ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 06:41
އޭސީ މިލާނަށް ކުޅެމުން އަންނަ ތިއޯ ހެނާންޑޭޒް
އޭސީ މިލާނަށް ކުޅެމުން އަންނަ ތިއޯ ހެނާންޑޭޒް
ރޮއިޓާސް
އޭސީ މިލާން
މިލާންގައި މި ހުރީ ހިތްހަމަ ޖެހިގެން: ތިއޯ ހެނާންޑޭޒް
 
މިލާނާއެކު އެންމެ ފަހުން ހެނާންޑޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އިޓާލިއަން ލީގުގެ އޭސީ މިލާންގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ތިއޯ ހެނާންޑޭޒް ބުނެފި އެވެ.

އޭނާ މިހެން ބުނީ މިލާންގައޮި ހެނާންޑޭޒްގެ ކުރިމަގާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން، ކުރިން އޭނާ ކުޅުނު ސްޕެއިންގެ ރެއާލް މެޑްރިޑަށް އަލުން ބަދަލުވެދާނެތޯ ސުވާލު ކުރުމުން ހެނާންޑޭޒް ބުނީ، ރެއާލްގައި އޮތީ ވަރަށް ފޮނި ހަނދާންތަކެއް ކަމަށެވެ. ޚާއްސަކޮށް ރެއާލްގައި ވަރަށް ގިނަ ރަޙުމަތްތެރިން ތިބޭނެކަން ފާހަގަކޮށް އޭނާ ބުނީ، މިލާންގައި ހުރީ އުފަލުން ކަމަށެވެ. އެހެންކަމުން، މިވަގުތު އެހެން އެއްވެސް ގޮތަކަށް ނުވިސްނާ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ހެނާންޑޭޒް ބުނީ ކުރިމަގުގައި ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ބުނަން ނޭންގޭނެ ކަމަށެވެ. ޚާއްސަކޮށް، ފުޓުބޯޅަ އަކީ ވަރަށް އަވަހަށް ޙާލަތު ބަދަލުވެދާނެ ކުޅިވަރެއް ކަމަަށާއި، މުސްތަޤުބަލު އޮތް ގޮތް ބުނަން ނޭންގޭ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، މިވަގުތު މިލާންގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެހެން ގޮތަކަށް ވިސްނުން ނުގެން ގުޅޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އުމުރުން 26 އަހަރުގެ ހެނާންޑޭޒް ވަނީ 2017 ވަނަ އަހަރުން، 2019 ވަނަ އަހަރަށް ރެއާލަށް ކުޅެފަ އެވެ. އޭގެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް ސޮސިއެޑާޑަށް ކުޅުމަށްފަހު، ދެން އޭނާ ބަދަލުވީ މިލާން އަށެވެ. މިލާނާއެކު އެންމެ ފަހުން ހެނާންޑޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ހެނާންޑޭޒް ވަނީ މިހާތަނަށް މިލާނަށް 195 މެޗު ކުޅެދީ، 27 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ހެނާންޑޭޒް ވަނީ، މިލާނަށް 28 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ. މިލާންގައި އެ ޓީމުގެ ކޯޗު ސްޓެފާނޯ ޕިއޮލީ އެންމެ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް