ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 19:43
ގާސިމް ކޯޓުން ނެރެގެން އެމްބިއުލާންސަށް އަރުވާއިރު އަރިހުގައި ދަރިކަނބަލުން
ގާސިމް ކޯޓުން ނެރެގެން އެމްބިއުލާންސަށް އަރުވާއިރު އަރިހުގައި ދަރިކަނބަލުން
ރާއްޖެ އެމްވީ
ގާސިމްގެ ހާލުކޮޅު
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
 
ޣައިރު ހާޒިރުގައި މައްސަލަ ނިންމާލުމުގެ ބޭނުން
 
އެޑްމިޓްކޮށްފައިވަނިކޮށް ވެސް އަޑުއެހުންތަކެއް
 
ގާސިމް ދެފަހަރެއްގެ މަތިން އެޑްމިޓް ކޮށްފައިވޭ

އެތައް ބައެއްގެ ރުއިމުގެ އަޑު އައްސަވައި އެހީތެރިކަން ފޯރުކޮށް ދެއްވި މަދަދުވެރިޔާ އެވެ. ބޭސްފަރުވާ ނުކުރެވިގެން އާއިލާތަކުން އޮހޮރަމުން ދިޔަ ކަރުނަތައް ފޮހެ ދެއްވި އެހީތެރިޔާ އެވެ. އިންސާނިއްޔަތުކަމުގެ ލާމިސާލު މިސާލެކެވެ. ގައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މިއީ ގާސިމް އިބްރާހީމް ދެކެ ކިތަންމެ ވަރަކަށް ރުޅި އަންނަ ބަޔަކަށް ވިޔަސް ދެބަސްނުވެވޭނެ ހަގީގަތެކެވެ. ނަމަވެސް، ގައުމާއި ރައްޔިތުންނަށްޓަކައި ގާސިމް ކޮށްދެއްވި މަސައްކަތްތަކުގެ އަގު އަދާކޮށް މި ދެވެނީ ކިހިނެއްތޯ އެވެ. ގާސިމް އެ ވަނީ ހަސްފަތާލު ކުރެވިފައެވެ. ބޭސް ކުރުމުގެ ހައްގު ނިގުޅައިގަނެވިފަ އެވެ. އެތައް ބަޔަކަށް ބޭސްކޮށްދެއްވި އޯގާތެރިޔާ އެ ވަނީ ރައްޔިތުންގެ އޯގާތެރިކަމުގެ އަތަކަށް ޖެހިފަ އެވެ. ގާސިމް މަރުގެ ތަންމަތީގައި އޮތަސް އެއްބަޔަކަށް ހެވެވެ. ބޭނުންވަނީ ހުކުމް ކޮށް ނިޒާމުން ބޭރުކޮށްލާށެވެ.

  • ގާސިމް އިބްރާހިމް ފުރަތަމަ ފަހަރަށް ހަސްފަތާލު ކުރެވުން

ގާސިމް ފުރަތަމަ އެޑްމިޓްކުރީ ޖުލައި 16 ވަނަ ދުވަހު މެޑިކާ ހޮސްޕިޓަލްގައެވެ. އިތުރު ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ގެންގޮސްފައިވަނިކޮށް، އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައި، ރާއްޖެއިން ބޭރަށް ފުރުން މަނާކުރި އެވެ. އެއަށްފަހު ގާސިމަށް ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައެވެ. ނުވަ ދުވަސް ވަންދެން އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ގާސިމް ދޫކޮށްލީ ޖުލައި 24 ވަނަ ދުވަހު އެވެ. އެއަށްފަހު އިވުނީ ވަކީލުންގެ އިލްތިމާސްތަކެވެ. އާއިލާގެ އާދޭސްތަކެވެ. ފުރާނައަށް ނުރައްކާވެދާނެ ފަދަ ބައްޔެއް ޖެހި، ރާއްޖެއިން ބޭރުން ކޮންމެހެން ވެސް ފަރުވ ހޯއްދަވަން ޖެހިފައިވާ ކަމަށެވެ. ޕާސްޕޯޓް ދޫކޮށް، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސަައިދިނުމަށް ތަކުރާރުކޮށް އެދުނެވެ. ޝަރުއީ ހުރިހާ މަރުހަލާތަކަށް ޕާސްޕޯޓުގެ މައްސަލަ ހުށަހަޅައިފި އެވެ. އަޑުއަހާނެ ކަންފަތެއް، ފެންނަ ލޮލެއް ވެސް ނެތް ފަދަ އެވެ.

ގާސިމަކީ ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންދާ ބޭފުޅެކެވެ. މިއަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސަރުކާރުން ގާސިމް ބަންދުކޮށްފައި ހުރި ތަނާއި ހާލަތުގެ ލާއިންސާނީކަމާއި، ނުތަނަވަސްކަމުން އޭނާގެ ބަލިހާލުކޮޅު އިތުރަށް ވަނީ ގޯސްވެފަ އެވެ. އާލާސްކަންފުޅާ ގުޅިގެން ހަދަންޖެހޭ ޓެސްޓްތައް ރާއްޖެއިން ބޭރުން ހަދަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލާއި މެޑިކާ ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވާފައި ވާތީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ހުށަހެޅުމުން ވެސް ހުއްދަ ދިނުމަށް އިންކާރުކުރީ އެވެ. ގާސިމްގެ ހާލުކޮޅު އިތުރަށް ގޯސްވމާ ގުޅިގެން އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުން، ގާސިމްގެ ހިތުގެ މައްސަލައަށް ފަރުވާ ދިނުމަށްޓަކައި ހިތުގެ ހާއްސަ ދެ ޓެސްޓެއްކަމުގައިވާ "އީޕީއޭ" އާއި "އާރްއެފްޕީ" ހަދަން ޖެހޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެއީ ރާއްޖޭގައި ހެދެން ނެތް ދެ ޓެސްޓެކެވެ.

ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ވެސް އަޖައިބުން ފުރިގެންވާ ގޮތަކަށެވެ. ފަނޑިޔާރުން ގޮތް ކަނޑައަޅުއްވަންޖެހެނީ ހުށަހެޅޭ މައްސަލަތަކަށް، ހެއްކާއި ގަރީނާއަށް ބުރަވެ ތިބެ އެވެ. ޕާސްޕޯޓް ހިފަހެއްޓުމަށް ނެރުނު އަމުރަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެއްވެސް މުއައްސަސާއެއްގެ ހުށަހެޅުމަކާ ނުލައި މައްސަލަ ބައްލަވާ ގާޒީގެ އަމިއްލަ އިސްނެންގެވުމެއް ނެރުނު އަމުރެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން އެއްވެސް އިދާރާއެއްގެ ހުށަހެޅުމެއް ނެތި އަމުރު ނެރުމަކީ ކޯޓަށް ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ. ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ އަމުރު މުރާޖައާ ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓަށް ލިބިގެންވާ ކަމަށް ބުނެ މައްސަލަ ބަލައިގަތުމަށް ވަނީ އިންކާރުކޮށްފަ އެވެ.

  • ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ހަސްފަތާލު ކުރެވުން

ގާސިމް ދެވަނަ ފަހަރަށް އެޑްމިޓް ކުރީ މިމަހުގެ 6 ވަނަ ދުވަހު އެވެ. އެ ދުވަހު، ގާސިމް އެޑްމިޓް ކުރެވިފައިވަނިކޮށް ވެސް ތިން ފަހަރެއްގެ މަތިން ގާސިމް ޝަރީއަތް ތާވަލުކުރި އެވެ. ހެނދުނު 10:30 އަށް ތާވަލުކުރި އަޑުއެހުން ބޭއްވޭ ގޮތް ނުވުމުން ހަވީރު 6:00 އަށެވެ. އެއަށްފަހު ރޭގަނޑު 8:00 އަށެވެ. އަޑުއެހުމަށް ހާޒިރުނުވެއްޖެނަމަ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދިނެވެ. ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ގާސިމް ދޫކޮށްލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ދޭންޖެހޭ ފަރުވާ ރާއްޖެއިން ދެވެން ނެތުމުން އެކަށޭނެ ފަރުވާއެއް އެ ފަހަރު ވެސް ދެވިފައިނުވެ އެވެ.

ހޮސްޕިޓަލުން ދޫކޮށްލިފަހުން ފުރަތަމަ އަޑުއެހުން ތާވަލުކުރީ ބުދަ ދުވަހަށެވެ. ބުދަ ދުވަހުގެ އަޑުއެހުމުގައި ހެކި ބަސްނަގާ ނިންމާލި އެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު އަޑުއެހުމެއް ބާއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލި އެވެ. މެންދުރު ޚުލާސާ ބަޔާން ހުށަހެޅުމަށް އަޑުއެހުމެއް ތާވަލުކުރި އެވެ.ވަކީލުންނަށް ކޯޓުން ނިކުމެވުނީ މެންދުރު 1:15 ހާއިރު އެވެ. އަޑުއެހުން ތާވަލުކޮށްފައި އޮތީ 2:30 އަށެވެ. ވަކީލުންނާއި ގާސިމް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. ނަމަވެސް، ކުރާނީ ކީއްތޯ އެވެ؟ ނައިބުގޭގެ އުނދޯލީގައި އިންނަވައިގެން މުއްތަހަމް ކުށްވެރިވެއްޖެ ކަމަށް ނައިބު މަނިކުފާނު ކަނޑައެޅުއްވި ޒަމާން މިވަނީ އިޔާދަވެފަ އެވެ. މެންދުރަށް ތާވަލުކުރި އަޑުއެހުމަށް ވަކީލުންނާއި ގާސިމް ވަޑައިގެންނެވި އެވެ. އަޑުއެހުން ނުފެށިގެން އުޅެނިކޮށް ގާސިމްގެ ހާލު ގޯސްވެ ކޯޓް ތެރެއަށް ވެއްޓިއްޖެ އެވެ.

އެހާ ހިސާބުން ވެސް ނިންމާލީއެއް ނޫނެވެ. ވަކީލުން ކޯޓް ތެރޭގައި ހިފަހެއްޓި އެވެ. ޣައިރު ހާޒިރުގައި ވެސް މައްސަލަ ކުރިއަށް ގެންދަން ގާޒީ ބޭނުންވާކަން ކޯޓް އޮފިޝަލުން ވަކީލުންނަށް އެންގި އެވެ. އެކަމާ ވަކީލުން އިންކާރު ކުރެއްވި އެވެ. މުވައްކަލު އެގޮތަށް ކުރިއަށް ގެންދިއުމަށް ބޭނުންފުޅުނުވާކަން ގާޒީގެ ސަމާލުކަމަށް ގެނެސްދިނެވެ. ގާސިމް މިހާރު އެވަނީ ތިން ވަނަ ފަހަރަށް ހަސްފަތާލު ކުރެވިފަ އެވެ.

  • ގާސިމް ބެއްލެވި ޑޮކްޓަރު ދެއްވި ލިޔުން

ގާސިމް ބެއްލެވި އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުން ރާއްޖޭން ހެދެން ނެތް ހިތުގެ ދެ ޓެސްޓެއް ހެދުމަށްޓަކައި ގާސިމް ވީހާ ވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދަވަންޖެހެ އެވެ. ޑޮކްޓަރު ވިދާޅުވެފައިވާ ދެ ޓެސްޓަކީ އިލެކްޓްރޮފިޒިއޮލޮޖީ ސްޓަޑީޒް (އީޕީއެސް) އާއި ރޭޑިއޯފްރެކްއެންސީ އެބްލޭޝަން (އާރުއެފްއޭ) އެވެ. މި ދެ ޓެސްޓް ނުހަދައި އެކަށީގެންވާ ފަރުވާއެއް ނުދެވޭއިރު، ފަރުވާ ދެއްވުން ލަސްކޮށްފި ނަމަ ގާސިމްގެ ހިތުގެ ވިންދު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
5%
10%
65%
15%
5%
0%
ކޮމެންޓް
25 އޯގަސްޓް 2017 | ހުކުރު 14:29
ހ މ ޒ
ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކޮމް އިން އަންގައިފި
24 އޯގަސްޓް 2017 | ބުރާސްފަތި 19:42
އަޙްމަދު
ގާސިމު ފަރުވާއަށް ނުފޮނުވާ ހައްޔަރު ކޮށްގެން އުޅެބަޔަށް އެފަދަ ބައްޔެއް ޖެއްސެމަށް ކުޅަދުންވެ ވޮޑިގެންވާ ޙަލިގުވަންތަ ﷲ އެބާއި މީހުންނަށް ހެޔޮމަގު ދައްކަވާށި. އާމީން
24 އޯގަސްޓް 2017 | ބުރާސްފަތި 19:26
ސައަޕޭ
ކޮބަތިބުނާރައްޔިތުން ހުރިހާމީހުނަށްވެސް އެގޭ އަދުގެ ސަރުކާރަކީ އިންސާފުވެރި އޯގާތެރި ސަރުކާރެއްކަން، ނޫންނަމަ ތިކަމަށް އެއްޗެކޭބުނީހެއްނޫން، ތިހެނޭކިޔާފައި ޤާސިމު މަރުވިއަސް މަގުމައްޗަށް ނުކުންނާނެ މީހަކުވެސް ނުވާނެ
24 އޯގަސްޓް 2017 | ބުރާސްފަތި 19:22
ސައްޕޭ
ޤާސިމު މަރުވިއަސް އޭނާގެ ފަރުޟުވެރިން ޖެހޭނީ ސަރުކާރު ދައްކަންބުނާ ފައިސާދައްކަން. ، އޭނާވަޅުލެވޭނީ ގަބުރަށްވެސް ހުކުމްކޮށްފައި އޭރުން ،ކަށްވަޅުގައި އޮވެ ހުކުމް ތަންފީޒު ކުރާގޮތަށް.