ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 15:03
ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގާފައި
ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގާފައި
ބީބީސީ
އޮސްޓްރޭލިޔާގައި އެތައް މިލިއަން މަސް މަރުވުން
އޮސްޓްރޭލިޔާގެ ކޯރެއްގައި އެތައް މިލިއަން މަސް މަރުވެފައި ވަނިކޮށް ފެނިއްޖެ
 
ދުނިޔޭގެ ހޫނުމިން މަތިވަނީ ގަސް ކެނޑުމާއި ވިހަ ދުން ޖައްވަށް ދޫކުރުންފަދަ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން

އޮސްޓްރޭލިޔާގެ ނިއު ސައުތުވޭލްސްގެ މެނިންޑީ ކިޔާ އަވަށުގެ ކޯރެއްގައި އެތައް މިލިއަން މަސް މަރުވެފައި ވަނިކޮށް ފެނިއްޖެއެވެ. ހުކުރު ދުވަހު ހެދުނު މިކަން ފާހަގަވުމާ ގުޅިގެން ކޯރު ތަކުގެ ކަންތައް ބަލަހައްޓާ އޮތޯރިޓީން ބުނެފައިވަނީ މި ގޮތަށް, ދިމާވިކަމަށް ބެލެވފައިވަނީ އެހިސާބުގައި ހޫނު މާ ގަދަވުމުގެ ސަބަބުން ކަމުގައެވެ.

މެނިންޑީގެ ރައްޔިތުން ބުނާ ގޮތުގައި މިއީ މިހާ ގިނަ އަދަދަކަށް މިގޮތަށް މަސް މަރުވި ފުރަތަމަ ފަހަރެވެ. އެކަކު ބުނިގޮތުގައި ކޯރުގެ ތިރީހަކަށް ކިލޯ މީޓަރުގެ ސަރަހައްދެއްގައި މަރުވެގެން މަސްތައް މައްޗަށް އަރާފައި ވެއެވެ. އަދި އައްސޭރިއަށް ލައްގާފައި ވެއެވެ. މީގެ ތިން އަހަރު ކުރިންވެސް މިގޮތަށް މަސް މަރުވުމުގެ ހާދިސާއެއް އެހިސާބުގައި ވަނީ ހިނގާފައެވެ.

ހީޓްވޭވް ނުވަތަ އާދަޔާ ޚިލާފަށް ހޫނު ގަދަވަނީ ގަސް ކެނޑުމާއި ވިހަ ދުން ޖައްވަށް ދޫކުރުންފަދަ އިންސާނުންގެ އަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުންނެވެ. މިހާރު ކުރިމަތިވާ ހީޓްވޭވްގެ މުއްދަތުގައި ހޫނުމިން މާ ގަދަވެފައި އަދި މުއްދަތުވެސް ދިގުކަމަށް ފާހަގަކުރެވެއެވެ. ދުނިޔޭގެ ހޫނުމިން މަތިވެގެން ދިއުން ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތްތަ ނުކޮށްފިނަމަ، މިމައްސަލަ އިތުރަށް ސީރިއަސްވުމުގެ ސަބަބުން މަސް ފިޔަވައި އިތުރު ދިރޭ ބާވަތްތަކުގެ ދެމިތިބުމަށްވެސް ނުރައްކާ ވާނެއެވެ.

އެތައް މިލިއަން މަސް އެއްފަހަރާ މަރުވުމުގެ ހާދިސާ ކުރިމަތިވި އޮސްޓްރޭލިޔާ މެނިންޑީ އަވަށުގެ ހޫނު މިން ހޮނިހިރު ދުވަހު 42 ޑިގްރީއަށް އަރާފައިވާ ކަމަށް ވެއެވެ. މިއީ ވަރަށްވެސް މަދުން ނޫނީ އެގައުމުގެ ހޫނުމިން މަތިނުވާ މިންވަރެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް