ކ. މާލެ
|
3 ޖުލައި 2021 | ހޮނިހިރު 22:51
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން
ސޯޝަލް މީޑިއާ
އެމްބަސީ ގޮއްވާލާނެ ކަމަށް ބުނި މައްސަލަ
އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓު ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
 
މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަަކަށް ވެސް އިލްތިމާސްކޮށްފައިވޭ
 
މިފަދަ ކަންތައްތައް ކުރުމަކީ ޖިނާއީ ކުށެއް
 
ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެއް

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓުވީޓު ކުރި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނަކު ހޮނިހިރު ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަަމަށެވެ. މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށާއި މި އިންޒާރާ ގުޅިގެން އިންޑިއަން ހައި ކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ސޯޝަލް މީޑީއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އަދި ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށްވާއިރު ރާއްޖެ އާއި އަވައްޓެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާ ގޮތަށް ކުރާ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފެތުރުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ ކަންކަމަކީ ރާއްޖޭގައި ތިބޭ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލެއް ކަމަށްވީ ހިނދު މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ވަނީ ހުރިހާ ފަރާތްތަަކަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީހަކު ހައްޔަރުކޮށްފައިވާއިރު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި، އިންޑިއަން ހައިކޮމިޝަންގެ ދެ އިމާރާތަށް އިތުރު ރައްކާތެރިކަމަށް އެދުމުން ސަލާމަތީ ބާރުތަކުން މިހާރު އެ ދެ އިމާރާތުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ، ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތަކާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ބޭރު ޤައުމުތަކުގެ ޑިޕްލޮމަޓިކް މިޝަންތަކާއި އެ މިޝަންތަކުގައި މަސައްކަތްކުރާ ޑިޕްލޮމަޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ޚަބަރުތައް ފެތުރުމަކީ އެ ގައުމުތަކާއެކު އޮންނަ ޒަމާންވީ ގުޅުމަށް ބުރޫއަރައި، އެ ގައުމުތަކާ މެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރުން އެކަށީގެންވާ ކަމަށާއި ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ ތަޞައްވުރު ކިލަނބުވެ، ދިވެހިރާއްޖެއަށް ލިބެން ހުރި ވިޔަފާރިއާއި، ފަތުރުވެރިކަމުގެ ފުރުޞަތުތަކަށްވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް