ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 17:58
ފުލުހުންގެ ޚާއްސަ އޮޕްރޭޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި،
ފުލުހުންގެ ޚާއްސަ އޮޕްރޭޝަނެއްގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި،
ޕޮލިސް
މަސްތުވާތަކެތީގެ މައްސަލަތައް
އަތޮޅުތެރޭގައި ހިންގި އޮޕްރޭޝަންތަކެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
 
ތ. ތިމަރަފުށިން 32 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވޭ
 
ރ. އިނގުރައިދޫއިން 32 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވޭ
 
ބ. އޭދަފުށީން 18 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވޭ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ބ. އޭދަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ 18 އަހަރުގެ ދިވެހި ފިރިހެނަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މާރިޗު މަހުގެ 6 ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ބުނީ ރ. އިނގުރައިދޫގައި މި މަހު 5 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އއ. ބޮޑުފޮޅުދޫގައި މި މަހު 4 ވަނަ ދުވަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ބޮޑުފޮޅުދުއަށް ދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ލޯންޗުން ގެނައި ކޮތަޅެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ތ. ތިމަރަފުށީގައި މިމަހު 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން، ތިމަރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އަދި އެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި، ކުޑަ 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު އެކަކަށް ދީފައިވާއިރު އަނެކަކަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަތައް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
100%
0%
ކޮމެންޓް