ކ. މާލެ
|
2 އޭޕްރިލް 2024 | އަންގާރަ 15:36
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހުމަދު ނަސީމް
ރާއްޖެއެމްވީ
ޕީއެންސީ ޑޯޓުޑޯ
ދައުލަތުގެ ޚަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި ކެމްޕޭނު ޑޯޓުޑޯގައި ބަހަމުންދާތަން އޭސީސީއަށް ނުފެންނާތީ ކަންބޮޑުވުން
 
ރައީސް ޑޯޓުޑޯގައި ބައްސަވަމުން ގެންދަވާ ހަދިޔާ ޕާރުސަލްކުރަނީ ރައީސް އޮފީހުން
 
ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް ބުނެ، އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީހަދައިގެން ނުވާނެ

ދައުލަތުގެ ހަރަދުގައި ރައީސް އޮފީހުން ބަންދުކުރާ ތަކެތި ޕީއެންސީގެ ކެމްޕޭނު ޑޯޓުޑޯގައި ބަހަމުންދާތަން އޭސީސީއަށް ނުފެންނާތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މީކާއީލް ވިދާޅުވީ، ރައީސް ޑޯޓުޑޯގައި ބައްސަވަމުން ގެންދަވާ ހަދިޔާ ޕާރުސަލްކުރަނީ ރައީސް އޮފީހުން ކަމަށެވެ.

އެކަން ރައީސް އޮފީހުންވެސް ދޮގުކޮށްފައި ނުވާއިރު، ކެމްޕެއިނު ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ރައީސުލްޖުމްހުރިއްޔާ ހުންނަވާނީ އެމަނިކުފާނުގެ ރައީސްކަމުގެ މަގާމުގައި ކަމަށާއި، އެއީ 24 ގަޑިއިރު އަދާކުރައްވާ ވަޒީފާއެއްކަމަށް ބުނެ ރައީސް އޮފީހުން ވަނީ އެކަން ދިފާއުވެސް ކޮށްފައެވެ.

ރައީސް އޮފީހުން އެކަން ދިފާއުކޮށް ވާހަކަ ދައްކާފައިވަނީ ދައުލަތުން ދޭ ހަދިޔާ ބަންދުކުރާ ރަސްމީ ކަރުދާހުގައި ބަންދުކޮށްފައިވާ ހަދިޔާ ރައީސް ޑޯޓުޑޯގައި ބައްސަވަމުންދާތީ ނޫސްތަކުން ސުވާލުކުރުމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ކަރުދާހުގައި ބަންދުކޮށްފައިވާ ހަދިޔާ - ޓްވީޓަރ

އެކަމާ ގުޅޭގޮތުން މީކާއިލް ވިދާޅުވީ، ޕާރުސަލް ބަންދުކުރަނީ ރައީސް އޮފީހުން ކަމަށާއި، ޕާރުސަލް ކުރަނީ ދައުލަތުގެ ޚަރަދުގައި ކަމަށެވެ.

އަދި ޕާރުސަލް އޮންނަނީވެސް ދައުލަތުން ދޭ އެއްޗެއްގެ ގޮތުގައިކަމަށްވާއިރު، ޕީއެންސީގެ ޑޯޓުޑޯ ހަރަކާތެއްގައި އެ ހަދިޔާތައް ދެއްވަމުންދާތީ މީކާއީލް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އޭގެ އިތުރުން، މި ކަންކަން ރައީސް އޮފީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް މައްސަލައަކަށް ނުވަނީތޯ މީކާއީލް ވަނީ ސުވާލު އުފައްދަވާފައެވެ.

ކެމްޕޭނުގައި ވަކި ގޮތަކަށް ވޯޓު ދިނުމުގެ މުގާބިލުގައި ފައިސާ ބެހުމަކީވެސް ކުށަކަށްވާއިރު، ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެކަމަށް، އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވެއެވެ.

އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެންވެސް ނުވާނެކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް