ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 08:46
ގަލޮޅު ދަނޑުގައި ޔޯގާ ހަދަން ތިބި މީހުންގެ ތެރެއަށް ބަޔަކު ވަދެ ހަމަލާ ދެނީ - ވީޑިއޯ: ރާއްޖެއެމްވީ
ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާ ދިނުން
ޔޯގާ ހަދަން ތިބި މީހުންގެ ތެރެއަށް ވަދެ ހަމަލާ ދީފި
 
ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާދިން އިރު އެތަނުގައި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސްވެރިން ތިއްބެވި
 
އިންޓަރނޭޝަނަލް ޔޯގާ ޑޭ އަކީ 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެއް
 
ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާ ދިނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހުން ކަމަށް މައުލޫމާތުދޭ

އަންގާރަ ދުވަހު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގައި ތިބި މީހުންނަށް ހަމަލާ ދީފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއަށް ވަތް މީހުން ގޮވަމުން ދިޔައީ "ﷲ އަކުބަރު" އަދި "މިތަނުން ނުކުމޭ" އެވެ. އަދި އެތަނުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ޔޯގާ ހަރަކާތުގައި ބައިވެރިވި އެކި ފަރާތްތަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނަށް ވަތް މީހުން ގަލޮޅު ދަނޑުގެ ގޭޓް ފަޅާލާ، އެތަނުގައި ޖަހާފައި ހުރި ދިވެހި ދިދަތައް އެއްލާލާ، އެތަނުގައި ތިބި މީހުންގެ ގައިގައި ކޮޅުފައިން ޖަހާ މީހުންނަށް އިންޒާރު ދީފައިވެއެވެ. އަދި އެތަނަށް ވަތް މީހުން ގެންގުޅުނު ދިދަތައް އައްސާފައި ހުރި ދަނޑިން މީހުންގެ ގައިގައި ޖަހާ ހަމަލާދިފައިވެއެވެ.

އެތަނަށް ވަތް މީހުންގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ހަދަން ތިބި މީހުންނަށް ހަމަލާދިން އިރު އެތަނުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ސަރުކާރުގެ އިސް ފަރާތްތަކާއި، ހަރު އުމުރު ފުރައިގެ ދިވެހިންނާއި އާންމު ރައްޔިތުންވެސް ތިއްބެވެ.

ގަލޮޅު ދަނޑުގެ ތެރެއަށް އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާކަމަށް ބުނާ ބަޔަކު ވަދެ އެތަނުގެ ތެރޭގައި ޔޯގާ ހަދަމުންދިޔަ މީހުންނަށް ހަމަލާދިން އިރު، އެތަނުގައި ފުލުހުން ވެސް ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔައެވެ. އަދި އެތަނަށް ބަޔަކު ވަދެ އެތަނުގައި ތިބި މީހުންނަށް ހަމަލާދޭން ފެށުމުން ފުލުހުން ވަނީ އެތަން ކޮންޓްރޯލްކޮށްފައެވެ. ފުލުހުން އެތަން ކޮންޓްރޯލްކޮށްފައިވަނީ ކަރުނަ ގޭސް ޖަހައިގެންނެވެ.

މި ހަރަކާތުގައި 150 ވަރަކަށް މީހުން ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
19%
0%
19%
26%
0%
37%
ކޮމެންޓް