ކ. މާލެ
|
7 ޖެނުއަރީ 2022 | ހުކުރު 19:15
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަރުޝަދު ޚާލިދު
ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަރުޝަދު ޚާލިދު
ފޭސްބުކް
9 ކިލޯ ޑްރަގްގެ މައްސަލަ
ޑްރަގް ނެޓްވޯކް ހިންގުމަށްފަހު ފިލިކަމަށް ބުނާ އަރުޝަދު ދޫވި މައްސަލަ އިސްތިއުނާފު ކޮށްފި
 
މައްސަލައިގައި ދެން ހިމެނޭ މީހުންނާ އޭނާ ބައްދަލުކޮށް، އެކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރި ވެފައިވޭ
 
މައުލޫމާތު ލިބޭ ގޮތުގައި އަރުޝަދު މިހާރު ހުރީވެސް ރާއްޖެއިން ބޭރުގައި
 
119 ކިލޯ މައްސަލައިގައިވެސް އިސްކޮށް ހުރިކަމަށް ތުހުމަތުކުރެވެނީ އަރުޝަދުގެ މައްޗަށް

މާލޭގެ ފަސް ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލަ ސާބިތުނުވާކަމަށް ނިންމައި ކޯޓުން ދޫކޮށްލި އެންމެންގެ ބައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އެ މައްސަލައަކީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލޭގެ ފަސް ގެއެއް ބަލައި ފާސްކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ. އެގޮތުން މަސްތުވާތަކެތީގެ މި މައްސަލައިގައި، ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިން އާއި ހަތަރު ގުރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ. އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުން ހޯދާފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަރުޝަދަކީ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ކުރިއަށް ގެންދިޔައެވެ. މިއަޑުއެހުމުގައި، އެމީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ އަމުރުވެސް މުރާޖަޢާ ކޮށްފައިވެއެެވެ. ޖިނާޢީ އިޖުރާޢަތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ 30 ދުވަހަކުން އަމުރު މުރާޖަޢާކުރަންޖެހެއެވެ. އެގޮތުން، އެ ދުވަހުގެ އަޑުއެހުމުގައި އަރުޝަދުގެ ބަންދުގެ އަމުރު މުރާޖަޢާ ކުރުމަށްފަހު، އޭނާ ދޫކޮށްލީ އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދުއެވެ. ނަމަވެސް އަރުޝަދު ޚާލިދު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކުރިއެވެ.

މަސްތުވާތަކެތީގެ މި މައްސަލައިގައި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކޮށްފައިވާ ފަސް މީހުންނަކީ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. ނަމަވެސް މި މައްސަލަ ނިމިގެން ދިޔައިރު ކުށް ސާބިތުވީ ހުސައިން ޒަހީން އާއި އަސްލަމް ނާޒިމް މައްޗަށެވެ. ދެން ތިބި މީހުން ދޫވިއިރު، އޭގެ ތެރޭގައި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށްބުނާ އަރުޝަދުވެސް ހިމެނެއެވެ. އެއީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަރުޝަދު މިހާރު ހުރީވެސް ރާއްޖެއިން ބޭރުގައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ދައުވާކުރި މީހުންގެ ތެރެއިން ކުށް ސާބިތުނުވާކަމަށް ނިންމި އެންމެންގެ ބައި 28 ޑިސެމްބަރު 2021 ގައި ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

119 ކިލޯ މައްސަލައިގައިވެސް އިސްކޮށް އަރުޝަދު:

އޭގެ އިތުރުން، މާލެއާއި ހުޅުމާލޭގައި ފުލުހުން ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައިވެސް އޭނާ ހިމެނެއެވެ. މި މައްސަލައިގެ ތަހުގީގުން ހޯދިހޯދުންތަކުން، އެ ޓެކްސީން ފެނިފައިވާ ތަކެއްޗަކީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށްކިޔާ ލޯންޗުން މާލެއަށް އެތެރެކުރި މަސްތުވާތަކެތިކަމަށް ދެނެގަނެވިފައިވެއެވެ.

މި އޮޕަރޭޝަނުގައި, ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި އިތުރު ދެ މީހަކު އޭރު ހައްޔަރު ކޮށްފައިވެއެވެ. އެ ދެ މީހުންނަކީ ގދ. ހޯނޑެއްދޫ /އިރުމަތީގެ، އަޙްމަދު ސުނައިނު (25އ)އާއި ގދ. ހޯނޑެއްދޫ /ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ)އެވެ.

ފުލުހުން ބުނާ ގޮތުގައި އެ މައްސަލައިގައިވެސް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރީ އަރުޝަދުއެވެ. އެގޮތުން އެ މައްސަލައިގައި ދެން ހިމެނޭ މީހުންނާ އޭނާ ބައްދަލުކޮށް، އެކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރި ވެފައިވާކަމަށާއި، މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުހައްމަދު އަކްރަމް އަބްދުލް ހަންނާން ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
100%
0%
0%
ކޮމެންޓް