ކ. މާލެ
|
9 އޭޕްރިލް 2021 | ހުކުރު 19:17
ދަ ގްރާންޑޭ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 4-1 ން
ދަ ގްރާންޑޭ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔޫވީ މޮޅުވީ 4-1 ން
އެފްއޭއެމް
ދިރާގު ދިވެހި ޕްރިމިއާ ލީގު
ދަ ގްރާންޑޭ އަތުން ޔޫވީއަށް ލީގުގެ ފުރަތަމަ މޮޅު
 
ދަ ގްރާންޑޭ އަތުން ޔޫވީ މޮޅުވީ 4-1 ގެ ނަތީޖާއަކުން
 
ތާވަލުގެ ފުލުގައި ޔޫވީ އޮތީ ހަ ޕޮއިންޓާއެކު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް، ތާވަލުގެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޔޫވީ މޮޅުވީ ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ދަ ގްރާންޑޭއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުޙައްމަދު ސަޚާއުއެވެ. އެކަމަކު އޭގެ ފަހުން ޔޫވީން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އިސްމާޢީލް އީސަ (މެސީ) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން މިނެޓުގައި މިޑްފީލްޑަރު އަނަޓޯލީ ވްލަސީޗޭވް ވަނީ ޔޫވީއަށް ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޔޫވީން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަ ކުރިއިރު، މި ހާފު ފަށައިގެން 12 ވަނަ މިނެޓުގައި މެސީ ވަނީ އިތުރު ލަނޑެއް ޖަހައި، ޔޫވީގެ ލީޑު ފުޅާކޮދީފައެވެ. އަދި މި މެޗުގައި ޔޫވީން ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނަޓޯލީއެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މިއީ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މެޗަށް ނުކުތްއިރުވެސް އެންމެ ބޮޑަށް ހިތްހަމަޖެހިފައި ހުރީ، މި މެޗަށް ނުކުތްއިރު އެންމެ ފަހުން ކުޅުނު މެޗަށްފަހު ޓީމުގެ ރޫހު ރަނގަޅުވުން ކަމަށާއި، އެހެންކަމުން މިއީ ޔޫވީއަށް މުހިންމު މެޗެއް ކަމަށްވެސް ސާންތި ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މި މެޗު ދަ ގްރާންޑޭއިން ފެށީ ރަނގަޅަށް ކަމަށާއި، އެކަމަކު ކޮޅަށް ދެ ލަނޑު ވަން ހިސާބުން ދަ ގްރާންޑޭއަށް މެޗުގެ ކޮންޓްރޯލް ގެއްލުން ކަމަށެވެ. އެގޮތުން މި މެޗު ދިޔައީ މެޗަށް ތައްޔާރުވި ގޮތާ އެއްގޮތަކަށް ނޫން ކަމަށްވެސް ބުންޏެވެ.

މި މެޗުން މޮޅުވެގެން ލީގުގެ ދެވަނައަށް އެރުމުގެ ފުރުޞަތު ދަ ގްރާންޑޭއަށް އޮތް ނަމަވެސް، މެޗުން ބަލިވުމުން އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 12 މެޗުން ލިބުނު 16 ޕޮއިންޓާއެކުއެވެ. އަދި މި މެޗުން މޮޅުވި ޔޫވީ އޮތީ ފުލުގައި 12 މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް