ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 13:39
އާޔަން ރޮބެން
އާޔަން ރޮބެން
ގެޓީ އިމޭޖަސް
އާޔަން ރޮބެން
އުމުރުން 35 އަހަރުގައި ރޮބެން ކުޅުން ހުއްޓާލައިފި
 
ރޮބެން ވަނީ ބަޔާންގައި 10 ސީޒަން ހޭދަކޮށްފައި

އުމުރުން 35 އަހަރުގައި ބަޔާން މިއުނިކަށް ކުޅެމުން އައި ނެދަލޭންޑްސްގެ މިޑްފިލްޑަރ އާޔަން ރޮބެން ކުޅުން ހުއްޓާލައިފިއެވެ.

ބަޔާންއާއެކު ރޮބެން ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހު ހަމަވެފައިވާއިރު، އޭނާ ކުޅުން ހުއްޓާލިކަން އިއުލާންކުރީ ބުރާސްފަތި ދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮބެން ކުޅުން ހުއްޓާލާފައިވަނީ އޭނާއަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކާ ގުޅިގެންނެވެ.

ކުޅުން ހުއްޓާލުމަށްފަހު ރޮބެން ބުނީ، ޝައްކެތްވެސް ނެތް ގޮތުގައި މިއީ އޭނާގެ ހަޔާތުގައި އެންމެ އުނދަގޫ ނިންމުން ކަމަށާއި، ނަމަވެސް މިއީ މި ނިންމުން ނިންމަން އެންމެ ރަނގަޅު ދަނޑިވަޅުކަމުގައި ދެކޭ ކަމަށެވެ.

އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅެން ފެށި ރޮބެން ވަނީ ޕީއެސްވީ އާއި ޗެލްސީ އަދި ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ.

ޕީއެސްވީއާއެކު ލީގު ތަށި ކާމިޔާބުކޮށްފައިވާ ރޮބެން ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު، ލީގް ކަޕް ދެފަހަރު އަދި ކޮމިއުނިޓީ ޝިލްޑްވެސް ކާމިޔާބުކޮށްފައެވެ.

ޗެލްސީގައި ތިން ސީޒަން ހޭދަކޮށްފައިވާ ރޮބެން ވަނީ ރެއާލްގައި ހޭދަކުރި ދެ ސީޒަނުގައި އެ ކްލަބާއެކު ލަލީގާ އަދި ސްޕެނިޝް ސުޕަ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ބަޔާންގައި ރޮބެން ހޭދަކުރި 10 ސީޒަނުގައި އޭނާ ވަނީ އެ ކްލަބަށް ކުޅުނު 309 މެޗުގައި 144 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު 8 ލީގު ތަށި، ފަސް ޖަރުމަން ކަޕް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު އަދި އެއް ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ނެދަލޭންޑްސް ގައުމީ ޓީމާއެކު 2010 ވަނަ އަހަރު ބޭއްވުނު ވޯލްޑް ކަޕްގެ ދެވަނަ ހޯދި ރޮބެން ވަނީ ގައުމީ ޓީމަށް ކުޅުނު 96 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
0%
50%
0%
ކޮމެންޓް