ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 17:03
މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ހިންގަނީ
މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ހިންގަނީ
ރާއްޖެއެމްވީ
ވިޔަފާރިވެރިން
ގޮޅިތަކުގެ އަދަދު ކަނޑަނޭޅި ވިޔަފާރިވެރިން މަގުމަތިވެފައި!
 
މަގުމަތިން މުދާތައް ނެގުމަށް ފުލުހުން އަންގާ
 
މާރުކޭޓް ބަންދުކުރިއިރު އެހެންތަނެއް ނުދައްކާ

ކޮންމެ ދުވަހަކު ދެތިން ހަތަރު ފަހަރު އަހަރުން ޖެހޭ ފުލުހުންނާ ކުރިމަތިލާން. ދެބަސްވެ ޒުވާބު ވެސް ކުރަން. ކިރިޔާ މުދާކޮޅު ނުގެންގޮސް އުޅެނީ. ޏ ފުވައްމުލަކަށް ނިސްބަތްވާ ބޭބެ ވާހަކަ ފެށީ މިހެންނެއެވެ. ފުލުހުންނާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހުނަސް މިއަދު އެދިވެހިންނަށް އެނޫން ގޮތެއް ނެތެވެ. ދެންމެ ދެންމެ މުދާކޮޅު ނަގާނެކަމުގެ ބިރު އޮތް ނަމަވެސް ޢާމްދަނީ ހޯދުމަށް އެނޫން ގޮތެއް އެވިޔަފާރިންނަށް މިއަދު ނެތެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 ގެ ނިޔަލަށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ހުސްކުރަން އަންގާ ސިޓީ ކައުންސިލުން އެޞަރަޙައްދު އެއްކޮށް ހުސްކުރުމާއެކު އެތަނުގައި ގޮޅީގެ ވިޔަފާރި ހިންގަމުންދިޔަ މަދު ދިވެހިންތަކެއް މިއަދު ތިބީ މަގުމަތިވެފައެވެ. އެމީހުންނަށް ވަގުތީ ގޮތުން ވިޔަފާރިކުރުމަށް ތަނެއް ދައްކާނެ ކަމަށް ސިޓީ ކައުންސިލުން ބުނި ނަމަވެސް މިއަދާ ހަމައަށް މުދާ ވިއްކާނެ ވަކި ތަނެއް ދައްކާފައިނުވެއެވެ. އަދި މާރުކޭޓާ ދިމާ ބޭރުމަގުގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމަކަށްވާއިރު، މުދާތައް ނެގުމަށް އިރުއިރުކޮޅާ ފުލުހުން އައިސް އެމުދާތައް ނެގުމަށް ނަސޭހަތްދެއެވެ.

މުދާ ވިއްކުމަށް ތިބޭ ވިޔަފާރިވެރިންނަކީ މާރުކޭޓްގެ ވިޔަފާރިއަށް ބަރޯސާ ވެގެން މިއަދާ ހަމައަށް ދިރިއުޅެމުން އައި މީހުންނެވެ. ވިޔަފާރި ނުކުރެވޭނަމަ އެމީހުންނަށް ޢާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އެމީހުން ބުންޏެވެ.

އަނބިދަރިން ގޮވާގެން މާލޭގައި ދިރިއުޅެމުން މިގެންދަނީ. ބޮޑު ކުލި ދައްކާގެން މަސައްކަތް ކުރަނީ ދަރިންނަށް ރަނގަޅު ތައުލީމެއް ދެވޭތޯ. އަހަރެން މިހެން މަސައްކަތްނުކޮށް މާލޭގައި ދިރިއުޅެނީ ކިހިނެތް؟. ކުލި ދައްކާނީ ކިހިނެތް؟ މާލެ އަންނަން ވެސް މަޖުބޫރު ކުރީ ސަރުކާރުން. ހާލުގައި ވެސް މިޖައްސަނީ ވެސް ސަރުކާރުން.
ވިޔަފާރިވެރިއެއް

ދަތުރުވެރިންގެ މާރުކޭޓްގައި ބިދޭސީން ގޮޅި ހިންގަމުންދާތީ ސިޓީ ކައުންސިލުން ފުރަތަމަ މަސައްކަތް ކުރީ ބިދޭސީން އަތުގައި ހުރި ގޮޅިތައް ނަގާ އެގޮޅިތައް ހިންގުމަށް ދިވެހިންނާ ޙަވާލުކުރުމަށެވެ. ނަމަވެސް އެވިޔާފާރީގެ ކޮންޓްރޯލް ބިދޭސީންގެ އަތުގައި އޮތުމުން އެތަން ހުސްކުރުމަށް ސިޓީ ކައުންސިލަށް މަޖުބޫރުވެގެންދިޔަ އެއްސަބަބަށެވެ. ނަމަވެސް ހިތާމައަކީ އަތުން ގުނާލެވޭހާ މަދު ދިވެހިން ގޮޅި ހިންގުމުގެ ވިޔަފާރީގައި އުޅުނުއިރު، އެމީހުންނަށް ވިޔަފާރި ހިންގާނެ ތަނެއް ނުދެއްކުމެވެ.

ވިޔަފާރިވެރިއެއް

އެވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި މިސަރުކާރުން ނޫން ކޮންމެ ސަރުކާރަކުން ވެސް މާރުކޭޓް ގޮޅިތައް ހުސްކުރަނީ ވިޔަފާރިކުރުމަށް އެހެންތަނެއް ދެއްކުމަށްފަހުއެވެ. އަދި މިއީ އެމީހުންނަށް ދިން ދެރައެއް ކަމަށް އެމީހުން ޤަބޫލުކުރެއެވެ.

ދަތުރުވެރިންގެ މާރުކޭޓާ ބެހޭ ގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓް ބަންދުކޮށް މަރާމާތަށްފަހު ހުޅުވުމަށް 45 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ ދީފައިވާ މުއްދަތުގެ ތެރޭގައި ތަން ނިންމާނެކަމަށެވެ. އަދި މާރުކޭޓްގެ ގޮޅި ދޫކުރާއިރު އެ ވިޔަފާރީގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ. އަދި އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ފުރުސަތު އޮންނާނެކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލްގައި ތިއްބަވާ ބައެއް ކައުންސިލަރުން މާރުކޭޓުގެ ގޮޅިތައް މަދު ކުރުމަށް ނިންމާއިރު، އެނެއްބައި ކައުންސިލަރުން ގޮޅިތައް އިތުރުކޮށް ވީހާވެސް ގިނަ ބަޔަކަށް ގޮޅިތަކުން ފުރުޞަތު ހޯދައިދިނުމަށް ދަނީ ވަކާލާތު ކުރަމުންނެވެ. މިއަދާ ހަމައަށް މާރުކޭޓުގައި ހަދަނީ ކިތައް ގޮޅިކަން ކައުންސިލަށް ނިންމިފައިނުވާއިރު، މާރުކޭޓްގެ މަސައްކަތް ނުނިމި ދާ ކޮންމެ ދުވަހަކީ މިވިޔަފާރި ކުރަމުން އައި ދިވެހިންނަށް ލިބޭ ބޮޑު ނިކަމެތިކަމެކެވެ. ވަކި ތަނެއް ނުދައްކާ މާރުކޭޓް ބަންދުކުރި މައްސަލާގައި މާލޭ ސިޓީ ކައުންސިލުން ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް