ކ. މާލެ
|
18 މާރޗް 2024 | ހޯމަ 10:38
ރައީސް ޑރ މުޙައްމަދު މުއިއްޒު
ރައީސް ޑރ މުޙައްމަދު މުއިއްޒު
ރައީސް އޮފީސް
ސަރުކާރުން ގަތް ޑްރޯންތައް
2 ޑްރޯން ގަންނަން 39 މިލިއަން ޑޮލަރު ޚަރަދުކުރި ގޮތެއް ސާފުކޮށްދޭން އެމްޑީޕީން ސަރުކާރަށް ގޮވާލައިފި
 
ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރޭ
 
އަސްކަރީ ޤާބިލުކަން އިތުރު ކުރުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ
 
އެކި ދަތުރުފުޅުތަކުގައި ވެފައިވާ އެއްބަސްވުންތައްވެސް މި ސަރުކާރުން ބޮޑުތަނުން ސިއްރުކޮށްފައިވޭ

ދެ ޑްރޯން ގަންނަން 39 މިލިއަން ޑޮލަރު ޚަރަދުކުރި ގޮތެއް ސާފުކޮށްދިނުމަށް އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދުގެ ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދުފުޅަކީ ރައްޔިތުންނަށް ދެފުއް ފެންނަ ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ވައުދުފުޅު ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރުން ސިއްރު އެއްބަސްވުންތައް ނުވާނެކަމަށް ދެއްކެވި ވާހަކަފުޅުތަކާއި، މީގެ ކުރީ ސަރުކާރުތަކުން ހަދާފައި ހުރި ރައްޔިތުން ކަންބޮޑުވާ އެއްބަސްވުންތައް ހާމަކުރައްވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް އީސަ ފާހަގަ ކުރެއްވިއެވެ.

އީސަ ވިދާޅުވީ، ވެރިކަމަށް ވަޑައިގެން ކުރެއްވި އެކި ދަތުރުފުޅުތަކުގައި ވެފައިވާ އެއްބަސްވުންތައް ވެސް މި ސަރުކާރުން ބޮޑުތަނުން ސިއްރުކޮށްފައިވާ ކަމަށެވެ.

ހިތާމައަކީ ވެރިކަމަށް އާދެވުނު ފަހުން މީގެ ކުރިން ހާމަ ކުރަައްވާނެކަމަށް އެ ވިދާޅުވި އެއްވެސް އެއްބަސްވުމެއްވެސް ރައްޔިތުންނަކަށް ހާމަކޮށެއް ނުދިން، އެ އެއްބަސްވުންތައް ކުރިއަށްވުރެ ބޮޑަށް، ކުރީ ސަރުކާރުތަކަށްވުރެވެސް ބޮޑަށް ސިއްރުކުރައްވައިފި
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ

އީސަ އިތުރަށް ވިދާޅުވީ، ޑްރޯންތަކާ ގުޅޭގޮތުން ފުރަތަމަ އިވިގެން ދިޔަ ޚަބަރަކީ 39 މިލިއަން ޑޮލަރު އެކަމަށް ޚަރަދުކުރި ވާހަކަ ކަމަށެވެ.

އެހެންނަމަވެސް، އެކަމާ ގުޅޭ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ގަނެފައިވަނީ 2 ޑްރޯން ކަަމަށާއި، ބާކީ ޑްރޯންތަކަކީ ތުރުކީ ސަރުކާރުން ހިލޭ ދިން އެއްޗެއް ކަމަށެވެ.  

އީސަ ވިދާޅުވީ، އަސްކަރީ އެއްބަސްވުންތައް ހާމަ ނުކުރިނަމަވެސް، އަސްކަރީ ޤާބިލުކަން އިތުރު ކުރުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުވެފައި އޮންނަންޖެހޭ ކަމަށެވެ.

އަސްކަރީ ވެބްސައިޓުތަކުން އެފަދަ ސަވައިލެންސް ޑްރޯންތަކުގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރި އަގުތައް ފެންނަންހުރިއިރު، 39 މިލިއަން ޑޮލަރު 2 ޑްރޯން ގަންނަން ޚަރަދުވާން ޖެހޭގޮތެއް ސާފު ނުވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އީސަ ވިދާޅުވީ، އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބަޖެޓު ކުރުމެއްވެސް ނެތި، 1700ށް ވުރެ ގިނަ މަޝްރޫއުތައް ހުއްޓުވާލާފައި ބޭއްވުމަށްފަހު ސުވާލު އުފެދޭ ގޮތަށް މިފަަދަ ބޮޑު ޚަރަދެއް ސަރުކާރުން ކުރުމުން ކަމަށެވެ.  

39 މިލިއަން ޑޮލަރު، ދެ ޑްރޯން ގަންނަން ޚަރަދުކުރި ގޮތެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ،
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ

އޭގެ އިތުރުން، ޤައުމުގެ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށް ކުރާ މަސައްކަތްތަކަށް އެމްޑީޕީން ފުރިހަމައަށް ތާއީދު ކުރާކަން ފާހަގަ ކުރައްވައި އީސަ ވިދާޅުވީ، އެކަންކަމުގެ ޚަރަދުތައް ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ.

އީސަ ވަނީ މި މުއާމަލާތްތަކުގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަމަށް އެމްޑީޕީއަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެފައެވެ.

ސިއްސައިގެންދާ ވަރުގެ ކޮރަޕްޝަންތައް ހިނގާފައިވާކަމަށް އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭ
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ

މިކަންކަން މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީންވެސް ބަލަންޖެހޭ ކަމަށާއި، އެކަންކަން އެމްޑީޕީން ކުރާނެކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވަނީ ސަރުކާރުން ހުއްޓުވާލާފައިވާ މަޝްރޫއުތަކަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއުތަކެއްކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
0%
33%
0%
33%
ކޮމެންޓް