ކ. މާލެ
|
26 ޑިސެންބަރ 2023 | އަންގާރަ 17:41
އެމްޓީސީސީ ޓަވަރ
އެމްޓީސީސީ ޓަވަރ
ރާއްޖެއެމްވީ
އެމްޓީސީސީ
އެމްޓީސީސީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުންފުނީގެ އިސް ބައެއް މަގާމުތަކަށް މީހުން އައްޔަންކޮށްފި
 
އޯލެވެލް ފެންވަރު ހުރި، އެންމެ ދެ އަހަރު ދުވަހުގެ ތަޖުރިބާހުރި މުވައްޒަފަކަށްވެސް ޗީފް ޓްރާސްޕޯޓް އޮފިސަރު ލެވެލްގެ މަގާމެއް ދޭން ނިންމާފައިވޭ
 
ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ހުސައިން ނައުފަލް ނާސިރު ވަނީ އައްޔަންކޮށްފައި
 
ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށް ހަސަން މުޣުނީއާއި މުހައްމަދު ޖަމްޝީދު އައްޔަންކޮށްފައިވޭ

އެމްޓީސީސީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުންފުނީގެ އިސް ބައެއް މަގާމުތަކަށް މީހުން އައްޔަންކޮށްފިއެވެ.

އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާގޮތުގައި, އެމްޓީސީސީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ބަދަލު ގެނައުމުގެ މަސައްކަތް ކޮށްފައިވަނީ 3 ބޯޑް ޑިރެކްޓަރުންގެ ޣައިރުހާޒިރުގައެވެ. އަދި އެ ކުންފުނީގެ އޮނިގަނޑަށް ބަދަލުގެނައީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްގެންނެވެ.

އެ ބަދަލުތަކާއެކު ދެ މަގާމަކަށް ބޭފުޅުން އައްޔަންކުރައްވާފައި ވެއެވެ. އެއީ:

1. ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މަގާމަށް ހަސަން މުޣުނީއާއި މުހައްމަދު ޖަމްޝީދު

2. ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަގާމަށް ހުސައިން ނައުފަލް ނާސިރުއެވެ.

އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޓީސީސީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ބަދަލު ގެނައުމުގެ މަސައްކަތްކޮށްފައި ވަނީ 3 ބޯޑް ޑިރެކްޓަރުންގެ ޣައިރުހާޒިރުގައެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެމްޓީސީސީގެ ސީއޯކަަމަށް އަބްދުﷲ ޒިޔާދު އައްޔަންކުރި ފަހުންނެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ޓްރާންސިޝަން ކޮމިޓީގައި ހުރި ސްޓާފަކު އިސްކޮށް ބަހައްޓަވައިގެން، ހިންގުމާއި އިދާރީ ކަންކަމަށް ބަދަލުގެނައުމަށް މަސައްކަތް ކުރައްވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާގޮތުން މި ކަމަކީ ކުންފުނީގައި ގިނަ ދުވަހު މަސައްކަތްކުރި ތަޖުރިބާކާރުންނާއި، ގިނަ ދުވަސްވީ މުވައްޒަފުން އެކަމަކާމެދު ވަރަށް ބޮޑަށް ނުރުހޭ ކަމެކެވެ. ކުންފުނީގެ އޮނިގަނޑަކީ އިތުބާރާއެކު ޚިދުމަތް ދިނުމަށް މުހިންމު ކަމަކަށް ވާއިރު، ސިޔާސީ ބޭނުމަކަށް އެކަމަށް ބަދަލުގެންނަކަމަށްވެސް ބައެއް މުވައްޒަފުން ދަނީ ބުނަމުންނެވެ. އެގޮތުން އެމްޓީސީސީގެ މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތަޖުރިބާ މަދު މުވައްޒަފުންނަށް އިސް މަގާމުތައް ދެވޭ ގޮތަށް ބަދަލު ގެނައުމެވެ.

ހަމައެހެންމެ މިހާރު ތިބި ޖެނެރަލް މެނޭޖަރުންގެ މައްޗަށް ބަސްބުނެވޭ ގޮތަށް ގާތްގަނޑަކަށް 7 ޗީފް އޮފިސަރުން ލުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ އެނގިފައެވެ. ހަމައެހެންމެ އޯލެވެލް ފެންވަރުހުރި، އެންމެ ދެ އަހަރު ދުވަހުގެ ތަޖުރިބާހުރި މުވައްޒަފަކަށްވެސް ޗީފް ޓްރާސްޕޯޓް އޮފިސަރު ލެވެލްގެ މަގާމެއް ދޭން ނިންމާފައިވެއެވެ.

މިއީ ކުންފުނީގައި 15-20 އަހަރު ދުވަހު މަސައްކަތްކޮށްގެން މަގާމް ހާސިލްކޮށްފައިވާ ޖެނެރަލް މެނޭޖަރުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް އެމްޓީސީސީގެ ގިނަ މުވައްޒަފުން ގަބޫލުކުރެއެވެ. އަދި މިއީ މިހާރު ތިބި ޑިވިޝަން ހެޑުންނަށް ދެވޭ ޑިމޯޝަނެއް ނުވަތަ މަގާމު ދަށްވުންކަން ފާހަގަކޮށްލެވެއެވެ. މި ކުންފުނީގައި މިހާތަނަށް އަމަލުކުރަމުން އައި އާއްމު އުސޫލަށް ބަލާއިރު، ޖެނެރަލް މެނޭޖަރަކަށް އަންނަ މީހަކީ ގުޅުންހުރި ދާއިރާއަކުން ކިޔަވައިގެންހުރި، މަދުވެގެން 10 އަަހަރު ދުވަހުގެ ތަޖުރިބާހުރި މީހެކެވެ. އެހެންކަމުން މިއީ ކުންފުނީގެ ފެންވަރު ވަރަށް ބޮޑަށް ދަށްކޮށް، އެމްޓީސީސީ ސިޔާސީކޮށްލާނެ ކަމެއް ކަަމަށް ކުންފުނީގެ ގިނަދުވަސްވީ މުވައްޒަފުން ގަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް