raajjemv logo
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އަނެއްކާ ވެސް ޕޮޒިޓިވްވި މީހުންގެ އަދަދު 150ން މަތީގައި
 
ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުން
 
ކޮވިޑް ޖެހިގެން ކަރަންޓީން އަދި އައިސޮލޭޓް ކުރެވިފައިވަނީ 2512 މީހެއް
 
ފުވައްމުލައް ސިޓީން މިހާތަނަށް 50 މީހަކު ޕޮޒިޓިވް އަދި އައްޑޫ ސިޓީން 48 ޕޮޒިޓިވް
ހުސެއިން މަޚްތޫމް
1,752
ކ. މާލެ |
22 ފެބްރުއަރީ 2021 | ހޯމަ 23:12
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރެންޑަމް ސާމްޕަލިންގ ގެ މަސައްކަތް ކުރިއަށްގެންދަނީ
ރާއްޖެ އެމްވީ

ކޮވިޑް-19އަށް އިތުރު 161 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އާދިއްތަ ދުވަހުގެ އިރު އޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް މުޅި ރާއްޖެއިން 5000 ސާމްޕަލް ނަގާ ޓެސްޓް ކޮށްފައިވާ އިރު، މީގެ ތެރެއިން ޕޮޒިޓިވްވީ 161 މީހަކު ކަމަށް އެޗްޕީއޭއިން ބުނެއެވެ. 161 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 139 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 4 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި އެކެކެވެ.

އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ތ. ވިލިފުށިގެން ޕޮޒިޓިވްވި 2 މީހަކާއި ށ. ފޭދޫން މީހަކާއި، އައްޑޫ ސިޓީ ފޭދޫން އެކެކެވެ. ފޭދޫން ޕޮޒިޓިވްވި މީހަކީ މީގެ ކުރިން ޕޮޒިޓިވްވި މީހެއްގެ ޑައިރެކްޓް ކޮންޓެކްޓެކެވެ. ރިސޯޓްތަކުން ޕޮޒިޓިވްވި މީހުންނަށް ބަލާ އިރު، ލަކްސް ރިސޯޓުން ސްޓާފުން ހިމެނޭ ގޮތަށް 9 މީހަކާއި، އެހެނިހެން ރިސޯޓްތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫ ސިޓީން މިހާތަނަށް 48 މީހަކު ޕޮޒިޓިވްވެފައިވާ އިރު، 2 ކްލަސްޓަރއެއް ހިމެނެއެވެ. ފުވައްމުލައް ސިޓީން މިހާތަނަށް 50 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި 3 ކްލަސްޓަރއެއް ވަނީ ފެނިފައެވެ. މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ އަދި ފުވައްމުލައް ސިޓީއެވެ.

ރާއްޖޭގެ އަދަދުތަކަށް ބަލާއިރު، 162 މީހަކަށް އަދިވެސް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 155 ފަރާތަކަށް ފަރުވާދެމުން ދަނީ މާލެ ސަރަހައްދުގައެވެ. އޭގެ ތެރެއިން ޑީއެޗް-16 ގައި 4 މީހަކާއި، ޑީއެޗް-11 ގައި 2 މީހަކާއި، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 149 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅު ތެރޭގައި 4 ފަރާތަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. އެއީ ށ. އަތޮޅު ކޮވިޑް ފެސިލިޓީގައި 2 މީހުން، ބ. އަތޮޅުގައި 1، އައްޑޫ ސިޓީގައި 1ށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅު ތެރެއިން 2 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ އިރު، މީގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ.

އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަށް ބަދަލެއް ނާންނަކަން ވަނީ ފާހަގަކޮށްފައެވެ. ހޯމަ ދުވަހުގެ 161 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް 18،930 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 16،351 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން ކަރަންޓީން އަދި އައިސޮލޭޓް ކުރެވިފައިވަނީ 2512 މީހެކެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން ނިސްބަތުން ގިނައީ ޒުވާނުންނެވެ. އެގޮތުން 21 އަހަރާއި 30 އަހަރާއި ދެމެދުގެ 4739 ޒުވާނުން ޕޮޒިޓިވްވެފައިވާ އިރު، 31 އަހަރާއި 40 އަހަރާއި ދެމެދުގެ 4776 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ކުޑަކުދިން ޕޮޒިޓިވްވާ ނިސްބަތް ވެސް ގިނައެވެ. އެގޮތުން ތުއްތުއުމުުރުފުރާއިން 10 އަހަރާއި ދެމެދުގެ 1623 ކުދިން ޕޮޒިޓިވްވެފައިވާ އިރު، 11 އަހަރާއި 20 އަހަރާއި ދެމެދުގެ 863 ކުދިންނާއި ޒުވާނުން ވަނީ ވަނީ ޕޮޒިޓިވްވެފައެވެ.

މި ބަލީގައި މިހާތަނަށް 60 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ފެންނަ ކޭސްތައް އިތުރުވެ އެ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ 100ން މައްޗަށް އަރާފައެވެ. އަދި ކޭސްތައް އިތުރުވެގެން ގޮސްފައިވާ އިރު، އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 181 ކޭސްއެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ހުރީ ސްޓޭބަލް ވަރެއްގައި ކަމަށާއި، ދަށްވަމުން ނުދާ ކަމަށެވެ. އަދި ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ރޭޓް ދަށްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ ތިން ވަނަ ރާޅާއެކު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމުން ނަތީޖާ ފެންނާނީ ގާތްގަނޑަކަށް ދެތިން ހަފްތާ ފަހުން ކަމަށެވެ. އަދި މި ހިނގަމުންދާ ހަފްތާ ތެރޭގައި އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ބަދަލެއް ގެންނަ ނަމަ އެ މައުލޫމާތެއް ހާމަކުރައްވާނެކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް