ކ. މާލެ
|
31 ޑިސެންބަރ 2023 | އާދީއްތަ 07:07
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑާމިއަން
އިންޓަ މިލާނަށް ކުޅެމުން އަންނަ ޑާމިއަން
ޓްވީޓަރ
އިންޓަ މިލާން
އިންޓަ މިލާންގެ އެއްބަސްވުން ޑާމިއަން އައުކޮށްފި
 
އިންޓަ އާއެކު މިހާރު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އިންޓަ މިލާނަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު މަތެއޯ ޑާމިއަން އެ ކުލަބާއެކު ސޮއިކޮށްފައިވާ އެއްބަސްވުން އައުކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ޕާމާ ދޫކޮށް އިންޓަ އަށް އެންމެ ފުރަތަމަ ބަދަލުވީ 2020 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އޭގެ ކުރިން އިންޓަ އިން ވަނީ އައު އެއްބަސްވުމެއްގެ މަޝްވަރާތައް ޑާމިއަން އާއެކު ފަށައިފަ އެވެ.

އިންޓަ އާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު އޭނާ ވަނީ، އިތުރު އެއް އަހަރަށް އެ ކުލަބުގެ އެއްބަސްވުން އައުކުރުމަށް ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އިންޓަ އާއެކު މިހާރު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އެ މުއްދަތަށްފަހު އިންޓަ އިން ބޭނުންވާނަމަ، އޭނާގެ އެއްބަސްވުން އިތުރަށް ދިގު ދަންމާލެވޭނެ އެވެ.

ޑާމިއަން ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 134 މެޗުން އަށް ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ އެ ޓީމަށް 17 މެޗު ކުޅެދީފައިވާއިރު، އޭނާ އަކީ އެ ޓީމުގެ ފުރަތަމަ 11 ގައި މުހިންމު ކުޅުންތެރިޔެކެވެ. ޑާމިއަން ވަނީ މިހާތަނަށް އިންޓަ އާއެކު ފަސް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ އިޓާލިއަން ލީގު އެއް ފަހަރު، އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު އެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ އިންޓަ އާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް