ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 11:53
ތުރުކީ ލީގުގައި ކުލަބެއްގެ ރައީސް ދަނޑަށް އަރައި ރެފްރީ އަށް ހަމަލާދީ ވައްޓާލަނީ
ތުރުކީ ލީގުގައި ކުލަބެއްގެ ރައީސް ދަނޑަށް އަރައި ރެފްރީ އަށް ހަމަލާދީ ވައްޓާލަނީ
ގޫގުލް
ފުޓްބޯޅަ - ތުރުކީ ލީގް
ރެފްރީއަށް ހަމަލާދިން ކުލަބުގެ ރައީސް އުމުރަށް ސަސްޕެންޑްކޮށްފި
 
ރައީސްގެ ކުލަބު ވަނީ ޖޫރިމަނާކޮށް، ފަސް މެޗަށް ސްޕޯޓަރުން ނުވައްދަން ވަނީ އަންގާފައި

ތުރުކީގެ ސުޕަ ލީގުގައި މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗަކަށް ފަހު ދަނޑަށް އަރައި ރެފްރީގެ މޫނުމަތީގައި ޖަހައި ބިންމައްޗަށް ވައްޓާލި ކުލަބުގެ ރައީސް އުމުރު ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑްކޮށްފި އެވެ.

ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުން މިއަދު ބުނީ އަންގަރަގުޗޫ ކުލަބުގެ ރައީސް ފާރޫގް ކޮކާ ސަސްޕެންޑްކުރީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީން ކަމަށެވެ. މީގެ އިތުރުން އެކުލަބު ވަނީ 69000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ކުޅެންޖެހޭ ފަސް މެޗެއް ސަޕޯޓަރުން ނުވައްދައި ކުޅުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން އެކުލަބުގެ ބައެއް އޮފިޝަލުން ވެސް ވަނީ ރެފްރީ އަށް ހަމަލާ ދިނުމުގެ ހާދިސާ ބެލުމަށްފަހު އެކި މުއްދަތަކަށް ސަސްޕެންޑްކޮށްފަ އެވެ.

ފާރޫގް ކޮކާ ދަނޑަށް އެރައި ރެފްރީ ހަލީލް އުމުތު މެލާ އަށް ހަމަލާދިނީ ރިޒެސްޕޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އޭނާ ރުޅި އައީ 97 ވަނަ މިނިޓްގައި އިދިކޮޅު ޓީމު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމުންނެވެ. މި ހާދިސާއާ ގުޅިގެން ޖެހިގެން އައި ދުވަހު ފާރޫގް ކޮކާ ހައްޔަރުކުރި އެވެ. އަދި ތުރުކީ ލީގުގެ ހުރިހާ މެޗެއް ވަގުތީ ގޮތުން ހުއްޓާލި އެވެ. ނަމަވެސް އަންނަ އަންގާރަ ދުވަހު ލީގު އަލުން ފަށާނެ އެވެ.

މި ހާދިސާ އަށްފަހު ރެފްރީ މެލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަރުވާ ދިނުމަށްފަހު ދޫކޮށްލީ ބުދަ ދުވަހު އެވެ. އޭނާގެ ލޯކައިރިން ކަޅުވެފައި ހުރުން ފިޔަވައި ސިއްހީ މައްސަލައެއް މިހާދިސާގެ ސަބަބުން ދިމާނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް