ކ. މާލެ
|
29 ފެބްރުއަރީ 2024 | ބުރާސްފަތި 14:31
އިންޓަ މިލާާންގެ ކޯޗު ސިމޯން އިންޒާގީ
އިންޓަ މިލާާންގެ ކޯޗު ސިމޯން އިންޒާގީ
ރޮއިޓާސް
އިންޓަ މިލާން
އިންޒާގީގެ އެއްބަސްވުން އައުކުރަން އިންޓަ އިން މަސައްކަތްކުރަނީ
 
އިންޓަ މިލާންގެ ސީއީއޯ މޮރާޓާ ވިދާޅުވީ އިންޓަ މިލާންގައި އިންޒާގީ ކުރަމުން އަންނަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށާއި، އޭނާގެ މަސައްކަތް ބަލައިގަންނަ ކަމަށް

އިޓަލީގެ އިންޓަ މިލާނަށް އިރުޝާދު ދެމުން އަންނަ، އެ ޤައުމަށް ނިސްބަތްވާ ސިމޯން އިންޒާގީގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން އެކުލަބުން ހާމަކޮށްފި އެވެ.

އެކަން ހާމަކޮށްފައި ވަނީ އިންޓަ މިލާންގެ ސީއީއޯ މޮރާޓާ އެވެ. އޭނާ ވިދާޅުވީ އިންޓަ މިލާންގައި އިންޒާގީ ކުރަމުން އަންނަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކަމަށާއި އޭނާގެ މަސައްކަތް ބަލައިގަންނަ ކަމަށެވެ. ހަމައެހެންމެ ކުލަބުން ބޭނުން ވަނީ ކުރިއަށް އޮތް ތަނުގައި ވެސް އޭނާ އެ ކުލަބުގައި ހުންނަން ކަމަށާއި އިންޒާގީ އެކަމަށް އެއްބަސްވާނެ ކަމުގެ އުންމީދު ބޮޑު ކަމަަށް ވެސް މޮރާޓާ ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އަންނަ އަހަރު އިންޒާގީގެ އެއްބަސްވުން ހަމަވާކަަމަށް ވީ ނަމަވެސް، އިންޒާގީ ހުރީ އެ ކުލަބުގައި ހިތްހަމަޖެހިގެން ކަމަށެވެ. އަދި މިހާތަނަށް އައިއިރު އޭނާގެ ފަރާތުން، ނުތަނަވަސްވާ ކަހަލަ ވާހަކައެއް ނުވަތަ ކަމެއް ފެނިފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އިންޓަ އިން އޭނާގެ އެއްބަސްވުން އައުކުރުމުގެ އެންމެހާ ކަމެއް ކުރާނެ ކަމުގައި މޮރާޓާ ވިދާޅުވި އެވެ.

އުމުރުން 47 އަހަރުގެ އިންޒާގީ އިންޓަ މިލާނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ލާޒިއޯގައި ހުރުމަށްފަހު އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ އަނެއްކާ ވެސް ދެ އަހަރަށް އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަ އިން ވަނީ މިދިޔަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. އަނެއްކޮޅުން މި ސީޒަންގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތު އިޓާލިއަން ލީގު ތާވަަލްގެ އެއް ވަނައިގައި އެ ޓީމު އޮތީ ވެސް 12 ޕޮއިންޓުގެ ލީޑަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް