ކ. މާލެ
|
6 މާރޗް 2024 | ބުދަ 12:57
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން
ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުން
ރާއްޖެއެމްވީ
އަރުޝަދުގެ ޑްރަގް ނެޓްވޯކް
ޑްރަގް ނެޓްވޯކެއްގައި ހިމެނޭކަމަށް ބުނާ އަލީ ޒުބައިރުއަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު ހުށަހަޅައިފި
 
ކޮޓަރީގެ ވަތްގަނޑުން ފެނުނު 35،100 ރުފިޔާއަކީ އޭނާ ކިހިނެއް ހޯދި ފައިސާކަމެއް ބުނެދެވިފައިނުވޭ
 
ދައުލަތުގެ ވަކީލުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައި

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި އުޅޭ ފަރާތްކަމަށް ފުލުހުން ތުހުމަތު ކުރާ ގދ ހޯޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ އަލީ ޒުބައިރުގެ މައްޗަށް ހުށަހެޅި "ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެެފިކް ކުރުމުގެ ކުށުގެ ދައުވާ" ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާތީ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

އަދި މި މައްސަލައަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެތަކެއް ބަލައި ފާސް ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ.

މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކުރި ފަސް މީހުންނަކީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދަކީ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.

ނަމަވެސް އޭރު މި މައްސަލަ ނިމިގެން ދިޔައިރު ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމް މައްޗަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ސާބިތުވި ހުސައިން ޒަހީންއާއި އަސްލަމް ނާޒިމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ނިމިފައިވަނީ އެމީހުންނާ ދެކޮޅަށެވެ.

ދެން ތިބި މީހުން ދޫވިއިރު، އޭގެ ތެރޭގައި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށްބުނާ އަރުޝަދުވެސް ހިމެނެއެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ދައުލަތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ބުދަ ދުވަހު ދައުލަތުގެ ވަކީލުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވާފައެވެ.

ދައުލަތުން ވަނީ އަލީ ޒުބައިރުގެ މައްޗަށް މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

އަދި ބަލައި ފާސް ކުރަން ގެންދާ އަމުރުގައި ކުށުގެ ތުހުމަތު ކުރެވޭ އެންމެހައި ފަރާތްތަކެއްގެ ނަން ހިމެނިފައި ނެތުމަކީ އެ ތަނަކުން ފެންނަ ޤާނޫނާ ޚިލާފު ތަކެތީގެ މައްޗަށް އެ ފަރާތްތަކަށް ޖިނާއީ ކުށުގެ ދައުވާ ކުރުމަށް އޮތް ހުރަހެއް ނޫންކަމަށް ކަނޑައަޅައިދެއްވުމަށްވެސް ދައުލަތުން އެދިފައިވެއެވެ.  

އޭގެ އިތުރުން، އަލީ ޒުބައިރުއާ ގުޅުންހުރި ގެއެއްގެ ކޮޓަރީގެ ވަތްގަނޑުން ފެނުނު 35،100 ރުފިޔާއަކީ އޭނާ ކިހިނެއް ހޯދި ފައިސާކަމެއް ބުނެދެވިފައިނުވާތީ، އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ބަލައި އެ ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް ވަކީލުން އެދިފައިވެއެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އިސްތިއުނާފު ރައްދުވާ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު, އަލްއުސްތާޛު މުޙައްމަދު ނިޔާޒް  އަދި އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް