ކ. މާލެ
|
24 މެއި 2023 | ބުދަ 22:02
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭސީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭސީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ގެޓީ އިމޭޖަސް
މޯދީ އޮސްޓްރޭލިޔާއަށް ވަޑައިގަތުން
މޯދީ އޮސްޓްރޭލިޔާގައި: މައިގްރޭޝަން އެއްބަސްވުމެއްގައި ސޮއިކުރެވޭނެ
 
މޯދީ އޮސްޓްރޭލިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ 2014 ވަނަ އަހަރަށްފަހު އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު

އިންޑިޔާއާ އޮސްޓްރޭލިޔާއާ ދެމެދު އޮތް އިގްތިސާދި ގުޅުންތައް ވަރުގަދަކުރުމަށް އަމާޒުހިފާފައިވާ މި ދަނޑިވަޅާ ދިމާކޮށް, ދެގައުމު ދެމެދުގައި ވެވޭ މައިގްރޭޝަން އެއްބަސްވުމެއް އިއުލާންކޮށްފިއެވެ. މިކަންއިއުލާންކޮށްފައި ވަނީ، އޮސްޓްރޭލިއާއަށް ވަޑައިގެން އުޅުއްވާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީއާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭސީ ސިޑްނީގައި ބުދަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުއެވެ. އެއްބަސްވުމުގެ އަމާޒަކީ؛ ކިޔަވާކުދިންނާއި، ގްރެޖުއޭޓުންނާއި، އެކަޑަމިކް ރިސަރޗްކުރާ ފަރާތްތަކުގެ އިތުރުން ވިޔަފާރިވެރިން އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުމުގައި މިހާރު ހުރި ބައެއް ކަހަލަ ދަތިތައް ފިލުވައިދިނުމެވެ.

ދެ ބޭފުޅުން އިތުރަށް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ރީޖަނަލް ސެކިއުރިޓީ ހިމެނެއެވެ.

އިންޑިޔާއާއި އޮސްޓްރޭލިޔާއަކީ ހަތަރު މެމްބަރުން ހިމެނޭ ކުއަޑް ގްރޫޕްގެ މެމްބަރުންނެވެ. ދެން ކުއަޑް ގްރޫޕްގައި ހިމެނެނީ ޖަޕާނާއި އެމެރިކާއެވެ. ކުއަޑް ގްރޫޕްގެ ބައްދަލުވުމެއް މިދިޔަ ހަފުތާގައި ސިޑްނީގައި ބާއްވާގޮތަށް ތާވަލުކުރެވުނެވެ. ނަމަވެސް ޖަޕާނުގައި ބޭއްވުނު ޖީ ހަތެއް ސަމިޓަށްފަހު ޑެޓް ސީލިންގއާބެހޭ މުހިންމު ވާހަކަތަކަކަށްޓަކައި އެމެރިކާގެ ރައީސް ޖޯބައިޑަން ވޮޝިންގޓަނަށް އެނބުރި ވަޑައިގަންނަވަން ޖެހުމުން އެ ބައްދަލުވުން ވަނީ ކެންސަލްކުރެވިފައެވެ. ނަމަވެސް މޯދީ ވަނީ ރޭވިފައިވާގޮތަށް ދަތުރުފުޅު ކުރިޔަށްގެންދަވާފައެވެ. އޮސްޓްރޭލިޔާއަށް ވަޑައިގެންނެވުމުގެ ކުރިން މޯދީ ވަނީ ޕަޕުއާ ނިއުގިނީއަށްވެސް ވަޑައިގެންފައެވެ.

މޯދީ މިހާރު އޮސްޓްރޭލިޔާއަށް ކުރައްވާ ދަތުރުފުޅަކީ 2014 ވަނަ އަހަރަށްފަހު އެގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި އެންތަނީ އަލްބަނޭސީ ވަނީ މާރޗް މަހު އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

އޮސްޓްރޭލިޔާއާ އިންޑިޔާއާ ދެމެދު މައިގްރޭޝަން އެއްބަސްވުމެއް އެކުލަވައިލުމާ ބެހޭގޮތުން މަޝްވަރާތައް ކުރިޔަށްދާތާ ދެތިން އަހަރު ވެއްޖެއެވެ. އޮސްޓްރޭލިޔާގައި މިހާރުވެސް އިންޑިޔާއިން ގޮސްފައިވާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެއެވެ.

ސެންސަސް ޑާޓާ ދައްކާގޮތުން 2016 ވަނަ އަހަރުގެ ފަހުން އޮސްޓްރޭލިޔާއަށް ހިޖުރަކޮށްފައިވާ މިލިއަނަކަށްވުރެ ގިނަ މީހުންގެ ގާތްގަޑަކަށް ހަތަރުބައިކުޅަ އެއްބަޔަކީ އިންޑިޔާއިން ހިޖުރަކުރި މީހުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް