ކ. މާލެ
|
27 މާރޗް 2024 | ބުދަ 11:45
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ގޫގުލް
ހެކިބަސް ނެގުން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
 
ބަންދުން ދޫކޮށްލުމުން ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ކަންކަން ކުރޭ
 
ކުށުގެ ވެށީގައިއުޅޭ މީހުންގެ ޢަމަލުތަކާއި ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގައިހުރި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރަންޖެހޭ
 
ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސްނަގައި ނިމިފައިވުމަކީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން

ޖިނާއީ މައްސަލައިގައި ހެކިބަސް ނަގައި ނިމުމަށްފަހު ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލުމުން ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި އެމީހާގެ ނުފޫޒުގެ ތެރެއިން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ގިނަވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެފިއެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ ގްރޫމްކޮށްގެން ގެސްޓްހައުސްއަކަށް ގެންގޮސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހާ ޝަރުތުތަކާއެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުންބާތިލުކޮށްކުރިޙުކުމުގައެވެ.

ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުލަތުގެ ހުރިހާ ހެކިންގެ ހެކިބަސްނަގައި ނިމިފައިވުމަކީ މި ބާވަތުގެ މައްސަލަތަކުގައި ތުހުމަތުވާ މީހާ ބަންދުން ދޫކުރުމަށް އެކަށީގެންވާ ސަބަބެއްތޯ ބަލަން ޖެހޭ ކަމަށެވެ.

އެގޮތުން ބަލާއިރު، ކުށުގެ ވެށީގައިއުޅޭ މީހުންގެ ޢަމަލުތަކާއި ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމުގައިހުރި ޙަޤީޤަތްތަކަށް ރިޢާޔަތް ކުރަންވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުން ވިދާޅުވެފައިވަނީ، ޖިނާއީ މައްސަލައިގައި ހެކިބަސް ނަގައި ނިމުމަށްފަހު ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލުމުން ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި އެމީހާގެ ނުފޫޒުގެ ތެރެއިން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ގިނަވެފައިވާ ކަމަށެވެ.

އަދި އެފަދަ ސިޓީތަކުގެ މައްޗަށް ބިނާކޮށް ޝަރީޢަތުގެ މަޖިލީހުގައި ހުވައިކޮށް ނަގާފައިވާ ހެކިބަސް އެއްކިބާކޮށް، އެކަށީގެންވާ ޝައްކުއުފެދޭކަމަށް ކަނޑައަޅައި، މައްސަލަތައް ނިންމަމުންދާކަންވެސް ފަނޑިޔާރުން ފާހަގަ ކުރައްވާފައިވެއެވެ.

ކަން އެހެން އޮތުމާއެކު، ހެކިބަސް ނަގައި ނިމިފައި އޮތުމަކީ އޭގެޒާތުގައި ބަންދުން ދޫކުރަންޖެހޭ ފަދަ އެކަށީގެންވާ ޤާނޫނީ ސަބަބެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވިއެވެ.

ހައިކޯޓުން އެހެން ބުނެފައިވާއިރު، ދަށު ކޯޓުތަކުގައި ހިނގަމުންދިޔަ މަރުގެ އެކި މައްސަލަތަކާއި އެނޫންވެސް ޖިނާއީ ބޮޑެތި މައްސަލަތަކުގައިވެސް ހެކިން ހެކިބަސް ދިނުމަށްފަހު، އެ ހެކިބަސް އަނބުރާ ގެންނަން ބޭނުންވެގެން ކޯޓަށް ސިޓީ ހުށަހަޅާފައިވާ މައްސަލަތައް ފެންމަތިވެފައިވެއެވެ.

އަދި އެކަމުގެ ސަބަބުން އެ ހެކިންގެ ހެކިބަހާމެދު ޝައްކު އުފެއްދުމުގެ ބާރު ދިފާއަށް ލިބިގެން ގޮސްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
100%
0%
0%
0%
ކޮމެންޓް