައުލަތުގެ އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްޢަތު ވެސް ވަނީ 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައްކަން ޖެހުމަށްވަުރެ، 174 މިލިއަން ރުފިޔާ ދީބާޖާއަށް ދައްކުމަށް ވެވުނު އެއްބަސްވުމަކީ ދައުލަތަށް އުފުލަށްޖެހުނު ބޮޑުބުރަ ކުޑަވެގެން ދިޔަ ކަމެއް ކަމަށެވެ. ނަމަވެސް އެ 174 މިލިއަން ރުފިޔާ ސަރުކާރުން ދީބާޖާއަށް ދެއްކިކަން އަދި ޔަޤީނެއް ނުވެއެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދޭން ޖެހުނީ ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ އެއްބަސްވުން ރައީސް ނަޝީދުގެ ވެރިކަމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ރައީސް މުޙައްމަދު ވަހީދުގެ ސަރުކާރުގައި ބާޠިލު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ، ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ޚިދުމަތް ދިނުމަށް އުފެއްދި ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް