ކ. މާލެ
|
10 އޭޕްރިލް 2024 | ބުދަ 19:44
އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރު، ޕެނީ ވޮންގ
އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރު، ޕެނީ ވޮންގ
ގެޓީ އިމޭޖަސް
ފަލަސްތީނުގެ ދައުލަތް
އިސްރާއީލް-ޣައްޒާ ހަނގުރާމަ: ފަލަސްތީނުގެ ދައުލަތް ބަލައިގެންފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިޔާއިން ދީފި
 
ފަލަސްތީނުގެ ދައުލަތް ގާއިމްކުރުމާމެދު ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު ބޮޑަށް ވިސްނަމުންދާކަމަށް އޮސްޓްރޭލިޔާއިން ބުނޭ

ފަލަސްތީނު މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތަށް ބާރު ދިނުމުގެ ގޮތުން، ފަލަސްތީނުގެ ދައުލަތް ބަލައިގެންފާނެކަމުގެ އިޝާރާތެއް އޮސްޓްރޭލިޔާއިން ދީފިއެވެ. ނަމަވެސް އޮސްޓްރޭލިޔާއިން ހަމާސްގެ އެއްވެސް ދައުރެއް ހިމެނޭ ވެރިކަމެއް ބަލައިނުގަންނާނެ ކަމަށް، އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރު ޕެނީ ވޮންގ ވިދާޅުވެފައި ވެއެވެ.

އޮސްޓްރޭލިޔާގެ އިދިކޮޅުން، އަދި ޒަޔަނިސްޓް ފެޑަރޭޝަން އޮފް އޮސްޓްރޭލިޔާއިން ބުނެފައިވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމުގެ ވަގުތު އަދި ނުޖެހޭ ކަމުގައެވެ. ކެންބަރާއިން ކުރިއްސުރެވެސް ބުނަމުން އައިސްފައިވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމާ ހަމައަށް ދާނީ އިސްރާއީލާއެކު ދެ ދައުލަތް އެކުލެވޭ ހައްލުގެ ތެރޭން ކަމަށެވެ.

އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅުގެ ކުރިން އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރޫން ވެސް ވަނީ އިސްރާއީލާ ވަކިންވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ޣައްޒާގައި ކުރިޔަށްދާ ހަނގުރާމައާ ބެހޭގޮތުން ފާއިތުވި ދެތިން ހަތަރު މަހެއްގެ ތެރޭގައި އޮސްޓްރޭލިޔާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް، އިސްރާއީލުގެ ހަމަލާއެއްގައި އޮސްޓްރޭލިޔާގެ އެހީގެ މަސައްކަތްތެރިއަކު ވެސް މަރުވި ހާދިސާއަށްފަހުއެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި ހަ މީހުން އެފަހަރު މަރުވެފައިވާއިރު، އިސްރާއީލުން ބުނެފައިވަނީ ހަމަލާދިނީ ހަމާސްގެ އުޅަނދެއް ކަމަށް މައުލޫމާތު ލިބިގެން ކަމަށެވެ.

އަންގާރަދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވޮންގ ވިދާޅުވެފައިވަނީ، ނިމުމެއްނެތި ކުރިޔަށް މިދާ ލޭއޮހޮރުވުމާއި ހަރުކަށިކަން ދެއްކުމުގެ ބުރަށް ނިމުމެއް އަންނާނީ އިސްރާއީލާ ފަލަސްތީނުގެ ދެ ދައުލަތް ޖެހިޖެހިގެން ގާއިމްކުރެވިގެން ކަމަށެވެ. އަދި ފަލަސްތީނުގެ ދައުލަތެއްގެ ނަންވެސް ގަތުމަށް ނަތަންޔާހޫގެ ސަރުކާރުން އިންކާރުކުރަމުން ދާ ދިއުމުގެ ސަބަބުން ނުތަނަވަސްކަން ފެތުރިގެން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މައްސަލައިގެ ހައްލު ހޯދުމުގެގޮތުން ފުރަތަމަ ފަލަސްތީނުގެ ދައުލަތް ގާއިމްކުރުމާމެދު ބައިނަލްއަގުވާމީ މުޖްތަމައުން މިހާރު ވިސްނަމުން ދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ސަތޭކަސާޅީހަކަށް ގައުމުން ވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށްފައެވެ. ނަމަވެސް އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް އަދި އޮސްޓްރޭލިޔާފަދަ ގައުމުތަކުން، ފަލަސްތީން ވަކި ދައުލަތެއްގެ ގޮތުގައި ގަބޫލުކޮށްފައެއް ނުވެއެވެ.

ފަލަސްތީނުގެ ދައުލަތަކީ މިވަގުތު އދ. މަޖިލީހުގައި އޮބްޒަރވަރ ސްޓޭޓެއް ނަމަވެސް، ފުރިހަމަ މެމްބަރުކަން ދިނުމާމެދު މި ހަފުތާގައި ގޮތެއް ނިންމާނެކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް